ابن محمد

ދުނިޔެއާއި އާޙިރަތުގެ ދުޢާ

ލިއުނީ: ابن محمد

**************************************************

ދިވެހި ލިއުންތެރިއެއް ކަމުގައިވާ “އިބްނު މުހައްމަދު” ދިވެހި ޕޯސްޓު މެދުވެރިކޮށް ހަފްތާއަކު އެއްފަހަރު ހުށަހަޅައިދޭ “ދީން ކޮލަމް” ގެ ފުރަތަމަ އަދަދު، މާތްﷲ ގެ އިސްމުފުޅުން ފަށައިގަންނަމެވެ. ﷲ މި ކަމުގައި ބަރަކާތްލައްވާ، މިއީ ސަދަގަ ޖާރިއާއެއް ކަމުގައި ލައްވާށިއެވެ. އާމީން. މިފަހަރުގެ ލިއުމުގައި މިހުށަހަޅައިދެނީ ދުނިޔެއާއި އާޙިރަތް އެދިގެން މުސްލިމަކު ކުރަން އެންމެ އެކަށޭ، އަދި ގާތްގަނޑަކަށް ހުރިހާ ހެޔޮކަމެއް އެކުލެވޭ، ދުއާއެކެވެ.

************************************************

 1. ހައްދަވައި ބޮޑު ކުރެއްވި، ރަހްމާން ވަންތަ ރަހީމް ވަންތަ މާތް ﷲ.
 2. މިއަޅާ އަށާއި މިއަޅާގެ މަންމަ އާއި ބައްޕަ އަށް،

އަދި މިއަޅާގެ އަނބި މީހާއަށާއި/މިއަޅާގެފިރިމީހާއަށް،

މިއަޅާގެ ދަރީންނަށް،

އަދި މިއަޅާގެ މާމަމެންނާއި ކާފަ މެންނަށް،

އަދި މިއަޅާގެ އެއްބަނޑު ތިމާގެ އެންމެންނަށާއިހުރިހާ މުސްލިމުންނާއި މުސްލިމާއިންނަށް، އަދި މޫމިނުންނާއި މޫމިނާއިންނަށް، ފާފަ ފުއްސަވާ، އަޅަމެންގެ ތައުބާ ޤަބޫލް ކުރައްވާފާދޭވެ.

ޔާرحمن! އަޅަމެން ފާޅުގައި ކުރި ފާފައާއި ސިއްރުން ކުރިފާފަ ހިމެނޭގޮތަށް، އަދި އަޅަމެންނަށް އެގިގެންނާއި ނޭގޭ ހާލު ކުރި، ކުދި ބޮޑު ހުރިހާ ފާފައެއް ފުއްސަވާ، ތައުބާ ލައްވާ، އަޅަމެންގެ ތައުބާ އިބަﷲ ޤަބޫލް ކުރައްވާފާދޭވެ.

