މުހައްމަދު ބުޝްރީ ްކޮލަމ

ސަރުކާރު ޒިންމާދާރުކުރުވަނީބާ؟ ނުވަތަ އެމްޑީޕީއަކީ އިދިކޮޅު ޕާޓީ ބާ؟

މުހައްމަދު ބުޝްރީ

ރައްޔިތުންގެ މަޖުލިހުގެ ރައީސަކަށް ހުންނެވީ އެމް.ޑީ.ޕީ ގެ ބޭފުޅެކެވެ. މަޖުލިހުގެ 85 ގޮނޑީގެ ތެރެއިން 65 ގޮނޑި ލިބިފައި ވަނީ އެމް.ޑީ.ޕީ އަށެވެ. މިއީ މަޖުލިހުގެ 75 ޕަސެންޓުގެ ސުޕަ މެޖޯރިޓީ އެކެވެ. ނަމަވެސް މަޖުލިހުގެ ކޮމިޓީތަކަށް ދެއިރު ދެދަޅައަށް ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރީން ދަމާދެމުމުން ހީވަނީ އެމް.ޑީ.ޕީއަކީ އިދިކޮޅު ޕާޓީ ހެނެވެ. އަދި މަޖުލިހުގެ ރައީސް އަކީ އިދިކޮޅު ޕާރޓީއަށް ނިސްބަތްވާ ބޭފުޅެއްހެނެވެ.

މަރާލެވިފައިވާ ނޫސްވެރިޔާ ރިލްވާނުގެ މައްސަލާގައި ރިއާސީ ކޮމިޝަނަށް ފުލުހުންގެ އިންޓެލިޖެންސް ޑިޕާރޓްމެންޓުން ފުރިހަމައަށް މައުލޫމާތު ނުދޭކަމަށް ބުނެ ރައީސް ނަޝީދު ވަނީ ފާޑު ވިދާޅުވެފައެވެ. އަދި ދާދި ފަހުން، ދިވެހި ފިލްމު ކުޅޭ އަންހެނަކު މަސްތުވާ ތަކެއްޗާ އެކު ހައްޔަރު ކުރަން ހިންގި އޮޕަރޭޝަނަށް ހަޖޫ ޖައްސަވައި، އެފަދަ އޮޕަރޭޝަނެއް ހިންގަން ކުރި ހަރަދަކީ ބޭކާރު ހަރަދެއްކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އާދީއްތަ ދުވަހުގެރޭ ބޭއްވި އެމް.ޑީ.ޕީ ގެ ޤައުމީ މަޖުލިހުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ ދިވެހި ފުލުހުންނަށް ވަރުގަދަ “ސިޔާސީ ބޮމުގެ” ހަމަލާއެއް ވެސް ދެއްވާފައެވެ. ނަޝީދު ވިދާޅުވީ ފުލުހުން އެމަނިކުފާނަށް ފާރަލާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ކަމަށެވެ. ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނެއްގެ އިތުރުން ރައީސް ސޯލިހާ ވަރަށް ގާތް، އިސް ބޭފުޅަކަށް ވާއިރު، ފުލުހުންނަށާއި ކޮމިޝަނަރަށް ނިސްބަތް ކުރައްވައި ރައީސް ނަޝީދު ފުލުފުލުގައި މިދެއްވާ ސިޔާސީ ހަމަލާ ތަކަކީ ސީދާ ރައީސް ސޯލިހާއި އެމަނިކުފާނުގެ ސަރުކާރަށް ދެއްވާ ސިޔާސީ ހަމަލާތަކެއްކަމާމެދު ޝައްކެއް ނެތެވެ. ސުވާލަކީ ރައީސް ސޯލިހާއި ނަޝީދާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަން، ސިޔާސީ މުޤާބާލާގައި ފަނާވެގެން ދިޔައީ ބާއެވެ؟

