މުހައްމަދު ބުޝްރީ ްކޮލަމ

ރާއްޖޭގެ މުސްތަޤްބަލަށްޓަކާ ބިނާކުރާ ބިޔަ ރަށް!

މުހައްމަދު ބުޝްރީ

ވާވު އަތޮޅަކީ ގުދުރަތީ ގޮތުން ދެއަތޮޅެކެވެ. އެއީ އަސްލު ވާވު އަތޮޅާއި، އެއަތޮޅު ކައިރީ އޮންނަ “ވައްޓަރު” ނަމަކަށް ކިޔާ ގުދުރަތީ ކުޑަ އަތޮޅެކެވެ. ވާވު އަތޮޅަކީ ސައިޒުގެ ގޮތުންވެސް އަދި އާބާދީގެ ގޮތުން ވެސް ރާއްޖޭގެ އެންމެ ކުޑަ އަތޮޅެވެ. އަތޮޅުގައި 21 ވަރަކަށް ރަށް އޮތްއިރު މީހުން އުޅެނީ އެންމެ 5 ރަށުގައެވެ، އަދި މުޅި އަތޮޅުގެ އާބާދީއަކީ ގާތްގަނޑަކަށް 2000 އެވެ. ވާވު އަތޮޅުގެ އެންމެ އިރުމަތީ ފަރާތުން ފުއްތެޔޮމުލި އިން ފެށިގެން އަތޮޅުގެ އެންމެ ހުޅަނގު ފަރާތުން ފުއްސަރާ ދެމެދު، އަތޮޅުގެ ފުޅާމިން 57 މޭލު ހުރެއެވެ.

އަތޮޅުގެ 2000 ވަރަކަށް އާބާދީ އެހެން އަތޮޅަކަށް ބަދަލުކޮށް، ބަދަލު ކުރި މީހުނަނަށް ސަރުކާރުން ގެދޮރާއި ބަދަލު ދިނުމަށް ފަހު، ޑީޕްސީ ޑްރެޖިންގ ހަދައިގެން މުޅި ވާވު އަތޮޅު ހިއްކުމަކީ މީގެ ވިއްސަކަށް އަހަރު ކުރީން ހަފްތާ މަޖައްލާ “މަންޑޭޓައިމްސް” ގަ ލިޔުނު ލިއުމުން ފެށިގެން އަޅުގަނޑު ފާޅުކުރަމުން އަންނަ ޚިޔާލެކެވެ. މިއީ ޓެކްނިކަލް ގޮތުން މިހާރު ދުނިޔޭގައި ޓެކްނޮލޮޖީ ހުރި، އަދި ކުރެވިދާނެ ކަމެކެވެ. ޚަރަދަށް ބަލާއިރު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރުމުން، ދައުލަތުން އެއްވެސް ޚަރަދެއް ނުކޮށް ހިންގިދާނެ ބިޔަ މަޝްރޫ އެކެވެ. ޑީޕްސީ ޑްރެޖިންގ އަކީ މާކަނޑުގެ އަޑިން ޕަމްޕް ކޮށްގެން ވެލި ނެގުމަށް ކިޔާ ނަމެކެވެ. މިގޮތަށް ބިން ހިއްކައިގެން، މުޅި ވާވު އަތޮޅު އެއްކޮށް، ކަނޑުގެ ލޮނުގަނޑުން ފެށިގެން މަދުވެގެން 15 ފޫޓުގެ އުސްމިނަށް ހިއްކުމުން، އެއްފަސް ކޮށް އުފެދޭ ބޮޑުސިންގާ ރަށް ވެގެން ދާނީ މަދުވެގެން އެއް މިލިއަން މީހުންނަށް އެއްފަހަރާ އުޅެވޭ ފަދަ “ސޭފް އައިލޭންޑް” އަކަށެވެ.

ވާވު އަތޮޅަކީ ރާއްޖޭގެ ވެރިރަށް މާލެއާވެސް އެހާ ދުރު އަތޮޅެއް ނޫނެވެ. ސްޕީޑް ލޯންޗްގައި ދޮޅުގަޑި އިރުން ދެވެއެވެ އަދި އިންޖީނު ދޯނީގައި 4 ގަޑިއިރުން ދެވެއެވެ. މިފަދަ ބިޔަ މަޝްރޫއެއް ހިންގާނަމަ ވާވު އަތޮޅުގައި މިހާރު އޮތް 2 ރިސޯރޓްވެސް ބަދަލު ދީފައި، އެހެން އަތޮޅަކުން 2 ރަށް ދީފައި ނަގަން ޖެހޭނެއެވެ.