 1. ޔާالملك! އެންމެ މަތިވެރި ރަސްކަން މިލްކުވެ ވޮޑިގެނަވަނީ އިބަﷲ އަށެވެ. ދެދުނިޔޭގައިވެސް އިއްފަތްތެރި، އަބުރުވެރި، ތަގްވާވެރި، މިންވަރަށް އީމާންވާ، ﷲ އަށް ޝުކުރުވެރި އަޅުން ކަމުގައި އަޅަމެން ލައްވާފާދޭވެ. އަދި އަޅަމެންނަށް ދުނިޔޭގައިވެސް އެންމެ ހެއުގޮތް ދެއްވާ އާހިރަތުގައިވެސް އެންމެ ހެއުގޮތް ދެއްވާ އިބަ ﷲ ގެ ހަލުރަތުން ރައްކާތެރިކަން ދެއްވާފާދޭވެ.
 2. ޔާالرحيم! އިބަﷲ އީ އަޅުތަކުންނަށް އެންމެ ރަހީމްވަންތަ ރަސްކަލާނގެއެވެ. ދެދުނިޔޭގައި ވެސް ހެއްދެވި ހުރިހާ އަޒާބަކާއި، ފިތުނަ އަކާއި، ހަސަދައަކާއި، ސިހުރަކާއި، އަދާވަތްތެރި ކަމަކާއި، ރުޅިވެރިކަމަކާއި، ހުރިހާ ބައްޔަކާއި، ކުއްލި އެކްސިޑެންޓް ތަކުންނާއި ނުރައްކާތެރި ހުރިހާ ކަމަކުން، އަދި ހުރިހާ މުސީބާތަކުން އަޅަމެން ސަލާމަތް ކުރައްވާ ރައްކައުތެރި ކުރައްވާފާދޭވެ.
 3. ފަހުޒަމާނުގެ އާފާތްތަކުންނާއި، ފިތުނަތަކުންނާއި، ނުރައްކާތަކުން އަޅަމެންނަށް އަމާންކަން ދެއްވާ، އިބިލީހާއި އިބިލީހުގެ އައުވާނުންގެ ވަސްވާސް ތަކުންނާއި ނުބައިކަމުން އަޅަމެންނަށް ރައްކާތެރިކަން ދެއްވާ، ޔައުޖޫޖު މައުޖޫޖުގެ ނުބައި ކަމުންނާއި ދައްޖާލުގެ ފިތުނައިންނާއި ނުބައިކަމުން އަޅަމެނަށް ރައްކާތެރިކަން ދެއްވާފާދޭވެ.
 4. ޔާالقدوس! އަޅަމެންނަށް ހަލާލުތަކެތިން ރިޒުގު ދެއްވާ، ހަރާމްތަކެއްޗާ ދުރުކުރައްވާ، ދެދުނިޔޭގައިވެސް ގެއްލުންހުރި، އަދި ދެދުނިޔޭގައިވެސް ފައިދާއެއް ނެތް، ވަގުތު ބޭކާރު ކުރާކަންކަމުން އަޅަމެން ދުރުކުރައްވާފާދޭވެ. އަދި އެފަދަ ގެއްލުންހުރި ދުނިޔަވީ އުފާތަކާ އަޅަމެން ދުރުކުރައްވާ، އެއަމަލުތަކާ އަޅަމެންނާ ދެމެދު ފަރުދާއެއް ލައްވާ ފާދޭވެ. އަދި އަޅަމެންގެ ރިޒުގުގައި ބަރަކާތް ލައްވާ، ހިތްހަމަޖެހުމާއި ފުދުންތެރިކަން ދެއްވާފާދޭވެ.
 5. ޔާالمؤمن. ފަރުލު ފަސް ނަމާދާއި، ސުންނަތްކަން ގަދަވެގެންވާ ތަހައްޖުދު ނަމާދާއި، ވިތުރި ނަމާދާއި، ހެނދުނުގެ ލުހާ ނަމާދުގެ އިތުރުން ރަވާތިބް ސުއްނަތުގެ 12 ރަކުއަތުގެ އަހުލުވެރީންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ. އަދި ނަމާދަށް ތައްޔާރުވުމުގައި އަޅަމެން ކުރާ ވުލޫ އަކީ ގިޔާމަތް ދުވަހުގައި އަވުލޫގެ ފެންޖެހޭ ގުނަންތައް ގަދަ ނޫރަކުން އަލިވެގެންވާފަދަ، އިބަﷲ ޤަބޫލް ކުރައްވާ ވުލޫއެއް ކަމުގައި ލައްވާފާދޭވެ. އަދި ނަމާދުގައި އަޅަމެންނަށް ފުރިހަމަ ހުޝޫއެއް ދެއްވައި އަޅަމެންގެ ނަމާދުތައް ޤަބޫލް ކުރައްވައި، ޤިޔާމަތް ދުވަހުން ނަމާދާ މެދު ސުވާލުކުރެވޭ ހިނދު ނަމާދުގެ އިމްތިހާނުން ފުރިހަމައަށް ފާސްވާ އަޅުންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ.
 6. ޔާالمهيمن. ގިނަގިނައިން ކީރިތި ޤުރުއާން ކިޔަވާ، ތިލާވަތު ކުރާ، އަދި އެޤުރުއާން ހިތުދަސް، ޤުރުއާނުގެ އަހުލުވެރީންގެތެރެއިން އަޅަމެން ލައްވާފާދޭވެ. އަދި އެ ޤުރުއާނުގައި އިބަﷲ ބާވާލައްވާފައިވާ ހުކުމްތަކަށް ފުރިހަމައަށް ތަބާވެ އީމާންވެ، އެއާ އެއްގޮތަށް އަމަލު ކުރާ އަޅުންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ. އެ ޤުރުއާނަކީ އަޅަމެންގެ ހިތްތަކުގެ ރަބީއު ކަމުގައި، އަދި އަޅަމެންގެ ހިތަކުގެ ޝިފާ ކަމުގައި އަދި އަޅަމެންގެ ލޯތަކުގެ ނޫރު ކަމުގައި ލައްވާފާދޭވެ.
 7. ޔާالعزيز. ފަރުލް ރޯދައާއި، ހޯމަ ބުރާސްފަތީގައި ސުންނަތް ރޯދަ ހިފާ، ރޯދައިގެ އަހުލިވެރީންގެތެރެއިން އަޅަމެން ލައްވާފާދޭވެ. އަދި އަޅަމެންގެ ކިބައިން އެރޯދައިގެ އަޅުކަން އިބަﷲ ޤަބޫލް ކުރައްވާ، އިބަﷲ ވައުދުވެ ވޮޑިގެންފައިވާ ފަދައިން އެރޯދައަށް ހާއްސަ އަޖުރު ލިބޭ އަޅުންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ.
 8. ޔާالجبار. ފަރުލް ރަމަޒާން މަހާއި އަދި ހާއްސަކޮށް ލައިލަތުލްޤަދުރިވިލޭރޭގެ ފުރިހަމަ ސަވާބާއި ދަރުމަ އެދިގެން އެރަމަޒާންމަސްތަކުގައި ރޯދަހިފާ، ޤުރުއާން ކިޔެވުން ގިނަކޮށް، އަދި ރޯދަމަހުގެ ފަހު ދިހައިގެ ދުވަސް ތަކުގައި މިސްކިތުގައި އިއުތިކާފަށް ތިބެ، ރަމަޒާންމަހުގެ ފުރިހަމަ އަޖުރު ލިބޭ އަޅުންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ. އަދި އިބަﷲގެ ރަސޫލް (ސ.އ.ވ) އަށް ގިނަގިނައިން ސަލަވާތް ކިޔަވާ މީހުންގެތެރެއިން އަޅަމެން ލައްވާފާދޭވެ.
 9. ޔާالْمُتَكَبِّرُ. އަޅަމެންގެ ހަޔާތުން އެއްފަހަރު ނަމަވެސް ކައުބަތުﷲ ގެފުޅުވާ ހަރަމްފުޅުގައި ލައިލަތުލް ޤަދުރި ވިލޭރޭ ހޭދަ ކުރުމުގެ ހެޔޮ ނަސީބު ދެއްވާ ފާދޭވެ.
