ރިޕޯޓް

ރާއްޖެތެރޭ ރައްޔިތުން ޖީބު ހުސްކޮށްލާފައި އެއަރޕޯޓަށް – ސަރުކާރުން ސަމާލުކަން ދޭން ޖެހޭ މައްސަލައެއް

ރާއްޖެތެރޭ މީހާ އަސާސީ ޚިދުމަތް ލިބިގަންނަން ބޮޑު އަގުގަ ލޯންޗު ހިފައިގެން ދަތުރުކުރަން ޖެހުނު އެއީ ޓްރާންސްޕޯޓް އޮތޯރިޓީން ކަންބޮޑުވާ ޤައުމީ މައްސަލައަކަށް ނުވިއެވެ.“ ޓްވިޓަރގައި ޚިޔާލު ފާޅުކޮށް، މީހަކު ބުނެފައިވެއެވެ.

އެންމެ ފުރަތަމަ ކިޔާލުމުން، މިއީ ކޮން ކަމެއްކަން ފަހުމުވެސް ނުވެދާނެއެވެ. ބޮޑު މައްސަލައެއްކަމަށް ވިސްނިވެސް ނުދާނެއެވެ. އެހެންނަމަވެސް، ބުނަން ހެއްޔެވެ؟ މިއީ އަތޮޅުތެރޭގެ ގިނަ ރައްޔިތުން އުފުލަމުންދާ ވޭނުގެ ވާހަކައެވެ. އެހެންކަމުން، ވަށާ ނުދުވެ، މިއީ ކޮން ވާހަކައެއްކަން ސާފުކޮށް، ތިލަކުރަން ހިނގާށެވެ.

މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖަށް އަދި އެވީ އެންމެ އަހަރެކެވެ. މި އަހަރު ދުވަހުގެ ތެރޭގައި އެސަރަޙައްދުގެ މީހުންގެ ދިރިއުޅުމަށް ވަނީ އެތަކެއް ބަދަލުތަކެއް އަތުވެފައެވެ. މި ބަދަލަކީ ކުރިން ކޮންމެ ދުވަހަކު ކަނޑު ހުރަސްކޮށް ކުރަމުން އައި ކުރު ދަތުރު، އެއަށްވުރެ އަރާމުކޮށް، އެއަށްވުރެ ފަސޭހައިން ކުރެވޭ، އެއްގޮތަކުން ބުނާކަމުގައިވާނަމަ އެއަށްވުރެ ކުރު ދަތުރަކަށް ބަދަލުވުމެވެ.

މި ބަދަލާއިއެކު އަދި ދާދި ގާތުން، ވެރިކަމަށް އައި ބަދަލާއެކު އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ޓެކްސީތަކުގެ ވާހަކައެވެ. ޓެކްސީ ޑްރައިވަރުންގެ ވާހަކައެވެ. އެފަރާތްތަކުން، ކުރަމުން އައި ދަތުރުތަކުގެ އަގުބޮޑުކަމުގެ ވާހަކައެވެ. މި ވާހަކަތައް އަޑުގަދަވެގެންދަނީ، އާއްމު ރައްޔިތުން ހަމަ މި ވާހަކަ ދައްކާލާތުން ކަމާ ބެހޭ މުއައްސަސާތަކުން ކުއްލިއަކަށް ނެރެލާ ބަޔާންތަކާއި، ކުއްލިއަކަށް ހަލުވި ސްޕީޑުގައި ނިންމާ ތަންފީޛު ކުރަން ފަށާ ޤަވާއިދުތަކުގެ ވާހަކައިންނެވެ. ބައެއް ފަރާތްތަކުން މި ޤަވާއިދުތައް ދެކެނީ ފުރަތަމަ އެހީއެއްގެ ގޮތުން އަޅާލާ ”މަލަންގަނޑެއްގެ“ ސިފައިގައެވެ.

