ރިޕޯޓް

”އަތޮޅުތަކުން ލިބޭ އާމްދަނީ އޮތަޅަށް“ – މިހެން ކިޔާތާ 13 އަހަރު

އަތޮޅުތަކުން ލިބޭ އާމްދަނީގެ ބައެއް އަތޮޅުތަކަށް ދިނުމާބެހޭގޮތުން އެންމެފުރަތަމަ ވާހަކަ ދައްކާފައިވަނީ 2006 ވަނައަހަރު، އެއިރުގެ އެޓޯލްސް މިނިސްޓަރު މުހައްމަދު ވަހީދުއްދީން (ޑީން) އެވެ. އެއުފާވެރި ޚަބަރުން އަތޮޅުތަކުގެ ގިނަ ބަޔަކަށް އުފާވެރިކަން ލިބިގެންދިޔައެވެ. އެވާހަކަ ސިޔާސީ ޕޯޑިއަމްތަކުގައި އަޑުގަދަކޮށް ދައްކާ، އެހެންވެއްޖެނަމަ އަންނާނެ ތަރައްގީގެ ޕްލޭން ތަސައްވަރު ކުރަމުންދިޔަތަން ފެނިގެންދިޔައެވެ. އެހެނަސް އެހުވަފެނަށް މިހާރު މިވަނީ 13 އަހަރުވެ އެހުވަފެން ބިލާހަކަށް ވެދާނެ ކަމުގެ ބިރު ހީވެފައެވެ.

އަތޮޅުތަކުގައި އިންފްރާސްޓަރަކްޗާގެ ފައިދާ އަތޮޅަށް ހޯދުން:

”އަތޮޅުތަކުގައި އިންފްރާސްޓަރަކްޗާ އެބަހުރި. ނަމަވެސް މައްސަލައަކަށް ދިމާވާނީ އަތޮޅުތަކަށް ލިބޭ އާމްދަނީގެ ފަރަގުގެ މައްސަލަ. އެފަރަގު ކުޑަކުރާނީ ސަރުކާރުން އެހީދީގެން، މިކަންކުރެވޭނީ މިކަމަށްގާނޫނީ އޮނިގަނޑެއް އެކުލަވާލައިގެން. އެހެންވެ މިކަމުގެމުހިންމުކަން ސަރުކާރަށް މިހުށައަޅަނީ.“ ،17 އޯގަސްޓް2006 ދުވަހު ހަވީރު ޑެއިލީއަށް ދެއްވި އިންޓަރވިއުއެއްގައި ޑީންވިދާޅުވެފައިވެއެވެ.

ވަހިއްދީންގެ މިވާހަކަ އޭރު އަތޮޅުތަކުގެ ރައްޔިތުންނަށް ވަރަށް ކަމުދިޔައެވެ. ރައްޔިތުންނަށް އޭގެން ލިބޭނެ ނަފާ ތަސައްވަރު ކުރެވި އެންމެ އާދައިގެ މީހާވެސް ފުދިގެން އުޅެވިދާކަމުގެ އުންމީދު ލިބިގެންދިޔައެވެ. އެކި ފޯރަމްތަކުގައި ”ރައްޔިތުމީހާގެ ޖީބަށް ފައިސާ“ ވަންނާނެ އިތުރު ފޯރމިއުލާތައް މަޝްވަރާ ކުރެވިގެންދިޔައެވެ. އަތޮޅު ފެންވަރުގެ އިތުރުން ރަށު ފެންވަރުގައި ކުރެވިދާނެ ކަންކަމުގެ ޕްލޭންތައް ކަރުދާހަށް ގެނައުމުގެ މަސައްކަތްވެސް ބައެއް ރަށު ކޮމެޓީތަކުން ކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.

