ރިޕޯޓް

ހުޅުމާލެ އަނެއްކާވެސް ދަތުރު ދާ މަންޒިލަކަށް!

ހުދުކަން ގަދަ ރީތި ދޮންވެލިގަނޑުގައި އައިޝަތު އަލީ އާއި އޭނާގެ އާއިލާ ބައެއް މެމްބަރުން ތިބީ ހަވީރުގެ ސައި ބޯށެވެ. ކަމުން ދިޔައީ ގޭގައި ތައްޔާރުކުރި ހެދިކާ އެވެ. ކައިރީގައި އޭނާގެ ކޮއްކޮމެން ކުޅެން ތިއްބެވެ. އަނެއް ބަޔަކު ކުރިމަތިން ފެންނަ ސާފު، ރީތި މޫދުގަ އެވެ. އެކަމަކު މިއީ އެއްގޮތަކަށް ވެސް އަތޮޅުތެރޭ ރަށެއްގެ މަންޒަރެއް ނޫނެވެ. ކާރުބާރޫބޮޑު މާލޭގެ ހަވަނަ އަވަށް، ހުޅުމާލެ އެވެ.

ނަމަވެސް އެޗުޑީސީން މިހާރު ވަނީ އެ ސަރަހައްދު ހުސްކޮށް އާންމުންނަށް ހުޅުވާލައިފަ އެވެ. ހުޅުމާލޭގެ އެންމެ ހިތްގައިމު ހިސާބުގަނޑުން މިހާރު ފެންނަނީ އާއިލާތައް އެކުގައި މޫދަށް އެރި، ބީޗުގައި ހަމަޖެހިލައިގެން ތިބޭ މަންޒަރެވެ.

“އަދި ކިރިޔާ މިތަން ރަނގަޅަށް މި އޮތީ. ކިހާ ސަޅި. ކިހާ ރިލެކްސް. މިއީ މިތަން އޮންނަން ޖެހޭ ގޮތަކީ،” އައިޝާ ބުންޏެވެ.

ހުޅުމާލޭ މޫދުގައި އާންމުން އުފާކުރަނީ: މިހާރު މުޅި ސަރަހައްދު އޮތީ އާންމުންނަށް 

ހުޅުމާލޭގެ އިރުމަތީ ފަރާތުގައި ދެ ކިލޯ މީޓަރެއްހާ ދިގު ގޮނޑުދޮށް އާންމުންގެ ހިތަކަށް ލިބުމުން އެތައް ބަޔަކު އުފާކުރެ އެވެ. ގޭގައި ކައްކައިގެން އާއިލާތަކާއި އެކުވެރިން ދަތުރު ދާން މިހާރު ބޭނުންކުރަނީ ހުޅުމާލެ އެވެ. ބަންދު ދުވަހެއް ނަމަ އެ ސަރަހައްދުން ޖާގައެއް ހޯދަން އުނދަގޫ ވަރަށް އާންމުން އެއްވެ އެވެ. މިދިޔަ އީދު ބަންދުގައި އެތައް ހާސް ބަޔަކު ވަގުތު ހޭދަކުރީ ހުޅުމާލޭ ބީޗު ސަރަހައްދުގަ އެވެ.

އެކި ކުޅިވަރު ކުޅެވޭ ކަހަލަ ރީތި ދޮންވެލިގަނޑެއް އޮވެ އެވެ. ހެދިފައިވާ ބިޔަ ބޮޑު ގަސްތަކުގެ ސަބަބުން އަވިން ހިޔާވާނެ ޖާގަ ވެސް އެބަ އޮތެވެ. އެހެންކަމުން މިއީ ދަތުރު ދާނެ ރަށެއް ނެތި މާލޭގައި އުޅެމުން އަންނަ މީހުންނަށް ވެސް ފުރުސަތެކެވެ.

ހުޅުމާލޭ އެ ސަރަހައްދުގައި މަޑުކޮށްލައިގެން ހުސެއިން ހަމީދު ހުރީ، ހަގީގަތުގައި ވެސް ހިތްގައިމު މަންޒަރުން އުފާ ހޯދާށެވެ. އޮފީސް ނިންމާލުމަށް ފަހު ވަރަށް ގިނައިން އޭނާ ބީޗު ސަރަހައްދުގައި މަޑުކޮށްލަ އެވެ.

