ޕްރައިމަރީ

މުހިންމީ ބޮޑެތި ޕްރޮޖެކްޓެއް ނޫން، ޕްލޭން ކޮށްގެން ކަންކަން ކުރިއަށް ގެންދިއުން: މިނިސްޓަރު ފައްޔާޒް

މި ސަރުކާރަށް މުހިންމީ މާސިންގާ ޕްރޮޖެކްޓްތަކެއް ނޫން ކަމަށައި ކޮންމެ ކަމެއް ވެސް ކުރާނީ އެންމެ ފުރިހަމަ އަށް ރާވައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި “ޑީޕީ” ން ދެންނެވި ސުވާލެއްގެ ޖަވާބުގައި ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތައް ލަސްވަނީ އެންމެ ފުރިހަމަށް ރާވަން ވަގުތު ނަގާތީ ކަމަށެވެ.

“އަޅުގަނޑުމެން ކަންކަން ކުރަނީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން. އެހެން ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަން ރައްޔިތުންގެ އެކްސްޕެކްޓޭޝަން ހައިކަން. ކަންކަން އަވަސް ކޮށްފި ނަމަ އޭގެއިން ނުކުންނަ ނަތީޖާ މާ ގޯސް ވެދާނެ،” މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި، ބިޔަ މަޝްރޫއުތައް ރާއްޖެ ގެނައުމުގެ ބަދަލުގައި ރައްޔިތުންގެ ޖީބަށް ފަސޭހަ އިން ފައިސާ ވަންނަ ކަންތައްތަކެއް ކުރުމަށް ސަރުކާރުން އިސްކަންދެ އެވެ. އޭނާ ވިދާޅުވީ، ބޮޑެތި މަޝްރޫއުތައް ރާއްޖެ އަށް ނުގެނަޔަސް، މިހާރު ހުރި ދަތިތައް ނައްތާލުމަކީ ވެސް ވަރަށް ބޮޑު “މާސިންގާ” ޕްރޮޖެކްޓެއް ކަމަށެވެ.

“ވިޔަފާރިވެރިންނަށް ހުރި ދަތިތައް ނައްތާލައިގެން، ވިޔަފާރިތައް މިނިވަން ކަމާ އެކު ކުރިއަށް ގެންދިޔުމަކީ އިގްތިސާދަށް ކުރެވޭނެ އެންމެ މޮޅު ކަންތައް،” އޭނާ ވިދާޅުވި އެވެ.

އިންވެސްޓަރުންނަށް ހުރި ދަތިތައް ނައްތާލުމަށްޓަކާއި ފޮރިން އިންވެސްޓްމަންޓް ޕޮލިސީ އަށް ބަދަލުތަކެއް ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ޓެކްސްގެ ސިޔާސަތަށް ގެންނަ ބަދަލުތައް ކަނޑައަޅައި ފިނޭންސް މިނިސްޓްރީ އަށް އެކަމުގެ ލިޔެކިޔުންތައް ފޮނުވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ބްރީފިން ގައި މިނިސްޓަރު ފައްޔާޒް (މ) ސްޓޭޓް މިނިސްޓަރު އިޔާދު (ވ) ރަޖިސްޓްރާ ވިސާމް ބައިވެރިވެވަޑައިގަންނަވަނީ

ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބައެއް މަޝްރޫއުތައް މިހާރު މަޑުޖައްސާލާފައިވާ ކަނަށް ފައްޔާޒް ވިދާޅުވި އެވެ. އެ ފިޔަވަޅު އަޅާފައި ވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މާސްޓާ ޕްލޭނާ ދިމާވޭތޯ ބެލުމަށެވެ. އަދި މަޝްރޫއުތަކުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން އެކަންކަން ވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ. އެއީ ވެސް ތަރައްގީގެ މަޝްރޫއުތައް ލަސްވާ ސަބަބެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަޝްރޫއުތައް ހިންގުން ލަސްވި ނަމަވެސް ކަންކަން ކުރާނީ ޕްލޭނިިން މިނިސްޓްރީން ތައްޔާރު ކުރާ މާސްޓާ ޕްލޭނާ އެއްގޮތަށެވެ.

“ރައްޔިތުންނަށް ދައްކާލުމަށް، ލޮލުގައި އަނދުން އެޅުވުމަށް އެކްސްކަވޭޓަރެއް ގެންގޮސް ކޮނެލައި ހޭވުން، މި ކަންކަން ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،” ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިމަގުގައި ވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފެންނާނެ ކަމަށެވެ. އަދި ވިދާޅުވީ، މަޝްރޫއުތައް ހިންގުން ލަސްވުމަކީ ކަންބޮޑުވާންޖެހޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ކަންބޮޑުވާން ޖެހޭނީ ޕްލޭން ނުކޮށް ކަންކަން ކުރާ ނަމަ ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ނ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ކެމްޕޭން ޖަލްސާ މާދަމާ

ދިވެހި ޕޯސްޓް

މިހާރުގެ މެމްބަރުންގެ ތެރެއިން ޓިކެޓު ގެއްލުނީ ފަސް ބޭފުޅަކަށް

ދިވެހި ޕޯސްޓް

އައްޑޫގެ ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމާ މެދު ގޮތެއް ނިންމަނީ

ދިވެހި ޕޯސްޓް