 10. ޔާالخالق. އިބަ ﷲގެ ރުއްސެވުމާއި ފުއްސެވުން އެދިގެން، އެއްވެސް ދެއްކުންތެރިކަމެއް ނެތި ގިނަގިނައިން ސަދަގާތްދޭ ސަދަގާތުގެ އަހުލުވެރީންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ. އަދި އަޅަމެންގެ ހިތްތައް ތޯހިރު ކުރައްވާ، އަޅަމެންގެ ސަދަގާތް ހަމައެކަނި އިބަ ﷲ އަށް ހާލިސް ކުރާ ބަޔަކު ކަމުގައި ލައްވާ، އެއް އަތުންދޭ ސަދަގާތް އަނެއް އަތަށްވެސް ނޭގޭނެ ފަދައިން އިހްލާސެރިކަމާއި އެކު ސަދަގާތް ކޮށް، އެ އަޅުކަން އިބަﷲ ޤަބޫލް ކުރައްވައި، ހެޔޮ ޖަޒާ ދެއްވާ އަޅުންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ.
 11. ޔާالبارئ. ފަރުލު ޒަކާތް އޭގެ އެންމެ ފުރިހަމަ އަދަދަށް، އޭގެ ވަގުތުގައި، އޭގެ ހައްގު ފަރާތާ ހަވާލުކޮށް އެހައްގު އަދާކުރާ ޒަކާތުގެ އަހުލުވެރީންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ.
 12. އަދި ގިނަގިނައިން ކައުބަތުﷲ ގެފުޅަށް ޒިޔާރަތްކޮށް ގިނަގިނައިން ހައްޖުވެ އުމްރާވާ އަޅުންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ.
 13. އަދި ކައުބްތުއްﷲ ގެފުޅުގެ އިތުރުން މަސްޖިދުއްނަބަވީ އަށް ޒިޔާރަތްކޮށް، އެމިސްކިތްކޮޅުގައިވާ ސުވަރުގޭގެ ބަގީޗާއެއްކަމުގައި ހަދީސުން ވާރިދުވެފައިވާ ރައުލާގައި ގިނަގިނައިން ނަމާދު ކުރުމުގެ ހެޔޮ ތައުފީޤް އަޅަމެންނަށް ދެއްވާފާދޭވެ. އަދި މާތްވެގެންވާ މަސްޖިދުއް އަޤްސާއަށް އެއްފަހަރު ނަމަވެސް ޒިޔާރަތްކޮށް އެމިސްކިތުގައި އިބަﷲ ހަލުރަތުން ޤަބޫލުފުޅުވެގެންވާ ނަމާދެއް ކުރުމުގެ ހެޔޮތައުފީޤް އަޅަމެންނަށް ދެއްވާފާދޭވެ. ޔާﷲ. އަޅަމެންނަކީ އިބަﷲ އަށް އަޅުކަން ހަލާސް ކުރާ، އެހެން ފަރާތަކަށް ދެއްކުންތެރި ކަމެއްނެތި ހަމައެކަނި އިބަﷲ އަށް އަޅުކަން ހާއްސަކުރާ، ރިޔާއިން އެއްކިބާވެގެންވާ ބަޔަކު ކަމުގައި ލައްވާދޭވެ.
 14. ޔާالغفار. އަޅަމެންނަށް ފުރިހަމަ ސިއްހަތު ދެއްވާ، އުމުރު ދިގު ކުރައްވާ، އެދިގު އުމުރުގައި ބަރަކާތް ލައްވާ، އެދިގު އުމުރުގައި އިބަﷲ އަށް ގިނަގިނައިން ހަމްދުކޮށް ޝުކުރުކޮށް، ތަގްވާވެރިކަމާއި އެކު އަޅުކަންކުރާ، ދެއްކުންތެރިކަމުންނާއި ބޮޑާކަމުން އެއްކިބާ ވެގެންވާ އަޅުންކަމުގައި އަޅަމެން ލައްވާފާދޭވެ.
 15. ޔާالمصور. އަޅަމެންގެ ބުރުސޫރަ ރިވެތި ކުރައްވާ، އަމަލުތައް ރިވެތި ކުރައްވާ، އަހްލާޤް ފުރިހަމަ ކުރައްވާ، އަޅަމެންގެ ހިތްތަކަށް ހިދާޔަތު ދެއްވާ، ދޫ ހަރުދަނާ ކުރައްވާ، ދޫ ރައްކާތެރި ކުރައްވާ، ﷲއަށް އެންމެ ފުރިހަމަގޮތުގައި ޝުކުރުވެރިވާ؛ އަދި ފުރިހަމަ ސަބުރަކުން ކެތްތެރިކަން ދެއްވާފައިވާ، ހެޔޮލަފާ ސޯލިހް، ތަގްވާވެރި އަޅުންތަކެއްކަމުގައި ލައްވާފާދޭވެ.
 16. ޔާﷲ. އަޅަމެންގެ މެދުގައި އުފެދިފައވާ ދެކޮޅުވެރިކަން ފިއްލަވާ، އަޅަމެންގެ ހިތްތައް އެކުވެރި ކުރައްވާ، އެއްބައެއް ވަންތަ ކަމާއި، ރަހިމުގެ ގުޅުން ވަރުގަދަ ކުރައްވާ، އަޅަމެންނަކީ ރަހިމުގެ ގުޅުން ކަނޑާ ބަޔަކު ކަމުގައި ނުލައްވާފާދޭވެ. އަދި އަޅަމެންނަކީ އަޅަމެންގެ މައިން ބަފައިންގެ ހައްޤު އެންމެ ފުރިހަމަ ގޮތުގައި އަދާކުރާ، މައިން ބަފައިންނަށް އުފް ވެސް ނުބުނާ، މައިން ބަފައިންގެ ހެޔޮބަސް ޤަބޫލްކުރާ، އެމީހުންނަށް ކަމޭހިތައި، އެންމެ ފުރިހަމަ ގޮތުގައި އެމީހުންނަށް އަޅާލާ ބަޔަކު ކަމުގައި ލައްވާފާދޭވެ.
 17. އަދި އެންމެ ހިނދުކޮޅަކަށްވެސް އަޅަމެން އަމިއްލަ ނަފްސުގެ މައްޗަށް ދޫނުކުރައްވާ، އަޅަމެންގެ ހުރިހާ ކަމެއްގައި އިބަﷲ މަގުދައްކަވައި، އެގޮތުގައި އަޅަމެންގެ ފައިތިލަތައް ސާބިތު ކުރައްވައިފާދޭވެ. އަޅަމެންނަށް އިބަﷲ ދެއްވާ ނިއުމަތާއި، ރައްކާތެރިކަމާއި ތެދުމަގު ފިލައިގެން ދިއުމުން އަޅަމެން ރައްކާތެރި ކުރައްވާފާދޭވެ. އަދި އަޅަމެންގެ ހަށި ތަކުގައާއި ފުރާނާގައި، އަދި އަޅަމެންގެ ހިއްސުތަކުގައި އަދި އަޅަމެންގެ އަނބިދަރީންނާއި މުދަލުގައި ބަރަޚަތް ލައްވާ، ނޫރެއްލައްވާފާދޭވެ.
 18. ޔާﷲ. ދެދުނިޔޭގައިވެސް ފައިދާ ހުރި އިލްމާއި ހިލްމާއި ހިކުމަތް އަޅަމެންނަށް ދެއްވާ. އެ އިލްމާއި ހިލްމާއި ހިކުމަތުގެ މަތީގައި، ޤުރުއާނާއި ސުއްނަތުގައި ހިފަހައްޓައިގެން ތިބޭ ކެތްތެރި ސާބިރޫން ކަމުގައި އަޅަމެން ލައްވާފާދޭވެ.
 19. އަދި ހާސްކަމާއި ނުތަނަވަސް ކަމާއި، ދޫ އޮޅުންފަދަ ކަންކަމުން އަޅަމެނަށް ޝިފާ ދެއްވާ، އަޅަމެންނަށް ހިތްވަރާއި ސާބިތުކަން ދެއްވާފާދޭވެ. ހަމަކަށަވަރުން އިބަﷲ ދެއްވާ ކޮންމެ ނިއުމަތަކަށްވެސް އަޅަމެންވަނީ އިންތިހާއަށް ބޭނުންވެ، އެދިއެދި ތިބޭ ހާލުގައެވެ.
 20. ޔާالوهاب! އިބަ ރަސްކަލާނގެ ރުހިވޮޑިގެންވާފަދަ ސިފަތަކެއް، އެފަދަ އަހްލާގެއް، އެފަދަ އަމަލުތަކެއް ލިބިފައިވާ ބަޔަކަށް އަޅަމެން ވާންދެން އަޅަމެން ބަދަލުކުރައްވައި އިސްލާހް ކުރައްވައިފާދޭވެ. އަދި އަޅަމެންގެ ހިތްތަކުން ނަފްރަތާއި، ރުޅިވެރިކަމާއި، ހަސަދަވެރިކަން ފިއްލަވާ އަޅަމެންގެ ހިތްތައް ސާފުކުރައްވާ އެހިތްތަކުގައި އިބަﷲގެ ހަލުރަތުން ނޫރެއް ލައްވާފާދޭވެ. ޔާﷲ. ރުޅި މަޑު ކަމުން އަޅަމެންގެ އަޙްލާޤް ރިވެތި ކުރައްވާ، ތަޤްވާވެރި ކަމުން އަޅަމެން މާތް ކުރައްވާ، ފުރިހަމަ ސިއްހަތުން އަޅަމެން ރިވެތި ކުރައްވާފާދޭވެ.
