ޙަބަރު

ވީރާނާވި ޕާކިން ސިސްޓަމް: ދިވެހިންނަކީ ހަމަ އެހާ މުއްސަނދި ބަޔަކީ ހެއްޔެވެ؟

އެއީ މީގެ ތިން އަހަރު ކުރިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި މާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ފެށީ މާލޭގެ ކާރޫބާރޫބޮޑު މަގުތަކަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެއެވެ. އެގޮތުން އެންމެ ގިނައިން މީހުން ހިދުމަތް ހޯދާ ސަރަހައްދުތަކުގައި އެތަކެތި ބެހެއްޓިއެވެ. އެކަމަކު ޕާކިން ސިސްޓަމްތަކުގެ ބޭނުން ނުކުރެވި އެތަކެތި ދަބަރަށްވެފައި ވަނިކޮށް ސަރުކާރު ބަދަލުވެ، މިވަނީ ޕާކިން ސިސްޓަމްތައް ނަގަން ފަށާފަ އެވެ.
ޕާކިން ސިސްޓަމްތައް ނަގައި ސަރުކާރުގެ އަމާޒަކީ އެތަންތަން ޕާކިން ޒޯނުތަކަށް ބަދަލުކުރުމެވެ. ޕްލޭނިން މިނިސްޓްރީން ބުނާ ގޮތުގައި، ކުރީ ސަރުކާރުން މާލޭގައި ބެހެއްޓި ޕާކިން ސިސްޓަމްތަކަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ސިސްޓަމްތަކެއް ނޫނެވެ. އެއީ އެއްވެސް ޕްލޭނެއް ނެތި މިދިޔަ ސަރުކާރުން ހިންގި މަޝްރޫއެއް ކަމަށް މި ސަރުކާރުން ބުނި ނަމަވެސް ކުރީގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު އެކަން ދޮގު ކުރައްވައެވެ. މުއިއްޒު ވިދާޅުވީ، އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ޕްލޭނިން ޑިޕާޓްމަންޓުގައި އެކަމުގެ ލިޔެކިޔުމާއި ކުރެހުން އަދި ޗާޓުތައް ވެސް ހުންނާނެ ކަމަށެވެ.

ކޮންމެއަކަސް، އެއީ އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކޮށްލާ ނިންމާލެވެން އޮތް ކަމެއް ނޫނެވެ. އެ މަޝްރޫއު ހިންގުމަށް ދައުލަތުގެ ބަޖެޓުން ޖުމްލަ، 59،493،520 (ފަންސާސް ނުވަ މިލިއަން ހަތަރު ސަތޭކަ ނުވަދިހަ ތިން ހާސް ފަސް ސަތޭކަ ވިހި) ރުފިޔާ ހޭދަކުރިއެވެ. އެ ފައިސާ ފެނަށް ދުއްވާލުމުން ގެއްލުން ވަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ކުރީގެ ސަރުކާރަށް ނޫނީ މި ސަރުކާރަކަށް ނޫނެވެ. ގެއްލުން ވަނީ ދިވެހި ރައްޔިތުންނަށެވެ. އެ 60 މިލިއަން ރުފިޔާ އަކީ ދިވެހިންގެ ފައިސާ އެވެ.

އެންމެ އަސާސީ ހިދުމަތް ނުލިބޭ ރަށްރަށް ވެސް ރާއްޖޭގައި ހުރިއިރު އެ ރަށްރަށުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ބަދަލުގައި ބާދަގަނޑަށް ވުމަށް ޕާކިން ސިސްޓަމްތައް ދޫކޮށްލައި ދައުލަތުގެ ބަޖެޓުން އެހާ ގިނަ ފައިސާ ބޭކާރުވުމުގެ ޒިންމާ ނަގާނެ މީހަކު ނެތުމަކީ ބޮޑު މައްސަލައެކެވެ. ގައިމު އެ ފައިސާއަކީ ކިތައް ރަށުގެ ތަރައްގީގެ މަޝްރޫއު ހިންގޭނެ ފައިސާ ހެއްޔެވެ؟ ކިތައް ރަށުގެ ފެނާއި ނަރުދަމާ ހެއްޔެވެ؟ ކިތައް ރަށުގެ ބަނދަރު ހެއްޔެވެ؟ އެންމެ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައިވާ ބޮޑު އާބާދީއެއް ރަށްރަށުގައި އުޅެމުންދާއިރު، އެ ފައިސާތައް ފެނަށް ދުއްވާލަން ހެޔޮވާނެ ހެއްޔެވެ؟

އިއްޔެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެތަކެތި ނަގައި އެ ސިސްޓަމުތައް ފަހުން ބޭނުން ކުރަން ޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި “ތެޔޮ ލައި ރައްކާކުރާނެ” ކަމަށް ވިދާޅުވެފަ އެވެ. ތެޔޮ ލައި ރައްކާކުރުމުން ވެސް ފުދޭކަށް ނެތެވެ. އެއީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލައި އާންމުންނަށް އޭގެ ފައިދާ ނުލިބުނު މަޝްރޫއަކަށް ވާތީއެވެ. ނުވިތާކަށް ބޭނުން ނުކުރެވޭނެ ކަމަށް ބަލައި، ނެގި ދަގަނޑުތަކެއް “ތެޔޮ ލައި ރައްކާކޮށްގެން” ފަހުން ވަކި ކުރެވޭނީ ކޮން ބޭނުމެއް ހެއްޔެވެ؟

އެ ފައިސާއަކީ އެތައް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ކުރެވޭނެހާ ފައިސާއެވެ. ނުވަތަ ތައުލީމާއި ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅު ކުރެވޭނެހާ ވެސް ފައިސާއެވެ. އެކަމަކު ބޮޑު ހަރަދެއްކޮށް ގާއިމުކުރި އެތަކެތީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވިގެން ދިއުމަކީ އެ ފައިސާ ގޮނޑަށް އުކާލުން ފަދަ ކަމެކެވެ. އެކަމަކު ހިތާހިތާ ކޮށްލަން ރަނގަޅު ސުވާލަކީ ދިވެހިން ހަމަ އެހާ ވެސް މުއްސަނދިތޯއެވެ،؟ އިއްޔެ ވެސް މިނިސްޓަރު ވިދާޅުވީ މަޝްރޫއުތައް ހިންގާނެ ފައިސާ ދައުލަތުގެ ބަޖެޓުގައި ނެތް ވާހަކަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ނޫސްވެެރިޔާގެ މަރުގެ ތަހުގީގު ޓީމުން ތުރުކީގެ ޕްރޮސެކިއުޓަރާ ބައްދަލުކޮށްފި

ދިވެހި ޕޯސްޓް

އެމްޑީޕީގެ ސަރުކާރެއް އެމްޑީޕީގެ ރައީސް ވައްޓައެއް ނުލާނެ: ދިޔާނާ

ދިވެހި ޕޯސްޓް

އެސްއޯއެފުން އަޅުގަނޑަށް އެއްވެސް ފައިސާއެއް ދީފައެއް ނެތް: ރިޔާޒު

ދިވެހި ޕޯސްޓް