ރިޕޯޓް

އަނިލްގެ ލަފައެއް، ޒިންމާއެއް ވެސް ނެތް؟

“އެމްއެމްޕީއާރުސީ މެދުވެރިކޮށް، ކޮރަޕްޝަން ކަންތައްގަނޑު ހިންގި ކަމެއް ނޭނގެ” އެވެ!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވާހަކަތަކަށް ބަލާއިރު، ދައުލަތުގެ އެންމެ އިސް ބައެއް ވެރިންގެ ބައިވެރިވުމާ އެކު ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވަމުން ދިޔަ ކަމުގެ އަޑެއް، އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ހަމައަށް ފޯރާފައެއް ނުވެ އެވެ. ފަސް އަހަރުގެ ދައުރެއް ނިމުނު އިރު، ދައުލަތުގެ އިސް ވެރިންނާއި މުއައްސަސާތަކުގެ ހާލަކީ ވެސް އެ އެވެ.

ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރުމާ ގުޅޭ ގޮތުން ހިންގި ތަހުގީގުގައި، ކުޑަވެގެން އޭޖީ އަނިލްގެ ބަޔާނެއް ނުހިމެނި ސަބަބަކީ އެއީ ކަމަށް ވުން އެކަށީގެންވެ އެވެ.

ނުއަގުގައި ރަށްތައް ވިއްކި ގޮތާއި ދައުލަތުގެ ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލާއި ހިޔާނާތް ރޭވި ކޮޓަރި އާއި އެތަނަށް ވެންނެވުމުގެ ހުއްދަ އޮތް މީހުންގެ މައުލޫމާތު ވެސް އޭސީސީގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އޮފީސް ކޮޓަރިއަށް ވަދެވެނީ އިނގިލީގެ ނިޝާނުން އެކްސެސްވާ ބަޔަކަށެވެ. އެގޮތުން ޒިޔަތު ފިޔަވައި އެ އެކްސެސް އޮތް އަނެއް ހަތަރު ބޭފުޅުންގެ ތެރޭގައި އަނިލް ހިމެނެ އެވެ. އެހެންކަމުން އެމްއެމްޕީއާރުސީގައި އޭރު ގަންނަމުން ދިޔަ ގަނޑުގެ ކުޑަ ވެސް ނިޝާނެއް އޭނާ އަށް ފެނިވަޑައިނުގަތުމަކީ އަޖައިބެއް ފަދަ ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ޔާމީންގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީ އާއި ގާނޫނުތައް މުގުރަމުން ދިޔަ އިރު، އޭގެ ފަހަތުގައި އަނިލް ހުންނެވިކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް، ފަނޑިޔާރުން ހައްޔަރުކުރަން ކުއްލި ހާލަތުު އިއުލާން ކުރީ ވެސް ބަންޑާރަ ނައިބަކަށް އަނިލް ހުންނަވަނިކޮށެވެ. އިދިކޮޅާ ގުޅުނު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރުނު އިރު، ފަނޑިޔާރުންނަށް ޕްރެޝަރުކުރަން ރޭގަނޑު އެ ކޯޓަށް ވެންނެވި ސަރުކާރުގެ އިސް ވެރިންގެ ތެރޭގައި ވެސް އަނިލް ހިމެނިވަޑައިގަންނަވާ ކަމަށް އޭރު އަޑުއެރި އެވެ.

ހިޔާނާތުގެ އިސް ދައުރެއް އަދާކުރެއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް. އަދީބުގެ ބާރުވެރިކަން ސަރުކާރުގެ ތެރޭގައި އޮތް އިރު އެމަނިކުފާނާ ގާތް ބޭފުޅުންގެ ތެރޭގައި އަނިލް ހިމެނިވަޑައިގަންނަވާ.

ޒިޔަތުގެ ކޮޓަރި އަށް ވެންނެވުމުގެ ހުއްދަ އަނިލްގެ އިތުރުން ދެން އޮތީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިތުރުން އެމްއެމްޕީއާރުސީގެ އިންވެސްޓްމެންޓް އެގްޒެކްޓިވްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާއު އަށެވެ.

އޭސީސީގެ ރިޕޯޓުގައި އަނިލް ފިޔަވައި އެ ކޮޓަރި އަށް ވެންނެވި އެންމެންގެ ބަޔާން ހިމަނާފައިވެ އެވެ. އަނިލްގެ ބަޔާނެއް ނުވަތަ ރަށްތައް ދޫކުރުމާ ގުޅޭ ގޮތުން އޭނާ ލަަފައެއް ދެއްވި ކަން ނުވަތަ ނޫން ކަން ވެސް ހިމަނާފައެއް ނުވެ އެވެ.