 21. ހައްދަވާ ގެންގުޅުއްވާ ޔާالرزاق! އަޅަމެންނަށް ފުދުންތެރިކަން ދެއްވާފާދޭވެ. އަދި ލިބޭ މިންވަރަށް ފުދިގެން، ﷲ އަށް ހަމްދުކޮށް، ޝުކުރުވެރިވެ ތިބޭ، މިންވަރަށް އީމާންވާ ބަޔަކު ކަމުގައި އަޅަމެން ލައްވާފާދޭވެ. އަދި އެހެން މީހުންގެ ރިޒްގަށް ހަސަދަވެރި ނުވާ، އެހެން މީހުންގެ ނިއުމަތްތައް ނެތި ދިއުމަށް ނޭދޭ، އަޅަމެން އަމިއްލައަށް އެދޭ ކަންތައްތައް އެހެން މީހުންނަށް ވެސް ލިބުމަށް އެދޭ، ހަސަދައާއި ރުޅިވެރިކަމުން އެއްކިބާ ވެގެންވާ، ސާފު ސީދާ ހިތްތަކެއްގެ ވެރި ބައެއް ކަމުގައި އަޅަމެން ލައްވާފާދޭވެ.
 22. ޔާالفتاح! އިބަ ރަސްކަލާނގެ ރަސްކަންފުޅު ފިޔަވާ އެހެން ފަރާތްތަކަށް ބަރޯސާވުމުން އަޅަމެންގެ ހިތަތައް އެއްކިބާ ކުރައްވާ ތޯހިރު ކުރައްވާފާދޭވެ. އަދި އަޅަމެންނަކީ ދުނިޔޭގެ ހަޔާތުގައި އެއްވެސް ކަމެއް ނުވަތަ ބައްދަލުވުމެއްފަދަ އެއްވެސް ކަމެއް، އިބަﷲގެ އިސްމުފުޅުން މެނުވީ ނުފަށާ ބަޔަކު ކަމުގައި ލައްވާފާދޭވެ. އަދި ނޭގެތިބެ ނަމަވެސް ޝިރުކު ކުރާ މީހުންގެ ތެރެއިން އަޅަމެން ނުލައްވާފާދޭވެ. އަދި ޝިރުކުގެ ހުރިހާ އަމަލަކުން ތޯހިރުވެ ތިބި، ތައުހީދުގެ އެންމެ ފުރިހަމަ ގޮތުގައި ސާބިތުވެ ތިބި ބަޔަކު ކަމުގައި އަޅަމެން ލައްވާފާދޭވެ.
 23. ހައްދަވާ ބޮޑު ކުރެއްވި ޔާالرافع! އަޅަމެންގެ ހިތްތައް މިސްކިތްތަކާ ގުޅުއްވާފާދޭވެ. އަދި އިބްރަސްކަލާނގެއަށް ކިޔަމަންގަތުމާ އަޅަމެންގެ ހިތްތައް ގުޅުއްވާފާދޭވެ. އަދި އިބްރަސްކަލާނގެ ހަޟްރަތަށް އަޅަމެންގެ ލޯތްބާއި ޝައުގުވެރިކަން ޖައްސަވާފާދޭވެ. އަޅަމެންނަކީ އިބަﷲ އަށް ލޯބިކުރާ، އަދި އިބަﷲގެ މަގަށް ގޮވާލާ، އެމާތް މަގުގައި ޖިހާދުކުރާ ، އަދި ރަސޫލުﷲ (ސ.އ.ވ) ގެ ފަރާތުން އިހްލާސްތެރިކަމާއި އެކު ރިސާލަތު ފޯރުކޮށްދޭ ބަޔަކު ކަމުގައި ލައްވާފާދޭވެ. އަދި ދުނިޔޭގެ ހަޔާތުގެ ވަގުތުގައި، އެންމެ ސިކުންތެއްވެސް ބޭކާރު ނުކޮށް، ވަގުތުގެ ބޭނުން، އާހިރަތް ބިނާ ކުރުމަށް، އެންމެ ފުރިހަމަ ގޮތުގައި ހިފާ، ވަގުތުގައި ބަރަކާތް ލެއްވިގެންވާ އަޅުންގެ ގޮތުގައި އަޅަމެން ހިމަނުއްވާފާދޭވެ.
 24. ޔާالمعز. އަޅަމެންނަކީ ދުނިޔޭގެ މުއްސަތިކަމަށާއި ދުނިޔޭގެ މަތީ މަޤާމްތަކަށާއި ދުނިޔޭގެ މާއްދީ ކަންކަމަށް އެދޭ ބަޔަކު ކަމުގައި ނުލައްވާ، އަޅަމެންނަކީ މިންވަރަށް އީމާންވާ، އާހިރަތުގެ ފުރިހަމަ ބާއްޖަވެރި ކަމަށް އެދޭ ބަޔަކުކަމުގައި ލައްވާފާދޭވެ. އަދި އިބަﷲ ގެ މަގުގައި އިހްލާސްތެރިކަމާއިއެކު ޖިހާދުކޮށް، އިބަﷲގެ މަގުގައި ޝަހީދުވާ ޝުހަދާއިންގެ ގޮތުގައި އަޅަމެން ލައްވާފާދޭވެ. އަދި އިބަﷲގެ ރަސޫލާ (ސ.އ.ވ) ގެ ބިން، މާތްވެގެންވާ މަދީނާގައި، މަސްޖިދުއް ނަބަވީގައި ނަމާދަށްވާ ހާލު، ބަރަކާތްތެރި ވެގެންވާ ހުކުރު ދުވަހެއްގައި، އިބަﷲގެ ރަހުމަތުގެ މަލާއިކަތުން އަޅަމެންގެ ފުރާނަ ހިއްޕެވުމުގެ ހެޔޮ ތައުފީޤް ދެއްވާފާދޭވެ.
 25. ޔާالبصير. އަދި، މަދީނާގެ މާތްވެގެންވާ ޖައްނަތުއް ބާޤީ (ޤަބުރުސްތާން) ގައި އަޅަމެން ވަޅުލެވުމުގެ ހެޔޮ ތައުފީޤް ދައްވާފާދޭވެ.
 26. ޔާاللطيف! އަޅަމެންނަށް އިހްލާސްތެރި، ދީންވެރި އާއިލީ މީހުން ދެއްވާ، ހެޔޮ ލަފާ، ސޯލިހު އެދުރުންތަކެއް ދެއްވާ، ތަޤްވާވެރި ރަގަޅު އެކުވެރީންތަކެއް ދެއްވާފާދޭވެ. އަދިއަޅަމެން މަރުވެދާ ދުވަހަކުން ފޫހިކަމެއް ނެތި އަޅަމެނަށް ހެޔޮ ބަސް ބުނާ، އަދި އަޅަމެންނަށް ހެޔޮ ދުއާ ކޮށްދޭ، އަދި އަޅަމެންގެ ނަމުގައި ސަދަގާތްދޭ ހެޔޮލަފާ ދަރީންތަކަކާއި، ތިމާގެ މީހުންތަކެއް، އަދި ހެޔޮލަފާ ރަހްމަތްތެރީންތަކެއް ދެއްވާ، ޤިޔާމަތް ދުވަހުން އަޅަމެންނަށް ޝަފާއަތްތެރިވާނޭފަދަ ރަގަޅު އިސްލާމީ އެދުރުން ތަކެއް ދެއްވާފާދޭވެ.
 27. ޔާالكبير. އަޅަމެން މިދުނިޔެ ދޫކޮށް، އާހިރަތަށް ދިއުމަށް ފަހު، އަޅަމެންނަށް ފައިދާ ކުރާނެ (ޤުރުއާން ކިޔަވައިދޭ މަދުރަސާއެއް ހެދުން، މިސްކިތެއް ބިނާ ކުރުން، މޭވާއަޅާ ގަސް އިންދުން، ފެންބޯ ވަޅެއް ބިނާކުރުން، ހެޔޮލަފާ ދަރީންތަކެއް ތަރުބިއްޔަތު ކުރުން ފަދަ)، ދެމިގެންވާ ސަދަގާތްތަކެއް ކުރުމުގެ ނިޔަތާއި، ފޯރުންތެރި ކަމާއި، އިހްލާސްތެރިކަން އަޅަމެންނަށް ދެއްވާފާދޭވެ.
 28. އަދި އެބަޔަކު ދެކެ އިބަﷲ ލޯބިވެ ވޮޑިގެންވާ، އަދި އެބަޔަކުވެސް އިބަﷲ ދެކެ ލޯބިވާ މީހުންގެތެރެއިން އަޅަމެން ލައްވާފާދޭވެ. އަދި އިބަﷲ ދެކެ ލޯބިވާ ކޮންމެ މީހަކަށް ކަމޭހިތާ އެފަދަ މީހުންދެކެ ލޯބިވާ ބަޔަކު ކަމުގައި އަލާމެން ލައްވާފާދޭވެ. އަދި އިބަ ރަސްކަލާނގެ ރަސްކަންފުޅު ދެކެ ލޯބިވުމާ ކައިރިކޮށްދޭ ކޮންމެ އަމަލަކަށް ލޯބިކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާފާދޭވެ.

