ރިޕޯޓް

މަދު މަހުޖަނުންގެ އިގްތިސާދަކުން ގިނަ ރައްޔިތުން ޝާމިލްވާ އިގްތިސާދަކަށް ބަދަލުކުރުން

މީގެ 40 ހަކަށް އަހަރު ކުރިން ދިވެހިންނަކީ ރަށާއި އަދި ރަށްކައިރީ އޮތް ފަޅުރަށުންނާއި ކަނޑުން ދިރިއުޅުމުގެ އެކި ބޭނުންތަކަށް އެއްޗެހި ހޯދައިގެން، އެއިން ރަށުގައި ތަކެތި އުފައްދައިގެން ބޭރަށް އެކްސްޕޯޓްކޮށް އަތޮޅުތަކުގައި އަމިއްލަ ފުއްދުންތެރި އިގްތިސާދެއް ބިނާކޮށްގެން އުޅެމުން އައި ބައެކެވެ.

އެހެންކަމުން ރާއްޖޭގެ އާބާދީވެސް އޭރުވަނީ މުޅިރާއްޖެއަށް ބެހިފައެވެ. ވެރިކަން ކުރާ ރަށޭ ކިޔާ މާލެއަށް ހިޖުރަކުރުމުގެ ފޯރި ހުރިކަމެއް އާބާދީގެ ތަފާސް ހިސާބުތަކަކުން ނުދައްކައެވެ. މި ހަގީގަތްތައް ބަދަލުވެ ކޮންމެ ރައްޔިތަކީވެސް އެމީހަކު ގާބިލިއްޔަތު ހުރި ކަމަކުން ކުރިއެރުން ހޯދާ ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ މީހަކަށް ވުމުގެ ބަދަލުގައި، އެމީހާގެ މުޅި ވިސްނުމާ ފިކުރު ކުލިދައްކާނެ ރަގަޅު ގޮތެއް ހޯދަން ހުސްކޮށްލަން ޖެހިފައިވާ އިގްތިސާދެއް ތަރައްގީއާއެކު މިއޮތީ ބިނާވެފައެވެ. ވަޒީފާއެއް ހޯދާއިރުވެސް ގާބިލިއްޔަތާ ކުރާ ހިއްވާ ކަމަކަށްވުރެ ބޮޑަށް ކުލިދެއްކުމަށް އެންމެ ފަސޭހަވާނެ ގޮތެއް ހޯދުމަށް އުޅެން މިވަނީ ޖެހިފައެވެ. އެކަމުގެ ގެއްލުން ލިބެނީ ގައުމު އުފެއްދުންތެރިކަމަށެވެ. ދިވެހިންގެ ކުރިއެރުމަށެވެ. ދިވެހިންގެ ތަފާތު ހުނަރުތަކަށެވެ. އަދި އާއިލީ ގުޅުމަށެވެ. ރަށާ އަތޮޅުގެ ގުޅުމަށެވެ. ރަށްވެހިކަމަށެވެ. ސިއްޙަތަށެވެ. ނަފްސާނީ ދުޅަހެޔޮކަމަށެވެ. ވުމާއެކު މިހެން މިވީ ކީއްވެތޯ އަޅުގަނޑުމެން ބަލާލަން ޖެހެއެވެ. މި ލިއުމުގެ މަގްސަދަކީ އިގްތިސާދީ ސިޔާސަތު، ގައުމު ނުއަތުބުރަކަށް އެޅުމަށްޓަކާ އަދާކުރި ރޯލުގެ ކުޑަ ތަޢާރަފެއް ދިނުމެވެ.

