މުހައްމަދު ބުޝްރީ ްކޮލަމ

ޓެރަރިޒަމްގެ ޤާނޫނުގެ އިސްލާހުތައް، ސީރިއަސްކޮށް ވިސްނަން ޖެހޭ ކަންކަން

 

 

މުހައްމަދު ބުޝްރީ

ޓެރަރިޒްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިހާރު މިވަނީ ސަރުކާރުން ރައްޔިތުންގެ މަޖުލިހަށް ފޮނުވާފައެވެ. މި އިސްލާހުގެ ދަށުން، “ޓެރަރިސްޓު” ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރުމަކީވެސް ޓެރަރިޒަމްގެ ކުށެކެވެ. ޓެރަރިސްޓް ޖަމާއަތެއްގެ ނަން ޖަހާފައި އޮތް ހެދުމެއްލުން ނުވަތަ އެފަދަ ޖަމާއަތަކަށް ތާއިދުކޮށް ލިޔުމެއް ލިޔުން، ނުވަތަ ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރުން، ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭފަދަ ބައްދަލުވުމެއް ބޭއްވުން، ނުވަތަ އެފަދަ ބައްދަލުވުމެއްގައި ވާހަކަ ދެއްކުމަކީވެސް ޓެރަރިޒަމްގެ ކުށެކެވެ. މިގޮތަށް މިޤާނޫނު ބަދަލުކުރުމަކީ އުސޫލެއްގެ ގޮތުން މައްސަލައެއްނޫނެވެ. އަދި އެއީ ހަވާރިޖުންނާއި ފާސިޤް އަޤީދާތަކުގެ ހައްދުފަހަނައެޅުމުން މުޖުތަމައު ސަލާމަތް ކުރުމަށް މުހިއްމު ޤާނޫނީ ބަދަލެކެވެ. ނަމަވެސް ޓެރަރިޒަމްގެ ޤާނޫނު މިގޮތަށް ބަދަލުވެގެންދާއިރު މައްސަލައަކަށް ވަނީ މި ޤާނޫނުގެ ދަށުން “ޓެރަރިސްޓް ޖަމާއަތު” ގެ ގޮތުގައި ކަނޑައެޅެނީ ކޮން ޖަމާއަތްތަކެއްކަން ނިންމޭ ގޮތަކުންނެވެ.

ޓެރަރިޒަމްގެ ޤާނޫނު އިސްލާހުކުރުމަށް މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް މަދުވެގެން ކޮންމެ ބާރަ މަހަކުން އެއް ފަހަރު މުރާޖައާ ކުރަން ވާނެ ކަމަށް ބިލްގައިވެ އެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ފަލަސްތީން އާއި ކަޝްމީރުފަދަ އިސްލާމީ ޤައުމުތަކުގައި މުސްލިމުންނާ ދެކޮޅަށް މުޝްރިކުން ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ދިވެހިންގެ ގިނަބަޔަކު ތާއިދު ކުރެއެވެ. އެފަދަ ތާއިދު ސޯޝަލް މީޑިއާ އާއި އެހެނިހެން ތަންތަނުގައިވެސް ފާޅުކުރެއެވެ. ސުވާލަކީ، މިސާލަކަށް އިންޑިއާއާއި ރާއްޖެއާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަޝްމީރުގައި މުސްލިމުންގެ ހައްޤުތައް ހޯދަން މަސައްކަތްކުރާ ޖަމާއަތްތައްވެސް ވާނީ “ޓެރަރިސްޓް” ޖަމާއަތްތަކަށް ތޯއެވެ؟ އަދި ޒަޔަނިސްޓް އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ހަމާސް ފަދަ ފަލަސްތީނުގެ ޖަމާއަތްތަކަކީވެސް ޓެރަރިސްޓް ޖަމާއަތް ކަމުގައި ރާއްޖެއިން ކަނޑައަޅާފާނެތޯއެވެ؟