މާލެއާއި ހުޅުލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން އެއްގޮތަށް ވުރެ ގިނަ ގޮތް ފަހިވެފައިހުރިއިރުވެސް، ސަރަޙައްދުގެ ރައްޔިތުންނަށް އެންމެ ހެޔޮ އަގު ހޯދައިދޭން، ސްޓޭޓް ސަރުކާރެއްހެން، މައި ސަރުކާރުން ދިޔައީ އެތައް ކަމެއް ކޮށްދެމުންނެވެ. ދަނީ އެތައް ކަމެއް ކޮށްދެމުންނެވެ.

އަދިވެސް، އަސްލު ވާހަކައަށް ނުދެވެއެވެ. އެކަމަކު ދެން ލަސްނުކޮށް މި އެނބުރިލަނީ އެދިމާއަށެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި އެއަރޕޯޓެއް ނޯވެއެވެ. އެއްގޮތަކަށްވެސް އެއަރޕޯޓެއް ނެތް އަތޮޅުތައްވެސް އެބަހުއްޓެވެ. އެއް އަތޮޅުކަމުގައިވިޔަސް، ކަނޑުދަތުރު ކުރުމަށް ހުރި ހުރަސްތަކާއި، ޖޯގްރަފީ އެތައް ސަބަބަކާ ގުޅިގެން، އަތޮޅުގައި އޮންނަ އެއަރޕޯޓަށް ދާން ދަތި އެތައް ރަށެއް އެބައޮތެވެ. ކަން މިހެން ހުރިކަމުގައިވިޔަސް ދަތުރު ނުކޮށް ތިބެވޭކަށް ނެތެވެ. ރަށުގައި އެކަށޭނެ ޚިދުމަތްތަކެއް ނެތެވެ. ޒަމާނުންސުރެ ވަސީލަތްތަކާއި ޚިދުމަތްތައް ވަނީ އެއް ސަރަޙައްދަށް ޖަމާކޮށް، ބަރާކޮށްފައެވެ. އެހެންކަމުން، ފުރާނަ އަތްމައްޗަށްލައިގެން ގަދަ ކަނޑުގައި ދަތުރުކޮށްފައިވިޔަސް، އެއަރޕޯޓަށް ދާން ޖެހެއެވެ. ނޫނީ ގަދަކަނޑުގައި ހިތްވަރުކޮށްފައި މާލެ ދާންވެސް ޖެހެއެވެ.

މިގޮތަށް ރަށަކުން، އެއަރޕޯޓެއް އޮންނަ ރަށަކަށް ދިއުމަކީ ވަރަށް ފަސޭހަކަމެއްކަމަށް، ފިނި ކޮޓަރީގައި ސިޔާސަތު ނިންމާ ފަންތީގައި ”ތިއްބަވާ“ ބޭފުޅުން ހީކޮށްފާނެއެވެ. އެބޭފުޅުން ދަމަކުން ބެރެއް ޖަހާހެން އެރަށްރަށަށް ވަޑައިގަންނަވާއިރު ލޯންޗުފަހަރު އޮންނާނީ ހަމަޖެހިފައެވެ.

އެހެންނަމަވެސް، މިގޮތަށް ލޯންޗެއް ހިފައިގެން އެއަރޕޯޓު ރަށްރަށަށް ދަތުރުކުރަމަކީ ގަދަކަނޑުގައި އުފުލާ ވޭނުގެ އިތުރުން، ޖީބުގައި އޮންނަ ވޮލެޓުވެސް އުފުލާ ވޭނެކެވެ. ލޯންޗެއް ހިފައިގެން ދަތުރުކުރަމަކީ އިންތިހާއަށް އަގުބޮޑު ކަމެކެވެ. ބައެއް ފަހަރު އެއީ ވައިގެ މަގުން ދަތުރުކުރަން ނަގާ ޓިކެޓަށްވުރެވެސް އަގުބޮޑު، ނުވަތަ އެއާ އެއްވަރުގެ އަގެކެވެ. އެހެންނަމަވެސް، ރާއްޖެތެރޭ ރައްޔިތުންވާ ކެތްގަދައެވެ. މާލޭ މީހުން، 100 ރުފިޔާ ދީފައި އެއަރޕޯޓަށް ދާން ޖެހުމުން ކުރިހާ ޝަކުވާއެއް ރާއްޖެތެރޭ ރައްޔިތުންވާ ނުކުރޭތާއެވެ.