އިގްތިސާދީ ގޮތުން ގައުމެއް ބަދަލުވާއިރު އެބަދަލުވާ ކަމެއްގެ ފައިދާ ލިބިގަންނަ ފަރާތަކީ ގިނަ ބައެއްތޯ ނުވަތަ މަދުބައެއްތޯ ކަނޑައެޅޭނެ ކަމަކީ އެކަމާ ގުޅޭ ދައުލަތުގެ ސިޔާސަތު ރާވާ ހިންގާ ގޮތެވެ. ސިޔާސަތު ރާވާ ތަންފީޒުކުރާ މީހުން ވިސްނުންތެރިކަމާއެކު ހޮވުން މުހިއްމުވަނީވެސް މިސަބަބަށްޓަކައެވެ. އެކިސަބަބުތަކާއި ހުރެ އަތޮޅުގައި ފަޅުރަށްރަށުގެ ބޭނުންކޮށްގެން ރައްޔިތުން ކުރި އެކްސްޕޯޓް ވިޔަފާރި ހީނަރުވެ އެކީއެކައްޗަށް ހުއްޓި އެރަށްތައް، ރާއްޖޭން ބޭރުގެ ފަތުރުވެރިންނަށް ޚާއްސަކޮށް ރިސޯޓް ހެދުމަށް ވަކިވަކި ވިޔަފާރި ވެރިންނަށް ދޭން ފެށުނެވެ. އަތޮޅުގެ ބިމަކަށް ވާތީ އަތޮޅު ރައްޔިތުންނަށް ހިއްސާއެއް އެ ވިޔަފާރިން ދިނުމަކާ ނުލައެވެ. ނަތީޖާއަކީ ޓެކްސްގެ ގޮތުގައި މައިސަރުކާރަށް ލިބޭ އާމްދަނީ އިތުރުވިޔަސް ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް ސިނާއަތުން ނެރޭ ފައިދާއާ އަޅާބަލާއިރު ކުޑަވުމެވެ. އަދި އެއާއެކު މަސައްކަތްތެރިންގެ ހައްގު ކަށަވަރު ކުރާނެ ޤާނޫނެއް ސިޔާސަތެއް ރަގަޅަށް ތަންފީޒުވެފައި ނެތުމުން އެއްވަނަ ދުނިޔޭގެ ސިނާއަތަކުން ތިންވަނަ ދުނިޔޭގެ މުސާރައާއި އިނާޔަތްތަށް ދީގެން ދިވެހިދަރިންނާއި އަދި ބޭރުމީހުން ވަޒީފާގައި ގެންގުޅެން މަސައްކަތްކުރުމެވެ. އަމިއްލަ ގައުމުގައި އާއިލާއާ ރަށަށް އޮންނަ ހައްގުތަކުން ތިމާ މަހުރޫމްވެ ވަކި ފަޅުރަށަކަށްގޮސް ވީ ގުރުބާނީގެ ހަމަ އަގެއް ވަޒީފާގެ ހައިސިއްޔަތުންވެސް ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ނުލިބުމެވެ.

ހަމައެކަނި މައިސަރުކާރަށް ޓެކްސް ދައްކައިގެން ހިންގޭ ގޮތަށް ރިސޯޓް ހިންގާފަރާތަށް ދޫކުރުމުގެ ސިޔާސަތުން ރަށާ ރައްޔިތުންނާ އަތޮޅުގައި ހިންގާ އިގްތިސާދީ މަސައްކަތާއި ދެމެދު ދަގަޑުގެ ފާރެއް ލެވިއްޖެއެވެ. އަތޮޅުގައި އޮތް އެއްވަނަ ދުނިޔޭގެ އިގްތިސާދުން އަތޮޅު ރަށްތަކުގެ އަސާސީ ކަންކަން ފުއްދުމަށް ބޭނުންކޮށްލާނެ ފައިސާކޮޅެއްވެސް ނުލިބި މައިސަރުކާރުގައި ސަލާންޖަހަން ޖެހިއްޖެއެވެ. އެއްވަނަ ދުނިޔޭގެ ރިސޯޓާ ޖެހިގެން ތިންވަނަ ދުނިޔޭގެ ފަގީރު ރަށުގައި އެންމެ އަސާސީ ޚިދުމަތްތައްވެސް ނުލިބި ދިވެހި ރައްޔިތުން ނިކަމެތިވެ ތިބެން ޖެހިއްޖެއެވެ.

މިމައްސަލަތައް ހުރުމާއިއެކު 2009 ވަނަ އަހަރުގައި ރަށުޖީބަށް ޑޮލަރޭ ވިދާޅުވެ ގެސްޓް ހައުސް ހިންގުމަށް ސަރުކާރުން ހުއްދަދެއްވައިފިއެވެ. ނަމަވެސް މިކަމުން ރަށު ރައްޔިތުންގެ ޖީބަށް ޑޮލަރު ވަނަސް އަސްލު ”ރަށުޖީބަށް“ ރަށު އެކައުންޓަކަށް ލާރިއެއް ވަންނަ ގޮތަށް ސިޔާސަތެއް ނުހެދުނެވެ. ރަށުގެ އިގްތިސާދު ކުރިއަރާ މިންވަރާ ގާތަށްވެސް ޚިދުމަތްތައް ކުރި ނޭރުމުން ރަށުގެ އިގްތިސާދާ، ތަރައްގީއާ މެދުވެސް ފާރެއް ލެވިއްޖެއެވެ. ރިސޯޓް ތަޖްރިބާ ތަކުރާރު ވެއްޖެއެވެ. އެއާއެކު ފަތުރުވެރިކަމުން ދައުލަތަށް ލިބުނު ލާރީގެ އެންމެ ބޮޑު މަންފާއެއް ކުރި ވެރިރަށް، މާލެއަށް މުޅިރާއްޖެ އަންނަންޖެހި އެތަނަށް ނުކަތާވަރަށް އާބާދީ އިތުރުވެ ހުރިހާ ތަނެއް ބިލްޑިން ހަދައި ތޮއްޖެހި އިންސާނުން އުޅެން ކަމުނުދާވަރުވީ ގޮތް، ރަށްވެހިކަމުގެ ޕްލޭންތަކާ ގުޅުމެއް ނެތި ގެސްޓްހައުސް ސިޔާސަތު ހިންގުމުން މީހުން ދިރިއުޅޭ ރަށްތަކަށްވެސް އެހެން ވެދާނެކަމުގެ ކުލަވަރު ދަނީ ފެންނަމުންނެވެ. އޭގެ އިތުރުން ރަށުގެ އެންމެ ރީތި ހިސާބުން އެރަށުގެ ރައްޔިތުން މަހުރޫމްކޮށް ދަގަޑު ފާރުން ބަންދުކޮށް ފަތުރުވެރިންނަށް ހާއްސަކޮށް އަމިއްލަ ރަށުގައިވެސް ރާއްޖޭގެ ރީތިކަމުން މަންފާއާ އުފާ ހޯދުމަށް އޮތް ފުރުސަތު ރައްޔިތުންނަށް ބަންދުކުރެވެން ފަށައިފިއެވެ.