ހައްދުފަހަނަޅާފައިވާ އައި.އެސް.އައި.އެސް އާއި އަލްޤައިދާ ގެ ފިކުރަކީ އިސްލާމްދީނާ ހިލާފު އަދި ހަވާރިޖުންގެ ފިކުރެއްކަމަށް ދިވެހީންގެ ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިދެ ޖަމާއަތަށް ތާއިދުކުރާ މީހުން، އެހެން ޤައުމުތަކެކޭ އެއްގޮތަށް، ދިވެހީންގެ ތެރޭގައިވެސް ތިބޭނެއެވެ. ނަމަވެސް ގިނަ ދިވެހީން މިދެޖަމާއަތުގެ ފިކުރާ ދެކޮޅުވާނެކަމަށް ޤަބޫލު ކުރެވެއެވެ. އެހެނަސް ކަޝްމީރާއި ފަލަސްތީނުފަދަ ސަރަހައްދު ތަކުގައި ޣައިރު މުސްލިމުން، މުސްލިމުންނާ ދެކޮޅަށް ހިންގާ ބިން ފޭރުމާއި އަނިޔާވެރިވުމުގެ ނުބައި އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް، އެހެނިހެން މުސްލިމުން ފަދައިން، ދިވެހީންގެ ތެރެއިންވެސް ގިނަ ބަޔަކު ތާއީދު ކުރެއެވެ. ވީމާ ޓެރަރިޒަމްގެ ޤާނޫނަށް ބަދަލުގެނެސް، ރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ މަޖުލީހުން “ޓެރަރިސްޓް” ޖަމާއަތްތަކުގެ ލިސްޓެއް ކަނޑައަޅާއިރު މިފަދަ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ލިސްޓް ކަނޑައެޅުން ވަރަށް މުހިއްމެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށައެޅިފައިވާ އަނެއް މުހިއްމު އިސްލާހަކީ ބަޔަކު ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމަށް ޝައްކުވާ ހާލަތެއްގައި ކޯޓު އަމުރަކާ ނުލައި އެފަދަ ބަޔަކު ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމުގެ އިސްލާހެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ، އެހެން ގާނޫނުތަކުގައި ކޯޓު އަމުރެއް ހޯދައިގެން މީހުން ހައްޔަރު ކުރަން އޮތަސް، ބިލްގައި ހިމެނޭ ކުށްތަކުގެ ތެރެއިން ޓެރަރިޒަމްގެ ކުށެއް ކުރަން ބަޔަކު އުޅޭ ކަން ބުއްދިއަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ، ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ތުހުމަތުކުރެވޭ ނަމަ، ކޯޓު އަމުރަކާ ނުލައި އެފަދަ ބަޔަކު ހައްޔަރު ކުރެވިދާނެ ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ބަދަލު ގެންނަނީ ސްރީލަންކާގައި ހިންގި ބޮން ގޮއްވުމުގެ ހާދިސާ ފަދަ ޓެރަރިސްޓް އަމަލު ހިންގިޔަ ނުދިނުމަށްޓަކައި ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ މިއަދުވަނީ ވިދާޅުވެފައެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ފާޑުވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އދ.ގެ ހާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު ކުރެއްވި ޓުވީޓަކަށް ޖަވާބު ދެއްވަމުން މާރިޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ޓެރަރިޒަމް ޤާނޫނު ތަކަށް އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ މީހުން ފާޑުކިޔާނެ ކަމަށެވެ. އެހެނަސް ލަންކާގައި ހިނގިފަދަ ޓެރަރިސްޓް ހާދިސާއެއް ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި މިފަދަ އިސްލާހެއް ޓެރަރިޒަމްގެ ޤާނޫނަށް ގެންނަން ޖެހޭކަމަށް މާރިޔާގެ ޓުވީޓުގައި ވިދާޅުވިއެވެ.