ވާވު އަތޮޅުގެ އެތެރެވަރީގައި އެންމެ ފުން ހިސާބުގެ ފުންމިނަކީ 73 މީޓަރެވެ. މިސާލަކަށް ބަލާނަމަ ސިނަމާލެ ބްރިޖްގެ މައި ތަނބުތައް އެވަނީ ކަނޑުގެ އަޑިން 100 މީޓަރ ފުނަށް ފައްތާފައެވެ. އެހެންކަމުން މިޒަމާނުގެ ޓެކްނޮލޮޖީ ބެނުންކޮށްގެން 73 މީޓަރ ފުން ވާވު އަތޮޅު އެއްކޮށް ހިއްކާލުމަކީ ނުކުރެވޭ ވަރު ކަމެއްނޫނެވެ. އަދި ދާދިފަހުން ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ސަރުކާރުން ބިންހިއްކައިގެން އުފައްދާފައިވާ ބޮޑެތި ރަށްތަކަށް ބަލާއިރު ވާވު އަތޮޅު އެއްކޮށް ހިއްކުމުގެ ޓެކްނޮލޮޖީއާއި ތަޖުރިބާ، އަދި ކޮންޓްރެކްޓަރ ފައިނޭންސަށް ބޭނުންވާ ފައިސާވެސް ޗައިނާއިން ލިބޭނެއެވެ. އަދި ޗައިނާ ނޫނަސް ޔޫރަޕްގެ ހޮލެންޑް ފަދަ ޤައުމުތަކަކީވެސް މިފަދަ ޓެކްނޮލޮޖީ އާއި ފައިނޭންސް ހުރި ޤަމުތަކެވެ.

މިގޮތަށް ވާވު އަތޮޅު (ވައްޓަރުވެސް ހިމެނޭ ގޮތަށް) ހިއްކައިފިނަމަ ގާތަގަނޑަކަށް 3000 އަކަމޭލުގެ ބިޔަ ރަށެއް އުފެދޭނެއެވެ. އެއީ ގަތްގަނޑަކަށް މާލެވަރުގެ 1000 މާލޭގެ ބިމެވެ. އެފަދަ ބިޔަ ރަށެއް، ކަނޑުގެ ލޮނުގަނޑުން ފެށިގެން 15 ފޫޓު އުސްކޮށް ހިއްކައިފި ނަމަ، އެރަށް ވެގެންދާނީ، ތިމާވެއްޓަށް އަންނަ ބަދަލެއްގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލިއްޖެ ނަމަ، ދިވެހި ރައްޔިތުންގެ ނުވަތަ ދިވެހި ރާއްޖޭގެ މުސްތަޤްބަލް، އިންޝާﷲ، ޔަގީންކޮށްދޭނެ ބިޔަ ރަށަކަށެވެ. ހަމަ އެފަދައިން އިގްތިސޯދީ ބިޔަ އިންޖީނަކަށެވެ!

މިތަނުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި، ބޮޑެތި އާގު ބޯޓު އެލޯންގްސައިޑް ކުރެވޭ ވަރުގެ ޓްރާންސްޝިޕްމެންޓް ބަނދަރަކާއި، ތަފާތު އުފެއްދުންތައް އުފައްދާ ކާރުހާނާ ތަކާއި، ސްކޫލް، ހޮޓެލް އަދި ކޮންޑޮމީނިއަމްސް އާއި ފްލެޓް ފަދަ ހުރިހާ ވަސީލަތްތައް ޤާއިމް ކުރެވޭނެއެވެ. އަދި ދަނޑުވެރިކަން ކުރާނެ ބޮޑެތި ދަނޑުތަކާއި، ކުކިންގ އޮއިލް، ޓޮމާޓޯ ޕޭސްޓް، ޓޮމާޓޯ ސޯސް، ހިކި ކިރު، ގެރި ކިރު، ދިޔާ ކިރު ޕެކެޓް، ކުކުޅުގެ ބާވަތްތައް، ހަކުރު، ނޫޑުލްސް، ހަނޑޫ، ބިސްކޯދު، އިންޖީނު އޮއިލް، ކޫލެންޓް ފަދަ، އާއްމުކޮށް ބޭނުންކުރާ ތަފާތު މުދާ އުފައްދާ ނުވަތަ ޕެކް ކުރާ ކާރުޙާނާ ތަކާއި، މޮޓޯރ ސައިކަލް ފަދަ ތަކެތި އެސެމްބުލް ކުރާ ކާރުޙާނާ ތައްވެސް ހުންނާނެއެވެ. މިތަނުގައި ބޮޑެތި އަދަދުން އިންވެސްޓް ކުރާ ބިދޭސީ އިންވެސްޓަރުންނަށް ރާއްޖޭގެ ޕާރމަނެންޓް ރެސިޑެންސީ ދެވޭނެއެވެ. ޕާރމަނެންޓް ރެސިޑެންސީ އަކީ ރައްޔިތަކަށް ވުމެއްނޫނެވެ. އެއީ ރައްޔިތަކަށް ލިބޭ ވޯޓުލުމުގެ ހައްޤުފަދަ ހައްޤުތައް ނުލިބޭ، އެހެނަސް ވިސާއާ ނުލާ ރާއްޖޭގައި ދާއިމަށް އުޅުމުގެ ހުއްދައެވެ.