“އަހަންނަށް ކުޑަ ބަނޑޮހަށް ވުރެ ވެސް ރަނގަޅު މި ގޮތް. ކުޑަ ބަނޑޮހަށް މިޖެހެނީ ފުރައިގެން ދާން. ހުޅުމާލެ ވީމާ މާލޭގައި އުޅޭ ފެމިލީތަކުން ކާރުގައި އަންނަންވީ. ނޫނީ ސައިކަލްގައި،” ކުރިން މާލޭގެ ރައްޔިތުން އާންމުކޮށް ދަތުރު ދާން ބޭނުންކުރި ކުޑަ ބަނޑޮހާއި ހުޅުމާލެއާ ހުރި ތަފާތާ ބެހޭ ގޮތުން ހަމީދު ބުންޏެވެ.

“މިތާ އުޅެލާފައި އަނެއްކާ ފަސޭހައިން ދާންވީ. ކޮންމެހެން ނުޖެހޭ ބޮޑު ދަތުރެއް ހަދައިގެން ފަތިހުފަތިހާ ހޭލައިގެން އުޅޭކަށް.”

ކެފޭތަކުގެ ގޮނޑި އާއި މޭޒުތައް ނެގުމުން ހުޅުމާލެ އިރުމަތީ ފަރާތް ހުސްވެފައި 

ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދުގައި ކެފޭތައް ހިންގިއިރު އެތަނުގައި އޮންނަނީ ކެއުމާއި ކޮފީ ބުއިމާޢި ދުންފަތުގެ އިސްތިއުމާލްކުރުމުގެ އާދަ އެވެ. ނަމަވެސް އެތަން ހުސްކޮށް، އާންމުންނަށް ހުޅުވާލުމުން ކަމެއް “މިސްވެގެން” ބަޔަކު އުޅޭ މަންޒަރެއް ނުފެނެ އެވެ.

“މިހާރު މާ ޕްރައިވަސީ އެބަ އޮތް. ކުރިންވިއްޔާ ކޮފީ ބޯން މީހުން ފުރިފައި. ދަރިން ގޮވައިގެން ދާއިރު ވެސް ސިނގިރޭޓް ބޮއެ ހަދާ. މިހާރު މާ ޕްރައިވަސީ ލިބޭ،” ހުޅުމާލޭގައި ދިރިއުޅޭ ސިނާ އިބްރާހިމް ބުންޏެވެ.

ދަތުރު ދާން ހާއްސަކޮށް ތަރައްގީކުރަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުގައި ފެން ހޮޅި ވަޅުލުމުގެ މަޝްރޫއު ނިންމުމަށް ފަހު ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދު ތަރައްގީކުރާނެ އެވެ. އެ ތަރައްގީ އަންނާނީ އާންމުން ދަތުރު ގޮސް ތިބުމަށް ހާއްސަކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭ ދެކުނު ކޮޅުގައި ހުރި އެމްޑަބްލިޔުއެސްސީގެ މައި މަރުކަޒުން، ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ނަރުދަމާ އާއި ފެން ހޮޅީގެ ގުޅުން، ހުޅުމާލޭ ދެ ވަނަ ފިޔަވައްސާ ގުޅާލަނީ އިރުމަތީ ފަރާތު ބީޗު ސަރަހައްދުން ގެންގޮސްގެންނެވެ. އެކަމަށް އަށް މަސް ދުވަސްވަރު ނަގާނެ ކަމަށް، އެޗުޑީސީން ލަފާކުރެ އެވެ.

އޭގެ ފަހުން ދެން އޮންނާނީ ބީޗު ސަރަހައްދަށް އާ ތަރައްގީއެއް ގެނައުމުގެ މަސައްކަތެވެ.

“ކޭމްޕް ސްޓައިލަށް އެ ސަރަހައްދު ހަދާނީ. ބެންޗްތައް ޖަހާފައި އާންމުންނަށް ހުޅުވާލާފައި ބާއްވާ ގޮތަށް. އަމިއްލައަށް ތަކެތި ގެނެސް ކައި ހެދޭ ގޮތަށް،” ސުހައިލް ވިދާޅުވި އެވެ.

