ޙަބަރު

ރާއްޖޭގައި އުޅޭ ބިދޭސީންގެ ހާލަތު މި ފަހަރު މި މަންޒަރުން!

އާއްމު ގޮތެއްގައި މި މަންޒަރު ފެންނާނީ މެޑިޓޭރިއަން ކަނޑު ހުރަސްކޮށް، ޔޫރަޕްގައި ވަޒަންވެރިވުމަށް ދަތުރު ކުރާ ރެފިއުޖީންގެ ފަރާތުންނެވެ. ބޮޑެތި ޑިންގީތަކާއި ބޯޓުތަކަށް އެތައް ހާސް ބަޔަކު އެއްފަހަރާ އަރުވައިގެން ދަތުރުކުރަނިކޮށް، އުޅަނދު ބަންޑުން ޖަހާލައި ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ.

އެކަމަކު މަތީގައިވާ ފޮޓޯއިން އެ ފެންނަނީ ޔޫރަޕަށް ދަތުރުކުރާ ރެފިއުޖީންތަކެއް ނޫނެވެ. ރާއްޖޭގައި ހަދަމުން އަންނަ ރިސޯޓަކުން، ސަޕްލައި ދޯންޏަކަށް އަރުވައިގެން ގެންދާ ބިދޭސީ މަސައްކަތު މީހުންތަކެކެވެ. މިއީ މާލެ އަތޮޅުގައި ހަދަމުން އަންނަ ރިސޯޓަކުން، އެތަނާ އެއް ފަޅެއްގައި އޮންނަ އެހެން ރަށަކަށް މީހުން ގެންދާ މަސައްކަތު މީހުންތަކެކެވެ.


ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވެފައިވާ މި ވީޑިއޯއިން ފެންނަ ގޮތުގައި، ސަޕްލައި ދޯނީގައި ބައެއް މީހުން ތިބީ އިށީނދެގެންނެވެ. އަދި ގިނަ ބަޔަކު ކޮޅަށް ތިބިއިރު، ދޯނީގައި ތިބި މީހުންގެ އަދަދު 200އާ ކައިރި ކުރާނެ ކަމަށް ބެލެވެ އެވެ. މިއީ “ފަސް މިނިޓެއްހާއިރު”ގެ ދަތުރެއް ކަމަށްވެ އެވެ.

ވީޑިއޯ ވައިރަލް ވުމާއެކު ގިނަ ބަޔަކު ދަނީ، މި ބިރުވެރި މަންޒަރާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއް ބަޔަކު ދެކޭ ގޮތުގައި މިއީ، ބިދޭސީންގެ މެދުގައި ތަފާތު ކުރުންތައް ބޮޑު ރާއްޖޭގައި އެކަން އިތުރު ހަރުފަތަކަށް ގޮސްފައިވާކަން ދައްކައިދޭ ކަމެކެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް މީހުން ބުނާގޮތުގައި ގިނަ ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ފަދަ ގޮތަކަށް، އެންމެ މިނިޓަކަށް ވެސް އަމަލުކޮށްގެން ނުވާނެ އެވެ. އަދި މިއީ ރާއްޖޭގެ ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާ ވެސް ހިލާފު ކަމަކަށް ވުމުން، ކަމާ ބެހޭ ފަރާތްތަކުން އެކަން ހުއްޓުވުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ގިނަ އަދަދެއްގެ ބިދޭސީން އަރުވައިގެން ދަތުރުކުރަނީ
“ދަށު ދަރަޖައިގެ އަމަލެއް. އިންސާނިއްޔަތަށް ވެސް ހުރި ހުތުރު އަމަލެއް. ދުނިޔެ އެދުން ބޮޑުކަމުގެ އިންތިހާ ދަރަޖަ،” މި ވީޑިއޯ ޓްވިޓާގައި ޝެއާކުރި، އަލާ ދީދީ ބުންޏެވެ.

“އެންމެ މިނިޓަކަށް ނަމަވެސް، އެތައް ބައެއްގެ ފުރާނަ އެވަނީ ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައި. ކަމެއް ވާނީ ބުނެފައެއް ނޫން. ފަޅުތެރެއަށް ނަމަވެސް ދޯނި ބަންޑުން ޖަހާލައިފިނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލުން އެކަށީގެންވޭ،” އެ ވީޑިއޯއަށް ކޮމެންޓް ކުރި އެހެން މީހަކު ބުންޏެވެ.

މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ދެކޭގޮތުގައި މިއީ ހިއުމަން ޓްރެފިކިންގެ އަމަލެކެވެ. އަދި މި ޒަމާނުގައި އަޅު މަސައްކަތް ކުރުވުމަކީ މިއީ ކަމަށް ވެސް، ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުންޏެވެ.

“މިއީ ރާއްޖޭގެ ރިސޯޓުތައް ހަދާއިރު، ރިސޯޓު އޯނަރުން މީހުން ލައްވާ މަސައްކަތް ކުރުވާ ގޮތް. މިކަން ކުށްވެރިކުރަން،” އިޝާގް ޝަފީގްގެ ނަމުގައި ޓްވީޓްކުރި މީހަކު ބުންޏެވެ.

ގިނަ ބަޔަކު އަންނަނީ، މި ވީޑިއޯގައި ފުލުހުންނާއި ސިފައިން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ޓެގްކޮށް، މި މަންޒަރު ނުފެންނަނީތޯ ސުވާލު ކުރަމުންނެވެ. އަދި އެކަން ވީ އެންމެ އަވަހަށް ތަހުގީގުކޮށް، ހުއްޓުވުމަށް އަންނަނީ ގޮވާލަމުންނެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް “މިހާރު”ން އެމްއެންޑީއެފަށް ގުޅުމުން އެތަނުން ބުނީ ފުލުހުންނަށް ގުޅުމަށެވެ. ފުލުހުންގެ އިދާރާއަކުން ފޯނެއް ނުނަގަ އެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެ ފަދަ ކަމެއް ހިނގާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

ރިސޯޓު ހަދާ ކުންފުނީގެ މި އަމަލު އެނގޭ ބައެއް މީހުން ބުނިގޮތުގައި، މަސައްކަތު މީހުންނާމެދު އެތަނުން އަބަދު ވެސް އަމަލު ކުރަނީ އެ ފަދަ ގޮތަކަށެވެ.

“ވީޑިއޯ ވައިރަލްވެ، ގިނަ ބަޔަކަށް މިކަން ފެނުނީ މިއަދު. އެކަމަކު ކުންފުނިން، މި ފަދަ ނުރައްކާތެރި ގޮތަކަށް އަމަލު ކުރާތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ. އަދި މިއީ ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި ވެސް މަސައްކަތު މީހުންނާ މެދު އަމަލު ކުރަމުންދާ ގޮތް،” ފޭސްބުކްގައި ވީޑިއޯ ޝެއާކުރި މީހަކު ބުންޏެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޕްރައިމަރީ އަށް ލީޑާޝިޕުން ނުފޫޒު ފޯރުވި: ނިޒާރު

ދިވެހި ޕޯސްޓް

ކޮޅުނބުގެ އެމް.ޑީ.ޕީ ޖަގަހަ މުނާފިގުންގެ ކިބައިން ސަލާމަތް ކުރުމަށް އެކްޓިވިސްޓުންގެ ޕެޓިޝަނެއް!

ދިވެހި ޕޯސްޓް

ރައީސް ސޯލިހު ހިމެނޭ ގޮތަށް 10 ފަރާތަކާއި ބައްދަލު ކުރަން އަދީބުގެ އާއިލާއިން އެދިއްޖެ

ދިވެހި ޕޯސްޓް