 

 1. ޔާالجليل! އިބަ ރަސްކަލާނގެއަށް ތަވާޟުއުވެރިވުމުން އިބަރަސްކަލާނގެ އެބައެއްގެ ދަރަޖަ އުފުއްލަވާ މީހުންގެތެރެއިން އަޅަމެން ލައްވާފާދޭވެ. އަދި އިބަރަސްކަލާނގެ ރަސްކަންފުޅުގެ ހައިބަތަށްޓަކައި ހަމަހިމޭން ވުމުން އެމީހަކުދެކެ އިބަﷲ ލޯބިވެވޮޑިގެންވީ މީހުންގެތެރެއިން އަޅަމެން ލައްވާފާދޭވެ. އަދި އިބަރަސްކަލާނގެ ރަސްކަންފުޅަށް ކުއްތަންވުމުން އިބަﷲ އެމީހަކާ ކުއްތަންވެ ވޮޑިގެންވީ މީހުންގެތެރެއިން އަޅަމެންލައްވައިފާދޭވެ. އަދި އިބަރަސްކަލާނގެ ހަޟުރަތުގައި ދުޢާދެންނެވުމުން އިބަރަސްކަލާނގެ އެމީހާގެ ދުއާ އިޖާބަކުރެއްވި މީހުންގެތެރެއިން އަޅަމެން ލައްވާނދޭވެ.
 2. ޔާالكريم. ސޫޜަތުއް ފާސިރުގެ 32 ވަނަ އާޔަތުގައި އިބަﷲ ތައުރީފް ވަހީކުރައްވާފައިވާ އެންމެ މަތީދަރަޖައިގެ ސާބިގޫންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ. ޤިޔާމަތް ދުވަހުގައި ދިންނަވާނޭ މީހުން ބެހިގެންދާ ތިން ޖަމާއަތުގެތެރެއިން އިބަﷲ ކީރިތި ޤުރުއާންގައި ތަކުރާރުކޮށް ވަހީ ކުރައްވާފައިވާ އެންމެ މަތީ މީހުން (ސާބިޤޫން) ގެ ތެރެއިން އަޅަމެން ލައްވާ ޖައްނަތުލް ފިރުދައުސްގައި އިބްﷲގެ ރަސޫލް (ސ.އ.ވ) އާއި އެކުގައި އެފިރުދައުސްގައި ވުމުގެ މަތިވެރި ދަރަޖަ އަޅަމެންނަށް ދެއްވާފާދޭވެ.
 3. ޔާالرقيب! ޔާالمجيب! ޔާالودود. މުސްކުޅި ބަލިންނާއި، މުސްކުޅި އުމުރުގެ މުސީބާތްތަކުންނާއި، ބޮޑެތި ބަލިތަކުން، އަދި މަރުގެ ސަކަރާތުންނާއި، މަރު ހިއްޕެވުމުގެ ވޭނާއި އިމްތިހާން ތަކުން، އަދި މަރުމަތީގައި ޝައިތާނާ ކުރިމަތި ކުރުވާ ފިތުނަތަކުން އަޅަމެން ސަލާމަތް ކުރައްވާ ފުރިހަމަ ރައްކައުތެރިކަން ދެއްވާފާދޭވެ.
 4. ޔާالمجيد. އަދި އަޅަމެންގެ ފުރާނަ ހިއްޕެވޭ ވަގުތު އެފުރާނައާ ހަވާލުވަނީ މޫނު އަލި، ރަހްމަތުގެ މަލާއިކަތުން ކަމުގައި ލައްވާ، އަޅަމެންގެ ފުރާނައާއެކު އެންމެ މަތީ އުޑަށް، އިބަﷲގެ ހަލުރަތަށް އެމަލާއިކަތުން އެރުއްވުމުގެ އިޒުނަ ދެއްވައި، އަޅަމެންގެ ފުރާނައަށް އިބަﷲގެ ރަހްމަތްލައްވާފާދޭވެ. އަދި އެފުރާނަ އަނބުރާ ހަށިގަނޑަށް ވާސިލްވެ، ކައްވަޅުގައި ސުވާލުކުރެވޭ ވަގުތުގައި އަޅަމެނަށް ސާބިތުކަމާއި ކެއްތެރިކަމާއި، އިބަﷲގެ ހަލުރަތުން ތެދުމަގު ދައްކަވާފާދޭވެ.
 5. ޔާالباعث. ޔާالشهيد. ޔާالوكيل. ޔާالولي އަޅަމެންގެ ކައްވަޅު ފުޅާ ކުރައްވައި، އަމާން ކުރައްވައި، ކައްވަޅުގެ ފިއްތާލުމުން އަޅަމެންނަށް އަމާންކަން ދެއްވާފާދޭވެ. އަދި އަޅަމެންގެ ކައްވަޅުގައި ސުވަރުގެއަށް ދޮރެއް ލައްވައި، ހުރިހާ ބިރުވެރިކަމަކާއި ނުބައިކަމަކުން އަޅަމެންގެ ކައްވަޅު އަމާން ކުރައްވައި، ބަރްޒަހްގެ އަޒާބުން އަޅަމެން މުންޖި ކުރައްވައި ސަލާމަތް ކުރައްވާފާދޭވެ. އަދި އަޅަމެންގެ ކައްވަޅުތަކުގައި އަޅަމެންގެ ހެޔޮ އަމަލުގެ ގޮތުގައި އަޅަމެންނަށް ބައިވެރިންގެ ގޮތުގައި ނުވަތަ އަޅަމެންނަށް ޝަފާއަތްތެރި ވުމުގައި އަޅަމެންގެ ޤުރުއާނާއި ރޯދައާއި އެނޫންވެސް ހެޔޮ އަމަލުތައް ލައްވާފާދޭވެ. އަޅަމެންގެ ކައްވަޅުތަކުގައި، އަދި މަހުޝަރުގައި އަދި ސިރާތުމަގު ހުރަސް ކުރާއިރުގައި އަޅަމެންނަށް އިބަﷲ ހަލުރަތުން ނޫރެއް ދެއްވާ، އަޅަމެންގެ ހެއު އަމަލުގެ މީޒާން ބަރުކުރައްވާ، އެއަމަލުތައް މަހުޝަރުގެ އެއްވެސް މަރުހަލާއެއްގައި ގެއްލިގެން ދިއުމުން ރައްކާތެރި ކުރައްވާ، އެއަމަލުތަކުގެ ހެޔޮ ޖަޒާ ސުވަރުގެއިން އަޅަމެންނަށް ދެއްވާފާދޭވެ.
 6. އަދި ތާޅަފިލި ފުމެލެވޭ ވަގުތު ކައްވަޅުތަކުން އަޅަމެން ތެދުވާތެދުވުމަކީ ހިތްހަމަ ޖެހިގެން، އިބަﷲގެ ރުއްސެވުމާއި އެކު ތެދުވާ ތެދުވުމެއް ކަމުގައި ލައްވާފާދޭވެ.
 7. އަދި މަހްޝަރުގެ ދިގު ވަގުތުގައި، މަހްޝަރުގެ ގިނަގުނަ އިމްތިހާންތަކާއި ވޭންތަކާއި މުސީބާތްތަކުން އަޅަމެންނަށް ސަލާމަތްކަން ދެއްވާ. އަރްޝީގެ ހިޔާނޫން ހިޔަލެއްނުވާ އެދުވަހުގައި އަރްޝީގެ ހިޔަލުގައިވާ އަޅުތަކުންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ.
 8. ޔާﷲ. މަހުޝަރު ދުވަހުގައި އިބަﷲގެ ރަސޫލް (ސ.އ.ވ) ގެ ޝަފާއަތް ލިބޭ އަޅުތަކުންގެ ތެރެއިން، އަދި އެމާތްނަބިއްޔާގެ ކައުސަރުކީ އާރުން ލިބޭ އަޅުތަކުންގެތެރެއިން އަޅަމެން ލައްވާފާދޭވެ. އަޅަމެންނަކީ މާތްވެގެންވާ ޤުރުއާނުގެ ސޫރަތުލް ބަޤަރާއަށް އެ ސޫރަތަށް ދޭނެޖެހޭ ހައްޤު ސަމާލުކަން ނުދޭ އަޅުންގެ ތެރެއިން ނުލައްވާދޭވެ. އަދި މަހުޝަރު ބިމުގައި ބަގަރާ ސޫރަތާއި އާލް އިމްރާން ސޫރަތް ދެ ވިލާގަނޑުގެ ގޮތުގައި އައިސް ހެޔޮ އަޅުތަކުންނަށް ހިޔާ އަޅާއިރު އެ ހިޔަލުގައި އިބަﷲ ލައްވާ އަޅުތަކުންގެ ތެރެއިން އަޅަމެން ހިމަނުއްވާފާދޭވެ.
 9. އަދި ހިސާބު ބެއްލެވޭ ވަގުތުގެ ބިރުވެރިކަމުންނާއި، އަމަލުތަކުގެ ފަތްކޮޅު ހަވާލުކުރެވޭ ވަގުތުގެ ބިރުވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާ، ކަނައަތުން ފަތްކޮޅު ދެވޭ އަޅުތަކުންގެ ތެރެއިން އަޅަމެން ލައްވާފާދޭވެ. އަދި ނަރަކަ ނުވަތަ ޖަހައްނަމް މަހްޝަރަށް ގެނެވޭ ވަގުތުގެ ބިރުވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާ ފާދޭވެ.