އާންމުން ހުޅުމާލޭ މޫދު ބޭނުންކުރަނީ: ގިނަ ބަޔަކު ހުޅުމާލެއަށް މިހާރު ދަތުރު ދޭ 

އޭނާ ވިދާޅުވި ގޮތުގައި ކެފޭ/ ރެސްޓޯރެންޓް ހިންގާ މީހުންނާ ހަވާލުކޮށްގެން އެ ސަރަހައްދު ތަރައްގީ ކުރުމުގެ ވިސްނުމެއް މިހާރަކު ނެތެވެ. އެތަން ތަރައްގީ ކުރާނީ ސީދާ އެޗްޑީސީން ކަމަށް ވިދާޅުވި އެވެ.

“ކެފޭތަކަށް އެ ސަރަހައްދު ދެނެއް ނުދޭނަން. އާންމުންނަށް ހުޅުވާލާފައި ބާއްވާނީ،” ސުހައިލް ވިދާޅުވި އެވެ.

ސާފުތާހިރުކަމަށް ސަމާލުކަން ދޭން ޖެހޭ

ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދުން އެތައް ބަޔަކު އުފާ ހޯދަމުން އަންނައިރު މިވަގުތު އޮތީ އެންމެ ޝަކުވާއެކެވެ. ކުނީގެ މައްސަލަ އެވެ. ދަތުރު ގޮސް އުޅޭ ބައެއް މީހުން އެތަނަށް ކުނި އަޅަނީ އެވެ. ގަވައިދުން ސާފުނުކުރާތީ ކުނީގެ މައްސަލަ ދަނީ ބޮޑުވަމުންނެވެ.

ސުހައިލް ވިދާޅުވި ގޮތުގައި އެ މައްސަލަ ހައްލުކުރަން ޕްލޭންތަކެއް އަންނަނީ ހަދަމުންނެވެ. ކުރިއަށް އޮތް ތަނުގައި ބަޔަކާ ހަވާލުކޮށްގެން ނަމަވެސް ނުވަތަ އެ ކޯޕަރޭޝަނުން ބަލަހައްޓައިގެން ނަމަވެސް އެ މައްސަލަ ހައްލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގައި އަމިއްލަ މީހާގެ ޒިންމާ ވެސް ބޮޑެވެ. ކުންޏަށް ވާ ކަހަލަ އެއްޗެހި ހިފައިގެން ދާ ނަމަ، އެ ނައްތާލާނެ ގޮތެއް ހޯދަން ޖެހޭނެ އެވެ. ގެއަށް އެ ކުނިތައް ގެންގޮސްގެން ނަމަވެސް، ނުވަތަ ޑަސްބިން ހުރި ތަނަކަށް ގޮސް އުކާލުމަކީ، ބީޗު ބޭނުންކުރާ މީހުންގެ ވެސް މަސްއޫލިއްޔަތެކެވެ.

ހުޅުމާލޭ ގޮނޑުދޮށުން އާންމުންނަށް މިހާރު އޮތީ އުފަލެވެ. އެއީ ތޮއްޖެހިފައިވާ މާލޭގެ ނުތަނަވަސް ދިރިއުޅުމުން ބޭރުވެލާނެ މަގެކެވެ. މިއީ ހުޅުމާލެ ބީޗު ސަރަހައްދު، ކެފޭ/ރެސްޓޯރެންޓްތަކުގެ އަތްދަށަށް ގެންދިއުމުގެ ކުރިން އެތައް ބަޔަކު އުޅުނު ގޮތެވެ. އޭރު ވެސް ބަންދު ދުވަސްތަކުގައި އެތައް ހާސް ބަޔަކު ހުޅުމާލެއަށް ދަތުރު ދެ އެވެ. އެ ފުރުސަތު އަނެއްކާވެސް މި އޮތީ ތަނަވަސްވެފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

25 އަހަރުގެ ތަޖުރިބާއާއެކު، އިބޫގެ ފިލާވަޅެއް: ރައްޔިތުންގެ ކައިރިއަށް ވަޑައިގަންނަވާ! ތެދު ބަހުން ވާހަކަދައްކަވާ!

ދިވެހި ޕޯސްޓް

“އައްޑޫސިޓީ ގައި އަޅާ “ރައީސް ނަޝީދު ބުރިޖް”!

ދިވެހި ޕޯސްޓް

ވަރަށް ފަސޭހަ ދެކަމަކުން ސުވަރުގެ ޔަޤީންކޮށްލުމަށް إِن شَاءَ اللَّـهُ

ދިވެހި ޕޯސްޓް