އަނިލްއާ ސުވާލުކުރި، ބަޔާން ނުހިމެނީ!

އޭސީސީގެ މެމްބަރަކު ނަން ހާމަނުކުރަން އެދިވަޑައިގެން ވިދާޅުވީ ޚިޔާނާތުގެ ތަހުގީގުގައި އަނިލްއާ ވެސް ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވި ކަމަށެވެ. އެ މައުލޫމާތުތަކަށް ބަލާއިރު، އެމްއެމްޕީއާރުސީން ރަށްތައް ދޫކުރަން ނިންމުމުގައި، އަނިލްގެ އެއްވެސް ދައުރެއް އޮތް ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށް މެމްބަރު ވިދާޅުވި އެވެ.

“ރަށްތައް ދޫކުރުމާ ގުޅޭ ގޮތުން އޭޖީ ލަފާ ދެއްވި ކަމުގެ އެއްވެސް ލިޔުމެއް ވެސް ތަހުގީގަށް ލިބިފައެއް ނުވޭ،” މެމްބަރު ވިދާޅުވި އެވެ.

ޒިޔަތުގެ ކޮޓަރި އަށް އަނިލްއާ އެކު އާއްމުކޮށް ވެންނެވި ޝައިނީގެ ބަޔާން ވެސް ރިޕޯޓުގައި ހިމެނެ އެވެ. އޭސީސީގެ ތަހުގީގަށް އަނިލް ހިއްސާކުރެއްވި މައުލޫމާތު ރިޕޯޓުގައި ނުހިމެނީ ކީއްވެގެންތޯ އެހުމުން މެމްބަރު ވިދާޅުވީ ތަހުގީގަށް ސުވާލުކުރާ އެންމެން ނުވަތަ ހުރިހާ ވާހަކައެއް ބަޔާނުގައި ނުހިމަނާ ކަމަށެވެ. ބަޔާނުގައި ހިމަނަނީ، މުހިއްމު ވާހަކަތައް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މިންގަނޑުން ބަލާ ނަމަ ޝައިނީ ވެސް ދެއްކެވީ ތަހުގީގަށް މާ މުހިއްމު ވާހަކަތަކެއް ނޫނެވެ. ޝައިނީ ވިދާޅުވެފައި ގޮތުގައި، އެ ކޮޓަރި އަށް އޭނާ އަށް އެކްސެސް އޮންނަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ކަންކަމުގައި އެމްއެމްޕީއާރުސީއަށް ވަރަށް ގިނައިން ވަޑައިގަންނަވާތީ އެވެ. އޭގެ އިތުރުން “އެއްކޮށް މަސައްކަތްކޮށް، ގިނަ އިރު އެއްކޮށް އުޅޭ ބަޔަކަށް ވާތީ އޮންނަ ގާތް ކަމެއްގެ ސަބަބުން” ކަމަށް ވެސް ވިދާޅުވި އެވެ.

އެތަނުގައި ޒިޔަތާއި އަދީބު ހިންގަވަމުން ގެންދެވި އެއްވެސް ކަމެއް، ޝައިނީ ވިދާޅުވި ގޮތުން ނަމަ، އޭނާ އަށް ރޭކައެއްނުލައްވަ އެވެ.

އަނިލްގެ ބަޔާން، އޭސީސީން ނުހިމެނި ސަބަބާ ގުޅޭ ގޮތުން ގާނޫނީ ބައެއް ވަކީލުން ސުވާލު އުފައްދަ އެވެ.

ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ ތަހުގީގުގައި އޭރުގެ ދައުލަތުގެ ބަންޑާރަ ނައިބުގެ ބަޔާން އޮންނަން ޖެހޭ ކަމަށެވެ. ރަށްތައް ދޫކުރުމާ ގުޅޭ ގޮތުން ލަފައެއް ދެއްވި ނަމަ އެ ލަފައެއް ނުވަތަ ތަހުގީގަށް އެހެން ވާހަކައެއް ވިދާޅުވި ނަމަ އެކަން ވެސް ތަހުގީގު ބަޔާނުން އެނގެން އޮންނަން ވާނެ ކަމަށް ވިދާޅުވި އެވެ.

“ތަހުގީގަށް ދައުލަތުގެ ބަންޑާރަ ނައިބު ދެއްވި ބަޔާން ޝަރީއަތުގައި ބޭނުން ކުރުމާއި ނުކުރުން އެއީ އެހެން ކަމެއް. އެ ޚިޔާނާތާ ގުޅިގެން ބަންޑާރަ ނައިބުގެ ބަހެއް އޭސީސީން ހޯދާފައި އޮންނަން ވާނެ،” މަހްފޫޒް ވިދާޅުވި އެވެ.