40.ޔާالحميد. ޔާ އެއްވެސް އެހެން އިންސާނެއްގެ ހައްގަކަށް އަޅަމެނަނަށް، އަޅަމެންގެ ނުބައިކަމުން އަރާގަނެވިފައިވާނަމަ އެމީހުންގެ ހިތްތަކުގައި އަޅަމެންނަށް މާފްކުރުމުގެ ރޫހުލައްވާ، އަޅަމެނަށް އަފޫ ކުރައްވާ، އެމީހުންގެ ހައްގަށް އެރިފައިވާ މިންވަރުން އޭގެ އެތައް ގުނައަކުން އެމީހުންނަށް ހެޔޮ ބަދަލު ސުވަރުގެއިން ދެއްވާފާދޭވެ. ހަމަކަށަވަރުން އިބަﷲ އީ އެންމެ އިންސާފުވެރި، އިބަ ﷲގެ އަޅުތަކުންނަށް އެންމެ ލޯބިވެވޮޑިގެންވާ ރަސްކަލާންގެއެވެ.

 1. އަދި ހިސާބުބެއްލެވުމުގެ ބޮޑު އިމްތިހާނުންފާސްވެ، ކަނައަތުން ފަތްކޮޅު ލިބި، ފަސޭހަކަމާއި، އަމާންކަމާއި، އަވަސްކަމާއިއެކު، ހުރިހާ ބިރުވެރިކަމަކުން ސަލާމަތްވެގެންވާ ހާލު، އަލިވިދުވަރުގެ މިސާލުގައި ސިރާތުމަގު ހުރަސްކުރާ އަޅުތަކުންގެތެރެއިން އަޅަމެން ލައްވާފާދޭވެ. އަދި އިބަﷲގެ އިސްމުފުޅު(ބިސްމިﷲ) ކިއުމަށްފަހު ސިރާތުމަގު ހުރަސްކުރަންފެށުމުގެ ހެޔޮރަހްމަތް މިންވަރު ކުރައްވާ މީހުންގެ ތެރެއިން އަޅަމެން ލައްވާ، އެއްވެސް ނުރައްކަލެއްނެތި ސިރާތުމަގު ހުރަސްކުރާ ސޯލިހް އަޅުންގެ ތެރެއިން އަޅަމެން ލައްވާ ފާދޭވެ.