ކޯޓު އަމުރެއް ނެތި، ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމަކީ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލުތައް ދުރާލާ ހުއްޓުވުމަށް މުހިއްމު ބަދަލަކަށް ވިޔަސް، މިފަދަ ބާރެއް ފުލުހުންނަށް ލިބުމުން އޭގެ ނާޖާއިޒު ފައިދާ ނަގައި، ސިޔާސީ ގޮތުން މީހުންގެ ދުވަސް ދުއްވާލުމުގެ އައްޑަނައަކަށް ޓެރަރިޒަމްގެ ޤާނޫނު ހެދުމަކީ ވެސް ދުރު ކަމެއް ނޫނެވެ. ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ހަތިޔާރު ގެންގުޅުއްވި ކަމަށް ތުހުމަތުކޮށް، ހައްޔަރުކޮށް ހިންގުނު ޝަރީއަތަކީ ޓެރަރިޒަމްގެ ޤާނޫނުގެ ނާޖާއިޒު ފައިދާ ނަގައިގެން ނާޒިމު ފްރޭމް ކުރަން ކުރި ކަމެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެހެން ކަމުން މިހާރު ހުށަހެޅިފައިވާ އިސްލާހުތައް މިޤާނޫނަށް ގެނެވި، ކޯޓް އަމުރެއްނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދެވިއްޖެ ނަމަ މިޤާނޫނުގެ ބޭނުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަން ޔަޤީން ކުރެވޭނެ ނިޒާމެއް ކަނޑައަޅަން ޖެހެއެވެ. ކޮންމެ ގޮތެއްވިއަސް ކޯޓް އަމުރެއްނެތި މީހުން ހައްޔަރުކުރުމުގެ ބާރު ލިބުމަކީ އެއްގޮތަކުން ބަލާއިރު ރާއްޖޭގެ އިންސާނީ ހައްޤަށް އޮތް ނުރައްކަލެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިފަދަ ބަދަލެއް ޤާނޫނަށް ގެނެވެނީ އިޙްލާސްތެރިކަމާއިއެކު ކަމަށް ބެލެވުނަސް، މިބަދަލަކީ ޙުދުމުހުތާރު ސަރުކާރެއް އަތުވެއްޖެނަމަ އޭގަ ނާޖާއިޒު ފައިދާ ނަގައި، ސިޔާސީ މީހުން ކަސްތަޅު އަޅުވައި، ސަރުކާރާ ދެކޮޅު ރައްޔިތުންގެ ކަރަށް މަހާލާ މަޅިއަކަށް ވެސް ވެދާނެއެވެ. އަދި މިއަދު މިޤާނޫނީ ބަދަލު ގެންނަ ސިޔާސީ ފަރާތްތަކުގެ ވެރިކަން ބަދަލު ވުމުން ދެން އަންނަ ފަރާތްތަކުން މިއަދުގެ ވެރިންގެ ސިޔާސީ ކަރުތަކަށް މަހާލާ މަޅިއަކަށްވެސް މި ޤާނޫނު ވުމަކީ ދުރުކަމެއް ނޫނެވެ.

ބަދަލުވަމުންދާ ދުނިޔޭގައި ޓެރަރިޒަމްގެ ޤާނޫނު އިސްލާހުކޮށް، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ޓެރަރިޒަމްގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުތައް މައިގަނޑު ގޮތެއްގައި ރަނގަޅުކަމަށް ބެލެވުނަސް، މަތީގައި ބަޔާންކޮށްފައިވާ ކަންބޮޑުވުންތަކަށް ސަރުކާރުން ރިއާޔަތްކޮށް ޤާނޫނު އިސްލާހު ކުރުމަކީ ނުހަނު މުހިއްމު ކަމެކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އަންހެނަކަށް ވީތީ ވަޒީފާ ނުލިބުނު ކިރަން، މިހާރު ބިލިޔަނަރެއް

ދިވެހި ޕޯސްޓް

ރަލުގެ ވިޔަފާރި އަކީ ފައިދާ ހުރި ވިޔަފާރިއެއް ނޫން!

ދިވެހި ޕޯސްޓް

ރާއްޖޭގެ މުސްތަޤްބަލަށްޓަކާ ބިނާކުރާ ބިޔަ ރަށް!

ދިވެހި ޕޯސްޓް