ގާނޫނާ ޚިލާފަށް ރަށްތައް ވިއްކުން ނުހުއްޓުވާ!

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެމްއެމްޕީއާރުސީ އޮގަސްޓު 2011 ގައި އުފެއްދީ، ހަމައެކަނި ޓޫރިޒަމް ޕްރޮމޯޓްކޮށް މާކެޓްކުރުމަށެވެ. އެ ކުންފުނި އުފެއްދި މައިގަނޑު އަމާޒާ ޚިލާފުވެ، ޓޫރިޒަމަށް ރަށްތައް ކުއްޔަށް ދޫކުރުން ފަދަ މުޅި ދައުލަތުގެ މަސްލަހަތާ ގުޅޭ ބޮޑު ޒިންމާއެއް ފެށީ އޭގެ ތިން އަހަރު ފަހުން، ޔާމީންގެ ވެރިކަމުގައި 2014 ގަ އެވެ. އެކަން އެގޮތަށް ކުރަން ފެށީ، އޭސީސީގެ ތަހުގީގަށް އަދީބު ވިދާޅުވެފައިވާ ގޮތުގައި، ރައީސް ޔާމީނާ އެކު މަޝްވަރާކޮށް، އެމްއެމްޕީއާރުސީގެ މެންޑޭޓް ވެސް ބަދަލުކޮށްގެންނެވެ.

އެކަމަކު ކުރިން ޓޫރިޒަމް މިނިސްޓްރީގެ ޒިންމާއެއްގެ ގޮތުގައި އޮތް އަދި ގާނޫނީ ބޮޑެތި އެއްބަސްވުންތައް ހިމެނޭ ކަމެއް އެމްއެމްޕީއާރުސީ އަށް ލިބުނު އިރު، އޭގެ ގާނޫނީ ލަފާ ދެއްވަން ޖެހޭނެ ފަރާތަކީ ވެސް ބަންޑާރަ ނައިބެވެ. އެކަމަކު އަނިލްގެ ލަފައެއް ރައީސް އަދި އިކޮނޮމިކް ކައުންސިލުން ހޯދި ކަމަކަށް އެ ރިޕޯޓުގައި ބުނެފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީން ދޫކުރި އެންމެ ފުރަތަމަ ރަށް، ދ. މާގައުގެ އެއްބަސްވުމުގައި ވެސް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނިޔާޒް ނެރުއްވި އޮޑިޓް ރިޕޯޓުގައި ތަފްސީލްކޮށް ހާމަކުރައްވާފައިވެ އެވެ.

ރަށްތައް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއާ ހަވާލުކުރީ، އެ ކުންފުނީގެ ހިއްސާ އޮންނަ ގޮތަށެވެ. އެކަމަކު އެމްއެމްޕީއާރުސީން އެ ރަށްތައް ވިއްކާލީ ރަށް ތަރައްގީކުރުމުގައި އެ ކުންފުނީގެ ހިއްސާ ނޯންނަ ގޮތަށެވެ. ޓޫރިޒަމް މިނިސްޓްރީއާ އެކު ވީ އެއްބަސްވުމާ އެމްއެމްޕީއާރުސީން ޚިލާފުވަނީ އެ ހިސާބުންނެވެ.

ބަންޑާރަ ނައިބު އަނިލް: ހިޔާނާތާ ގުޅޭ ގޮތުން އޭނާގެ ބަޔާނެއް އޭސީސީގެ ތަހުގީގުގައި ހިމަނާފައެއް ނުވޭ. — ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި، ބަންޑާރަ ނައިބުގެ ދައުރެއް އޮންނަން ޖެހޭނީ ޓޫރިޒަމް މިިނިސްޓްރީން އެމްއެމްޕީއާރުސީ އަށް ރަށްތައް ދޫކުރުމުގައި ގާނޫނާ ޚިލާފު ކަމެއް ހިންގާފައި އޮތް ނަމަ އެވެ. އެމްއެމްޕީއާރުސީއާ ރަށްތައް ހަވާލުވުމަށް ފަހު ދެން ހިނގައި ދިޔަ ކަންކަމުގައި ބަންޑާރަ ނައިބުގެ ދައުރެއް ނޯންނާނެ ކަމަށް ބައެއް ވަކީލުން ވިދާޅުވެ އެވެ. ސަބަބަކީ އެމްއެމްޕީއާރުސީ އަކީ އަމިއްލަ ކުންފުންޏަކަށް ވުމެވެ.