ސިޔާސީ ބައެއް މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި 2019 ވަނަ އަހަރު ބޭއްވި މަޖުލިސް އިންތިހާބު ކާމިޔާބު ކުރެއްވި އެމް.ޑީ.ޕީ ގެ 65 ބޭފުޅުންގެ ތެރޭގައި ގިނައީ ރައީސް ސޯލިހުގެ މެދުމިނުގެ ސިޔާސަތަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ. ރައީސް ނަޝީދު މަޖުލިހުގެ ރައީސް ކަމަށް ވަޑައިގަތީވެސް މިކަން ހަމައަކަށް އަޅުވައި މަޖުލިހުގެ ކޮންޓްރޯލް ނަޝީދުކޮޅަށް ފުރޮޅާލެއްވުމަށްޓަކައި އެހެން ގޮތެއް ނެތިގަން ކަމަށް މަސްދަރުތަކުން މައުލޫމާތު ދެއެވެ. މަޖުލިހުގެ ނުފޫޒުގަދަ މެންބަރުންނާއެކު ބޭރު ދަތުރުތަކާއި ރިސޯޓް ދަތުރުތައް ކުރައްވައި، ނަޝީދުކޮޅަށް އެފަދަ މެންބަރުން އަނބުރާލެއްވުމަށް ތަފާތު މަސައްކަތްތައް، ފަރުދާގެ ފުރަގަހުން ކުރެވެމުންދާކަމަށް ވެއެވެ. ނަމަވެސް އަދިވެސް މަޖުލިހުގެ ކޮންޓްރޯލް ރައީސް ސޯލިހަށް ގެއްލިވަޑައިނުގަންނަވާ ކަމަށް މައުލޫމާތު ލިބެއެވެ. ސުވާލަކީ ރައީސް ސޯލިހަށް މަޖުލިހުގެ ކޮންޓްރޯލް އޮތްނަމަ މަޖުލިސް ތެރެއިން ސަރުކާރަށް މިވަރަށް ޕްރެޝަރު އަންނައިރު އެކަމާމެދު އެއްވެސް އެއްޗެކޭ ރައީސް ސޯލިހު ވިދާޅުނުވަނީ ކީއްވެގެންތޯއެވެ؟

މިސުވާލުގެ ޖަވާބުގައި އެމް.ޑީ.ޕީގެ އެތެރޭގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ރައީސް ސޯލިހަކީ މަޑުމައިތިރި، ކެތްތެރި ބޭފުޅަކަށްވާތީ، އަދިވެސް ޒަމާންވީ އެކުވެރިޔާއަށް ފާޅުގައި ފާޑު ވިދާޅުނުވެ ކަންތައް ހައްލުކުރެއްވޭތޯ ބައްލަވަނީއެވެ. ބޭރުފުށުން މި ރަހްމަތްތެރިކަން ރަނގަޅަަށް އޮތްކަމަށް ފެނުނަސް ދެބޭފުޅުންގެ ރަހުމަތްތެރިކަން މިހާރު މިވަނީ ދުވަހަކުވެސް ނުވާވަރަށް ހީނަރުވެފައިކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް މަޖުލިސް ތެރެއިންނާއި މަޖުލިހުގެ ބޭރުން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ރައީސް ސޯލިހުގެ ސަރުކާރަށް ކުރިމަތި ކުރައްވަމުން ގެންދަވާ ސިޔާސީ ހަމަލާތަކަށް ރައީސް ސޯލިހު އެއްވެސް އެއްޗެކޭ ވިދާޅުނުވެ ފާއިތުވާ ކޮންމެ ދުވަހަކީ ސަރުކާރު ބަދުނާމުވެ، ރައީސްގެ މަގުބޫލުކަން ދަށްވެ، ނަޝީދުގެ މަގުބޫލުކަން އިތުރުވެގެން ދާނެ ދުވަހެކެވެ. ކަމެއް ކުރާނެ، ކަމެއް ވިސްނާނެ ވަގުތުކޮޅެއްވެސް ސަރުކާރަށް ނުދީ، ފުލުފުލުގައި މިނިސްޓަރުންނާއި، ކޮމިޝަން ތަކުގެ ވެރީންނާއި، ސަރުކާރު ކުންފުނިތަކުގެ ސީ.އީ.އޯ އިން ވެސް މަޖުލިހުގެ އެކިއެކި ކޮމިޓީތަކަށް ހާޒިރުކޮށް ކޮށިއަރުވަމުންދާ އިރު، މިވަގުތު މިޤައުމުގައި އޮތީ ތިން ބާރު ވަކިވެފައި އޮތް ވެރިކަމެއްތޯ ނުވަތަ ޖުޑިޝަރީ އާއި ސަރުކާރުވެސް އޮތީ މަޖުލިހުގެ ރައީސްގެ މޭޒުމަތީ ބަރުގެ ދަށުގައިތޯ ސުވާލު އުފެދެއެވެ.

