ޙަބަރު

އަދީބު ފިލުން، ކަސްޓަމްސްގެ އިހުމާލު ބޮޑު!

“ޒިންމާއިން ރެކިގަތުމާއި ފިލައިގެން ދިއުމަކީ އަހަރެންގެ އުސޫލެއް ނޫނެވެ. ތިބާގެ ހިދުމަތުގައި އުފުލަންޖެހުނު ކޮންމެ ޒިންމާއެއް އުފުލައި، ހުރަސްތައް ގިރާކޮށް، ކުރިމަތިލާންޖެހުނު ކޮންމެ ކަމެއްގައިމި ކުރިމަތި ލަނީ ލޯބީގެ ހައްގުގަ އެވެ. ތިޔައީ އަހަރެން ލޯބިވާ އަހަރެންގެ ގައުމެވެ. ދިވެހި ރާއްޖެ އެވެ.” މިއީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ޓްވިޓާގައި ވިދާޅުވެފައިވާ ބަސްކޮޅެކެވެ.
އެކަމަކު ފިލައިގެން ނުދާނެ ކަމަށް ބުނެ އެތައް ޔަގީންކަމެއް ދިނުމަށް ފަހު، ކުއްލިޔަކަށް މިއަދު އިންޑިއާ ފުލުހުން އަދީބު ހައްޔަރު ކޮށްފި އެވެ؛ ރާއްޖޭން ފުރައިގެން އެ ގައުމަށް ދިޔަ “ވާގޯ 6” ނަމަކަށްކިޔާ ޓަގެއްގެ ކުރޫއެއްގެ ގޮތުގައި، ފިލައިގެން އެ ގައުމަށް އެތެރެވުމުންނެވެ. އިންޑިއާގެ ޖާސޫސީ އިދާރާ އިން މިހާރު ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އަދީބު ފިލި ގޮތުން ގިނަ މުވައްސަސާތަކެއް ފެއިލްވެފައިވާކަން ހާމަވެއްޖެ އެވެ. އެގޮތުން އެކަމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނެ އެއް މުވައްސަސާ އަކީ ކަސްޓަމްސް އެވެ. ރާއްޖޭން ބޭރަށް ބޯޓެއް ފުރޭނީ ކަސްޓަމްސް އިން ޗެކްކޮށް، އެކަމަށް ހުއްދަ ދިނުމުންނެވެ. ބޯޓުގެ ފަޅުވެރިންގެ މައުލޫމާތު ވެސް ކަސްޓަމްސް ގައި ހުންނާނެ އެވެ. އަދި ބޯޓު ފުރުމުގެ ހުއްދަ ދޭނީ، ކަސްޓަމުން އެ ބޯޓަށް ގޮސް ޗެކް ކޮށް، ބެލުމަށް ފަހު އެވެ.

އެކަމަކު ކަސްޓަމަށް ނޭގި އަދީބު އެ ބޯޓަށް އަރައި، އިންޑިއާ އާ ހަމައަށް ދިޔައިރު ވެސް ހަމަ އެކަން ނޭގުމުން އެއީ ކިހާ ބޮޑު މައްސަލައެއް ހެއްޔެވެ؟

މިއީ ކަނޑުމަގުން ރާއްޖޭން މީހަކު ފިލައިގެން ދިޔަ ކަން ފަހުގެ ތާރީހެއްގައި ރިޕޯޓްކުރެވޭ ދެ ވަނަ ފަހަރެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރި ފްރާންސްގެ ޖީން މަނޮން މޯޓެޓް ފިލައިގެން އެ ގައުމަށް ދިޔައީ ވެސް އޭނާ ފަހުން ކިޔައިދިން ގޮތުގައި ރާއްޖެ އަށް އާ ބޭރުގެ ޔޮޓެއްގަ އެވެ.

އެ މައްސަލަ މީޑިއާ އަށް ތިލަވުމުން ވެސް ކަސްޓަމްސް އިން އެކަން ނުބަލާ ދޫކޮށްލީ ހެއްޔެވެ؟ ދެ ވަނަ ފަހަރަށް، އަދި ހާއްސަކޮށް އަދީބު ފަދަ ހައި ޕްރޮފައިލް ބޭފުޅަކަށް އެގޮތަށް ފިލުމުގެ ފުރުސަތު ލިބޭނީ، ރާއްޖޭގެ ކަނޑުގެ ދޮރާށި އެއްކޮށް ފެއިލްވުމުން ނޫންހެއްޔެވެ.

އަދީބު ފިލުމާއި ގުޅޭގޮތުން ކަސްޓަމްސް އިން ބުނަނީ ފުލުހުންނަށް ގުޅުމަށެވެ. ނަމަވެސް ފުލުހުން ބުނަނީ ފޮރިން މިނިސްޓްރީ އަށް ގުޅުމަށެވެ. ފޮރިން މިނިސްޓްރީން ބުނަނީ އެ މައްސަލާގެ މައުލޫމާތު އެ މިނިސްޓްރީ އަށް ރަސްމީކޮށް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާ އަކުން އަދި އެކަމާ ގުޅޭގޮތުން މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ވެސް “ޑީޕީ” އިން ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި ކަސްޓަމްސްގެ އިސް ވެރިންގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ވެސް، ފޯނަށް ޖަވާބުނުދޭތީ ވަނީ ކާމިޔާބު ނުވެފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ބަންދުގައި ތިބޭ މީހުންގެ ވަކީލަކަށް ވާން އަމިއްލަ އަށް ހުށަހެޅޭގޮތް ހަދައިފި

ދިވެހި ޕޯސްޓް

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަހުގެ ތެރޭގައި އިއުލާނުކުރަނީ

ދިވެހި ޕޯސްޓް

ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދަނީ

ދިވެހި ޕޯސްޓް