އެންމެ ބޮޑު ސުވާލު:

ބޮޑު ސުވާލަކީ 13 އަހަރުވެގެންދިޔައިރު މިކަމުންލިބުނީ ކޮންކުރިއެރުމެއްތޯއެވެ. ސިޔާސީ ފަރާތްތަކުން އެކިފަހަރު ސިޔާސީ މަންފާއެއް ލިބުން ފިޔަވާ ވާހަކައިން ފައިދާއެއް ލިބުންތޯއެވެ. ބައެއް ރައްޔިތުން އެއީ ”ފްލޯކް ވާހަކައެއް“ގެ ގޮތުގައި ސިފަކުރާއިރު މިއަދު އިންތިހާބުތަކުގައި އެވާހަކައެއް ދެއްކުމުން ހިނިއަންނަ ވާހަކައަކަށް ވަނީ ވެފައެވެ. މިސިޔާސަތަށް ބާރު ލިބޭހެން ގާނޫނެއް ގަވާއިދަކަށް ބަދަލުގެނެވުންތޯއެވެ. ދައުލަތަށް ލިބޭހުރިހާ އާމްދަނީއެއްމައި ސަރުކާރަށް ޖަމާކުރުމުގެ ސިޔާސަތު ބަދަލުކޮށް އަތޮޅުތަކުން ލިބޭ އާމްދަނީއިން އަތޮޅުތަކަށް ހައްޤުވާ މިންވަރު ދިނުމުގައި ޖެހިލުންވަނީ ކޮންސަބަބަކާހުރެތޯއެވެ؟

މިއަދު މިއޮތް ސަރުކާރަކީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ދަށުން އަތޮޅުތަކަށް ހައްޤު މިންވަރު ހޯދައިދިނުމަށް ވަޢުދުވެ ރައްޔިތުން ވޯޓްދީގެން އައިސްފައިވާ ސަރުކާރެކެވެ. އަދި މިކަމަކީ ޖަޒީރާ މެނިފެސްޓޯގެ މައިގަނޑު ވަޢުދު ތަކުގެތެރޭގައި ހިމެނޭވަޢުދެކެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. ”ރައްޔިތުންގެ ބާރު – ލާމަރުކަޒީ ހިންގުން“ މިނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަހާސިންތާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ، ކައުންސިލްތައް ހިންގުމަށްޓަކައި ލިބެންޖެހޭ މާލީ ބާރުވެރިކަން އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށާއޮ ލާމަރުކަޒީ ނިޒާމަށް މާލީ ބާރުވެރިކަން އެންމެ ފުރިހަމަ ގޮތުގައި ގެނައުމަށް ބަދަލުތައް ގެނައުމުގެ ވިސްނުން މި ސަރުކާރުގައި އެބައޮތް ކަމަށެވެ.

‎“އަތޮޅުތަކުން ލިބޭ އާމްދަނީގެ ބައެއް އަތޮޅުތަކަށް ދޭން“ ކިޔާތާ 13 އަހަރު ވެފައިވާއިރު މިހުވަފެން ހަގީގަތަކަށް ވާން އެބަޖެހެއެވެ. އެޖެންޑާ19 ގެ ދަށުން ނަމަވެސް މަޖިލީހުގައި ތިއްބެވި ރަށު ލޯބި ހުރި މެމްބަރުންގެ އިސްނެގުމާއި އެކު ނަމަވެސް މިބަދަލު ގެންނަން އެބަޖެހެއެވެ. އަތޮޅުތަކުގެ ތަރައްގީއަށް އަތޮޅުތަކުން ލިބޭ ނަފާގެ ފައިދާ ބޭނުންކުރަން އެބަޖެހެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކޯލިޝަންގެ ކޯޅުން މިއީ ކިހިނެއް ނިމެނޭނެ ކަމެއް؟

ދިވެހި ޕޯސްޓް

ދިވެހިންގެ މަރާ ގުޅިފައިވާ ނުބައި އާދަތައް

ދިވެހި ޕޯސްޓް

ސުނާމީގައި އެހީތެރިޔަކަށް، މިހާރު ވެރިޔަކަށް!

ދިވެހި ޕޯސްޓް