ފަށަމުން ބަޔާންކޮށްފައި އޮތް ޚިޔާލުގެ ބާކީ ބައި އަނެއްކާވެސް ހިއްސާކޮށްލާނަމެވެ – ”މާލެއިން އެއަރޕޯޓަށް ބަހުގަވެސް ފެރީގަވެސް ދެވެއެވެ. މާލޭ ޓެކްސީތަކުން 100 ރުފިޔާ ނެގުންވީ ޤައުމީ މައްސަލައަކަށެވެ“.

ތެދެކެވެ. ކުރިންވެސް ބުނިހެން މި މައްސަލައާ ގުޅިގެން މައި ސަރުކާރުން ތެޅިފޮޅިގަތެވެ. ހަމަ މި ބީދައިން، އަތޮޅުތެރޭގެ ރައްޔިތުންގެ ޖީބަށް ލުއިކޮށްދޭންވެސް، ސަރުކާރުން މަސައްކަތް ކުރަން ޖެހޭނެއެވެ. ޓެކްސީގެ އަގުތައް، ޑްރައިވަރުން ބޭނުންވާ މިންވަރަށް ބޮޑުކޮށްލި ގޮތަށް، ހިތު ހުރި މިންވަރަކަށް އަގު މައްޗަށް ޖައްސައިން ދަތުރުކުރާ އެތައް ލޯންޗުފަހަރަވެސް އެބަ ހުއްޓެވެ.

މި މައްސަލަ ހައްލުކުރަން ކޮންމެހެން ލޯންޗު ޑްރައިވަރުން މައްޗަށް ބޮޑު ޤަވާއިދެއް ނެރެ، އެތަންފީޛު ކުރާކަށް ނުޖެހޭމެއެވެ. ރަނގަޅު ފެންވަރެއްގެ ފެރީގެ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ކުރެވިދާނެ ކަމެކެވެ. އަނެއްކޮޅުން، މިއީ ދައްކާ ދައްކާ ބާވެފައި އޮތް ވާހަކައެއްވެސްމެއެވެ. ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލާ ވާހަކަ އެތައް ޕޯޑިއަމެއްގައި ދައްކާފައި ނުވެއެވެ. އެހެންކަމުގައިވިޔަސް، މިކަންވެސް އަދިވެސް ހަމަ ކުރެވިދާނެއެވެ. ސަރުކާރުން އަމާޒު ހިފާފައި ހުރީ ކޮންމެ ރަށަކުންވެސް 20 މިނެޓުގެ ތެރޭގައި ދެވޭހާ ކައިރި ކައިރީގައި އެއަރޕޯޓުތައް އެޅުންކަމުގައިވާއިރު، އެއާއެކު މިކަން ކުރެވިދާނެއެވެ.

މިފަދަ ރަނގަޅު ނިޒާމެއް ޤާއިމް ކުރެވިއްޖެނަމަ، ޤައުމީ އެއަރލައިނުގެ ޝަކުވާތަކަށްވެސް ނިމުމެއް އަތުވެދާނެއެވެ. ދަތުރުތަކަށް ޑިމާންޑް ނޯންނަކަމަށް އެކުންފުނިން ވަރަށް އަޑު ހަރުކޮށް ބުނާކަމަށްވެއެވެ. ލޯންޗު ދަތުރުގެ އަގާއި މަތިންދާބޯޓު ޓިކެޓު އަގު ބޮޑުވުމުން، މަތިން ދަތުރު ނުކޮށް ތިބި އެތައް ބަޔަކު، އެއަރޕޯޓަށް ދާން ކުރާ ކަނޑު ދަތުރުގެ އަގު ހެޔޮވެއްޖެކަމުގައިވާނަމަ، މަތިން ދަތުރުކުރުން އެކަށީގެންވެއެވެ – ނަތީޖާއެއްގެ ޑިމާންޑުގެ މައްސަލައަށް ހައްލެއް އަންނާނެއެވެ.