ދިވެހިރާއްޖެއިން އެތެރެކުރާ ބާވަތްތަކުގެ ތެރެއިން އާއްމުކޮށް ބޭނުންކުރާ ކައްކާ ތެޔޮފަދަ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭ މިންވަރު ބަލައި، އެކަމަށް ރިޢާއަތްކޮށް، އެތަކެތި ދިވެހިރާއްޖޭގައި އުފައްދައި، ނުވަތަ އެތަކެތި ގަނޑުކޮށް ނުވަތަ ‘ރޯކޮށް’ ރާއްޖެ އެތެރެކޮށް، ރިފައިންކޮށް، ޕްރެސެސްކޮށް އަދި ބަންދުކޮށް ދިވެހި ބާޒާރަށް ނެރުމަށް ބޭނުންވާ ފެކްޓަރީތައް އެއިރުން ހެދޭނީ ވާވު އަތޮޅުގެ ބިޔަ ރަށުގެއެވެ. މިރަށަށް ކީދާނެ އެއް ނަމަކީ “ވާވު-ސޭފް-އައިލޭނޑް” އެވެ!

ވާވު އަތޮޅު ހިއްކާ އިރު، ވައްޓަރު ވެސް ހިއްކޭނެއެވެ. ވައްޓަރަކީ ގުދުރަތީ ބޮޑު ސިންގާ ހާބަރެކެވެ. ވައްޓަރު ހިއްކާނީ އެހާބަރު އޮންނަ ގޮތަށް ވައްޓަރުގެ ވަށައިގެންނެވެ. މެދުގަ އޮންނަ ގުދުރަތީ ހާބަރު ނުހިއްކާ ބާއްވާ ގޮތަށެވެ. އެއަށްފަހު ވައްޓަރާއި “ވާވު-ސޭފައައިލޭންޑް” އާ ދެމެދު ބްރިޖަކުން ގުޅާލުމަށް ފަހު ވައްޓަރު ބަނދަރު ވެގެންދާނީ ބޮޑު ސިންގާ، ބިޔަ، ޓްރާންސްޝިޕްމެންޓް ކޮންޓެއިނަރ ބަނދަރަކަށެވެ. މިކޮންޓެއިނަރ ބަނދަރާއި، ވާވު-ސޭފްއައިލޭންޑް ގައި ހަދާ އިނަޓަރނޭޝަނަލް އެއަރޕޯރޓާއި، ފެކްޓަރީ ތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރގެ ސަބަބުން ވާވު ވެގެންދާނީ މެދުސައިޒުގެ ބޮޑު ޤައުމެއްފަދަ ތަނަކަށެވެ. ހަމައެކަނި އެތަނުގެ އިގްތިސޯދުން މުޅި ދިވެހިރާއްޖޭގެ ހަރަދުތައް ޗަލުވާލެވޭވަރުގެ ބިޔަ އިގްތިސޯދަކަށެވެ. އެ ސަރަހައްދަކީ ޚާއްސަ އިކޮނޮމިކް ޒޯނަކަށްހަދައި، އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއް ދެވިގެން ދާނެއެވެ.

މިއީ ބިޔަ ތަސައްވުރެކެވެ. މިދިވެހި ޤައުމުގެ އިގްތިސޯދީ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ކުރިމަގުގެ ފޯރުންތެރިކަމާއި ޤައުމުގެ ތަރައްޤީ، އަދި، ރައްކާތެރިކަމާއި ގުޅިފައިވާ ބިޔަ ތަސައްވުރެކެވެ. “ވިޝަން 2025” އެކުލަވާލައި، އޭގެ އެންމެ މުހިއްމު ބައެއްގެ ގޮތުގައި “ވާވު-ސޭފްއައިލޭންޑް” ގެތަސައްވަރު ހަޤީގަތަކަށް ހެދުމުގެ މަސައްކަތް މިހާރުވެސް ފަށަންވީއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފަނޑިޔާރެއްގެ ދުލުން: “އަޅުގަނޑު ފަނޑިޔާރުކަން ދޫކޮށްލި ސަބަބު”

ދިވެހި ޕޯސްޓް

އަމާ ބުނީތީ މަޖުލިހަށް ދިއުން

ދިވެހި ޕޯސްޓް

ފަގީރުންނާއި މުއްސަނދިންގެ ކުރިމަތިލުން: މަޖިލީހަކީ ބޮޑު އިސްޓޯރެއް ނޫން!

ދިވެހި ޕޯސްޓް