ރިސޯޓް ތަރައްގީ ކުރަން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަށްތައް ދެވިދާނެ ކަން ޓޫރިޒަމްގެ ގާނޫނުގައި އޮވެ އެވެ. އެ މާއްދާގެ ދަށުން ރަށްތައް ތަރައްގީ ކުރަން ދޫކުރުމަކީ ޒަމާނުއްސުރެން ކުރަމުން އަންނަ ކަމެކެވެ.

“އެ މާއްދާ އެހެން އޮންނަތާ ކިތަންމެ އަހަރެއް. އެކަމަކު އެ މާއްދާގެ ދަށުން އެންމެ ފުރަތަމަ ރަށްތައް ދީފައި ހުންނާނީ އެމްޓީޑީސީ އަށް. އޭގެ ފަހުން، ރައީސް ނަޝީދު ސަރުކާރުގައި ސީއެސްއާރު ކަންކަމަށް ރަށްތައް ދޫކުރީ ވެސް އެ މާއްދާގައި އެ ބުނާ ޕްރޮސެސްގެ ތެރެއިން،” މަސްލަހަތަށްޓަކައި ނަން ހާމަނުކުރަން އެދިވަޑައިގެން ވަކީލަކު ވިދާޅުވި އެވެ.

“އެ މާއްދާގެ ދަށުން ރަށްތައް ގޯހޭ ބުނާ ކަމަށް ވަނީ ނަމަ، އޭގެ މާނައަކީ ކުރީ ޒަމާނުއްސުރެން ރަށްތައް ދިނުން ވެސް ގޯހޭ. އެމްއެމްޕީއާރުސީ އަށް [ޓޫރިޒަމް މިނިސްޓްރީން] ރަށްތައް ދިން ދިނުމުގައި ގާނޫނާ ޚިލާފު ކަމެއް އޮތް ކަމަކަށް ނުފެނޭ.”

ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއާ ރަށްތައް ހަވާލުކުރުމުގައި ބަނޑާރަ ނައިބުގެ އޮފީހުން ގާނޫނީ ލަފައެއް ހޯދި ކަމެއް ސާފެއް ނޫނެވެ. ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީއާ ދެމެދު އޮތް އެއްބަސްވުމަކީ އެ ކުންފުނި ހިއްސާވެގެން ރަށްތައް ތަރައްގީ ކުރުމެވެ. އެކަމަކު އެ މާއްދާއާ ޚިލާފުވެ، އެމްއެމްޕީއާރުސީން ރަށްތައް އެކި މީހުންނަށް ދިނީ އެވެ.

“ރަށްތައް ވިއްކާލުމުގައި ގާނޫނާ ޚިލާފަށް އަމަލުކޮށްފައި ވަނީ. ޓޫރިޒަމާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގެ ށ. ގެ މުޅިން ރޫހާ ޚިލާފަށް ކުރީ. އެކަން އެގޮތަށް ކުރި ކަން އެނގޭ ހިސާބުން ބަންޑާރަ ނައިބު ވެސް އެކަން ހުއްޓުވަން ޖެހޭނެ،” ވަކީލަކު ވިދާޅުވި އެވެ.

އެކަމަކު، އަނިލް އެ ޒިންމާ އަދާކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ. ފޯނަށް ޖަވާބު ނުދެއްވާތީ، އޭނާގެ ބަހެއް ނުލިބުނެވެ.

ދައުލަތުގެ ތެރޭގައި ބޮޑު ހިޔާނާތެއް ހިނގައިދިޔަ ކަން އޮޑިޓް ރިޕޯޓުން ފަޅާއެރުމުން ވެސް ޒިންމާ އަދާކުރައްވަން ކުރެއްވި ކަމެއް ވިދާޅު ނުވެ، ހިޔާނާތް ހިނގި ކަން އެނގިވަޑައިނުގަންނަވާ ކަމަށް އަނިލް ހަމައެކަނި ވިދާޅުވުމަކުން ނުފުދެ އެވެ. ގާނޫނާ ޚިލާފު ކަންކަން ހުއްޓުވަން ދައުލަތުގެ ބަންޑާރަ ނައިބު ދެއްވި ލަފައަކާއި ޒިންމާ އަދާކުރެއްވި މިންވަރު ވެސް އެނގެން ޖެހެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

”އަތޮޅުތަކުން ލިބޭ އާމްދަނީ އޮތަޅަށް“ – މިހެން ކިޔާތާ 13 އަހަރު

ދިވެހި ޕޯސްޓް

މަސްވެރިކަމުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް!

ދިވެހި ޕޯސްޓް

ބޮޑެތި މަރުގެ އެންމެ ފުނަށް ފީނަން ޖެހޭ ލަސްވަނީ ކީއްވެބާ!

ދިވެހި ޕޯސްޓް