އިދިކޮޅު ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ފާޅު ކުރަމުންދާ ހިޔާލުތަކަށް ބަލާއިރު ނަޝީދު ގެންދަވަނީ ރައީސް ސޯލިހުގެ ސަރުކާރު ވައްޓާލެއްވުމަށް “ހިމޭން އިންޤިލާބެއް” ރާއްވަވަމުން ކަމަށްވެސް ތުހުމަތު ކުރެވެމުން ދެއެވެ. އަދި މިކަމުގައި އަޑިއަޑިން އިންޑިއާ އެހީތެރިވަމުންދާ ކަމަށްވެސް ވާހަކަ ދެކެވެއެވެ. އާހިރު ލަނޑުދަނޑިއަކީ ކޮމިޝަނަރު އޮފް ޕޮލިސްގެ އިތުބާރު ނެތްކަމަށް ފާސްކޮށް ނަޝީދަށް ވަފާތެރި ބޭފުޅަކު ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކޮށް، ސުޕްރީމް ކޯޓުވެސް މަޖުލިހުގެ ބާރުގެ ދަށަށް ގެނެސް، ސަރުކާރުގެ ނާޤާބިލުކަން ރައްޔިތުންނަށް ދައްކައި، ރައީސް ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުބާރު ނެތްކަމަށް ވޯޓުން ފާސްކޮށް، މަޖުލިހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ރައީސުލް ޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގަތުންކަމަށް ވާހަކަ ދެކެވެއެވެ.

ރައްޔިތުންގެ މަޖުލިހުގައި އެމް.ޑީ.ޕީ ގެ ސުޕަރ މެޖޯރިޓީ ހަމަގައިމުވެސް ބޭނުން ކުރެވެމުން އެދަނީ ސަރުކާރު ޒިއްމާދާރު ކުރުވުމަށްވުރެ ބޮޑަށް އިދިކޮޅު ޕާރޓީއަކުން ސަރުކާރަށް ޕްރެޝަރުކުރާ ގޮތަށެވެ. މަޖުލިހުގެ މެޖޯރިޓީ ނުވަތަ މަޖުލިހުގެ ކޮންޓްރޯލް އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގައި ކަމަށްވާނަމަ މިވަގުތަކީ އެކޮންޓްރޯލްގެ ބޭނުން ކުރައްވައި ސަރުކާރުގެ އޮޑި ހަމަޔަކަށް އަޅުއްވަންވީ ވަގުތެވެ. ސަރުކާރު ހިންގާ ޕާޓީއަކީ އިދިކޮޅު ޕާޓީ ކަމަށް ދޭހަވާނަމަ ސަރުކާރަށް ކުރިއަށްގޮސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދަތިވާނެއެވެ. މިޤައުމުގެ ސިޔާސީ ޑްރާމާތައް ނިމުމަކަށް އައިސް، ސިޔާސީ ހަމަޖެހުން ލިބެން އެބަޖެހެއެވެ. ރައީސް ނަޝީދަކީ ފާޅުގައި އިންޑިއާ ކޮޅަށް ބުރަވެ، ޗައިނާއަށް ފާޑު ވިދާޅުވާ ބޭފުޅެއްކަމުގައިވާއިރު ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖެއަކީ ވަކި އެންމެ ޤައުމެއްގެ އަޅެއްގެ ގޮތުގައި ސިފަވެގެން ދިއުމަކީވެސް ސަރުކާރު ބަލިކަށިވެ، ގިނަ ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އަގު ވެއްޓިގެން ދާނެ ކަމެކެވެ.

މިހުރިހާ ޕްރެޝަރަކުން ސަލާމަތްވެ ރައީސް ސޯލިހުގެ އަސްލު ސޫރަ ދައްކަވަން އެބަޖެހެއެވެ. މަޑުމައިތިރިކަމާއި ކެތްތެރިކަމުގެ މާނައަކީ ޤައުމު ފުނޑި، ޤައުމު ވިކި، ޤައުމު ހައިޖެކް ވެގެން ދާއިރުވެސް ބައްލަވަން ހުންނެވުމެއް ނޫނެވެ. ލީޑަރޝިޕް ދައްކަވަންވީ ވަގުތު މިއޮތީ އައިސް ޖެހިފައެވެ. ހަޤީޤީ ރައީސް ސޯލިހު ވަރަށް އަވަހަށް އަތްމައްޗަށް ނަންގަވާށެވެ. ރައްޔިތުން ތިބީ ބަލާށެވެ. ފުރިހަމަ ލީޑަރޝިޕަކަށް އެދިއެދި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކެޔޮނިރު ކޮލަމް: ފިނި ފިނި، ނަލަ ނަލަ އައްޑޫ އަށް ހައްޤު ތަރައްޤީ ގެނައުމުގައި އަހަމަދު ސައީދުގެ އަޒުމް!

ދިވެހި ޕޯސްޓް

ގައުމަށްވުރެ ބޮޑު ރައްޔިތުންގެ މަޖިލީހުގެ ސައިޒް ކުޑަކުރުން

ދިވެހި ޕޯސްޓް

“ހުސް ހަމީދު”

ދިވެހި ޕޯސްޓް