އެއަރޕޯޓުތައް ހުންނަ ރަށްރަށޭ އެއްގޮތަށް ހޮސްޕިޓަލުތަކާއި ބޭންކުތައް ހުންނަ ރަށްރަށަށްވެސް ސަރުކާރު ފެރީގައި ފަސޭހަކަމާއެކު ދަތުރުކުރެވެން ޖެހޭނެއެވެ. ހަމައެހެންމެ، އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށްވެސް މި ބީދައިން ދަތުރުކުރެވެން ޖެހޭނެއެވެ. މިފަދައިން އިންތިޒާމުތައް ހަމަޖެހި، ރޭވުންތެރިކަމާއެކު ޚިދުމަތް ދެވޭކަމުގައިވާނަމަ މިއީ ވިޔަފާރިއާއި އިޤުތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް އެޅޭ ބާރެއްކަމުގައިވާނެއެވެ. މަސައްކަތްތަކާއި ވަޒީފާގެ ފުރުޞަތުތައް ހުޅުވޭނެކަމަކަށް ވާނެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި އާބާދީ 500 މީހުންނަށްވުރެ މަދުކަމުގައިވިޔަސް، އެފަރާތްތަކަށް އެއަތޮޅެއްގެ ތެރެއިން ފަސޭހަކަމާއެކު ދަތުރުކޮށްފައި ގޮސް، ބޮޑެތި މާކެޓުތަކުގައި އެފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ މަގު ތަނަވަސްވެފައި އޮތުމަކީ އެފަރާތްތައް، ނިކަމެތިކަމުން ސަލާމަތްކުރުމަށް ލެވޭ ބާރެކެވެ. އެންމެ ނިކަމެތި، އަދި އެންމެ ރަށްފުށުގައި އުޅޭ ފަރާތްތަކަށްވެސް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ޖެހޭއިރު، މިފަދަ ދަތުރުފަތުރުގެ ނިޒާމަކުން، މިކަންކަންވެސް ފޯރުކޮށްދެވޭކަން ޔަޤީން ކުރެވިގެންދާނެއެވެ.

ނިންމާލަމުން އެކަމަކު ކަމެއް ސާފުކޮށްލާނަމަވެ – މާލެ އިން ހުޅުލެއަށް ކުރާ ދަތުރުގެ ވާހަކަ ދެއްކުމުން ބައެއް ފަރާތްތަކުން ރުޅި އަތުވެދާނެއެވެ. އަދި އެއީ ހަމައެކަނި މާލެ މީހުންގެ ކަމެއް ނޫނޭވެސް ބުނެދާނެއެވެ. އަދި މަރުކަޒީ ސަރުކާރުން އެގޮތަށް ކަންތައް ކުރީ އެއީ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދާ ތަނެއްކަމަށްވެސް ބުނެދާނެއެވެ. އާނ އެކެވެ. ތިއީވެސް ތެދެކެވެ. އެކަމަކު މިއީވެސް ރައްޔިތުންނެވެ. ތިއީވެސް ރައްޔިތުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކުންފުނިތައް އަދިވެސް ޕާޓީތަކަށްތަ؟ ތަޖުރިބާ ގޯސް!

ދިވެހި ޕޯސްޓް

މަދު މަހުޖަނުންގެ އިގްތިސާދަކުން ގިނަ ރައްޔިތުން ޝާމިލްވާ އިގްތިސާދަކަށް ބަދަލުކުރުން

ދިވެހި ޕޯސްޓް

އަމިއްލަ ފަރާތަކުން ވި ޚިޔާނާތެއް ދައުލަތުގެ ބޮލުގައި އެޅެންވީ ކީއްވެ؟

ދިވެހި ޕޯސްޓް