42.އަދި ސިރާތުމަގު ހުރަސްކޮށް ސުވަރުގޭގެ ދޮރުކޮޅާހަމައަށް އަމާންކަމާއެކު، ﷲގެ ހެޔޮ ރަހްމަތުން ވާސިލްވެ، ޤަންތަރާގެ މަރުހަލާގައި ވެސް އަޅަމެންގެ ހެޔޮއަމަލު ތަކުން އެއްވެސް ބައެއް އުނިނުވެ، އަޅަމެންގެ ފަރާތުން ދުނިޔޭގައި އަނިޔާއެއް ލިބިފައިވާނަމަ ވާ ބައެއްގެ ކިބައިން މައާފް ލިބިގެންވާ ހާލު، އަދި އިބަﷲގެ ހަލުރަތުން ރުއްސެވުމާއި ފުއްސެވުން ލިބިގެންވާ ހާލު، ހިތްހަމަޖެހުމާއިއެކު ޖައްނަތުލް ފިރުދައުސްކީ ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން އަޅަމެން ހިތްއެދޭ ދޮރުކޮޅަކުން، އުފަލުން ވަންނަ، ސާބިގޫންގެ ލަގަބު ލިބިގެންވާ، ސޯލިހް އަޅުންގެތެރެއިން އަޅަމެން ލައްވާފާދޭވެ. ޔާﷲ. އަޅަމެންނަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ކަމުގައިވާ ޖައްނަތުލް ފިރްދައުސް ދެއްވާ، އިބަﷲގެ ރަސޫލް (ސ.އ.ވ) އާއެކުގައި އެފިރުދައުސްގައި ވުމުގެ މަތިވެރި ދަރަޖަ އަޅަމެންނަށް ދެއްވާފާދޭވެ.