ސިޔާސަތުތައް ފަށާއިރު ޚާއްސަކޮށް ދިވެހިންގެ ދިރިއުޅުމަށް ބޭނުންވާ އެކި އެކި ޚިދުމަތާ ވަސީލަތްތަކާއި ރަށްވެހިކަމަށް އަތުވެދާނެ ބަދަލުތަކަށް ވިސްނައި ރައްޔިތުން ހިއްސާވެ ބަސްކިޔޭނެ ގޮތަކަށް ރަގަޅަށް ރާވާ ޕްލޭންކުރުން މުހިއްމު ވަނީ މިސަބަބުތަކަށް ޓަކައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ދިވެހިންނަށް ގުދުރަތުން ދެއްވާފައިވާ މި ހިތްފަސޭހަ ޗާލު ނިއުމަތުން ދިވެހިން މަހުރޫމް ނުކޮށް ގިނަ ރައްޔިތުންނަށް ފައިދާވާ އިގްތިސާދެއް ލިބެން ހަމަ ނެތީތޯއެވެ؟

ދިވެހިންނާ އިގްތިސާދާ ދެމެދު ލެވިފައިވާ ފާރު ނައްތާލުމަށް، ރައްޔިތުންގެ ބިން ވިޔަފާރިއަކަށް ބޭނުންކުރާނަމަ އަދި ބިމުގެ ސައިޒުން ބޮޑުނަމަ 1999 ވަނަ އަހަރުގެ ޓުއަރިޒަމް ޤާނޫނުގައި ވާ ފަދައިން މަދުވެގެން %50 ރައްޔިތުން ހިއްސާ ވާނެ ގޮތަށް ހެދުމާއި އެތަންތަނުން ދައުލަތަށް ދައްކާ ޓެކްސްއިން ބައެއް އަތޮޅަށް ލިބޭނެ ގޮތް ހެދުމާއި، ރިސޯޓް މުވައްޒަފުންނަށް ރިސޯޓް ހިއްސާ ލިބޭނެ ގޮތް ހެދުމާއި، ރިސޯޓްގެ އެކި ޚިދުމަތްތައް އަތޮޅު ރައްޔިތުން ދޭ ގޮތަށް (ރިސޯޓް ޝޮޕް ހިންގުން ފަދަ) ހަމަޖެއްސުމާއި، ފަޅުރަށްތަކުގައި ގިނަ ރައްޔިތުން ބައިވެރިވާ ފައިދާ ހުރި ތަފާތު ސިނާއަތްތަކުގެ މަސައްކަތްތައް ތަޢާރަފް ކުރުމާއި ( ރައްޔިތުން ރިސޯޓް، ގެސްޓް ހައުސް އައިލެންޑް، އެގްރި އައިލެންޑް..) މީ ނުކުރެވޭނެ ކަންތައް ތަކެއް ނޫނެވެ. ބޭނުންވަނީ ގިނަ ރައްޔިތުން އިގްތިސާދުގައި ބައިވެރިވެ އޭގެ މަންފާ ލިބޭނެ ގޮތަކަށް އަދި ރާއްޖޭގެ މިރީތިކަމުން ރައްޔިތުން މަހުރޫމް ނުވާނެ ގޮތަށް އިގްތިސާދީ ސިޔާސަތާއި، ޤާނޫނުތައް ހަދައި ހިންގުމަށް އަތޮޅުތަކުގެ ޒުވާނުންނާ އަންހެނުންނާ ކުދި ބޮޑު އެންމެން މަސައްކަތް ކުރުމުވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މެޑިކަލް ކޮލެޖާ މެދު ޑރ. ޝީޒާގެ އުއްމީދު ބޮޑު

ދިވެހި ޕޯސްޓް

ޒިޔާދާއަށް އިންސާފު ނުލިބުން: ސަބަބު ހުރި!

ދިވެހި ޕޯސްޓް

ދައުލަތުގެ ތިން ބާރު އަނެއްކާވެސް ކޯޅުމަށް؟!

ދިވެހި ޕޯސްޓް