 1. الأول الآخر الظاهر الباطن الوالي المتعالي البر التواب المنتقم العفو  الرؤوف  مالك الملك  ذو الجلال و الإكرام   އަޅަމެންގެ ފާފަ ފުއްސަވައި، ތައުބާ ޤަބޫލް ކުރައްވައި، ހެޔޮ ރަހްމަތް ލައްވައި، ދެދުނިޔޭގެ ހުރިހާ ނުބައިކަމަކުން ސަލާމަތް ކުރައްވައި، އިބަﷲގެ ރަހްމަތުގެ ހިޔަލުގައި މިދުނިޔޭގައާއި އާހިރަތުގައިވެސްވާ ސޯލިހް އަޅުންގެތެރެއިން އަޅަމެން ލައްވާފާދޭވެ.
 2. الجامع النور الهادي الوارث  الرشيد الصبور! ހައްދަވާ ބޮޑުކުރެއްވި ރަހްމާން ވަންތަ ރަހީމްވަންތަ ޔާﷲ! އިބަރަސްކަލާނގެ ދީލަތިވަންތަ ކަމާ ތަނަވަސްކަމުގެ ތެރެއިން އިބަރަސްކަލާނގެ ހަލާލު ރިޒުޤުގެ ދޮރުކޮޅުތައް އަޅަމެންގެ މައްޗަށް ހުޅުއްވައި ދެއްވާނދޭވެ. އަދި އިބަﷲގެ ރަސްކަންފުޅު ފިޔަވައި އެހެން ފަރާތެއް އަޅަމެންގެ މައްޗަށް އައްޔަންވެ ހަވާލުވެގެންދިޔަ ނުދެއްވާދޭވެ. އަޅަމެންގެ ފާފަ ފުއްސަވާ ތައުބާ ޤަބޫލް ކުރައްވާ، ބާއްޖަވެރި ނިމުމެއް ދެއްވާ. ދާއިމަށް ދެމިގެންވާ ހަޔާތުގައި، ޖައްނަތުލް ފިރުދައުސްގައި ލައްވާފާދޭވެ.

اللَّهُمَّ أَنْتَ رَبِّي لّا إِلَهَ إِلَّا أَنْت،

خَلَقْتَنِي وَأَنَا عَبْدُك

وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْت،

أَعُوذُ بِكَ مِنْ شَرِّ مَا صَنَعْت،

أَبُوءُ لَكَ بِنِعْمَتِكَ

عَلَيَّ، وَأَبُوءُ بِذَنْبِي فَاغْفِر لِي فَإِنَّهُ لَا يَغْفِرُ

الذُّنُوبَ إِلَّا أَنْتَ

 

اللَّهُمَّ صَلِّ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ ❁ كَمَا صَلَّيْتَ عَلَىٰ اِبْرَاهِيْمَ وَعَلَىٰ آلِ اِبْرَاهِيْمَ ❁ وَبَارِكْ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ ❁ كَمَا بَارَكْتَ عَلَىٰ اِبْرَاهِيْمَ وَعَلَىٰ آلِ اِبْرَاهِيْمَ فِي الْعَالَمِينَ ❁ إنَّكَ حَمِيْدٌ مَجِيْدٌ

 

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

 

 

އާމީން.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.