ޙަބަރު

“މަވަރެއް ނެތިގެން” އުޅޭ މީހުންވެސް އުޅޭ ދޯ އެވެ!

“މަވަރެއް ނެތިގެން” އުޅޭ މީހުން މަދުން ނަމަވެސް ރާއްޖޭން އެބަ ފެނެ އެވެ. އެމީހުންނަށް އެގޮތަށް ހީވަނީ ވެސް ކަމެއް ވެގެންނެވެ. އެއީ އެމީހުންގެ ހުރި މުއްސަނދި ކަމާއި ނުފޫޒު ގަދަ އާއިލާތަކުން އެމީހުން އައިސްފައި ވާތީ ކޮންމެ ސަރުކާރެއް އޮތަސް އެފަދަ ބައެއް މީހުން ތިބި މަގާމުތަކުން ވަކި ނުކުރެވޭނެކަން އެނގޭތީ “އަމިއްލަ އަމިއްލައަށް ވާ ފޮންޏެވެ.”
ބައެއް މީހުންނަކީ ބާރުވެރި ކަމެއް ލިބުމުން އެކަން ދޫކޮށްލަށް ބޭނުން ނުވެ، އުމުރު ދުވަހަށް އެ ބާރުވެރި ކަމުގައި އުޅެން ބޭނުންވާ މީހުންނެވެ. އެފަދަ މީހުންނަށް ގިނަ ފަހަރު ހީވެފައި އޮންނަނީ މިއީ އެމީހުންގެ އަމިއްލަ ކުންފުންޏެއް ގޮތުގަ އެވެ. އެމީހުންނަކީ އެކުންފުނީގެ ވެރިން ކަމަށް ދެކި ހިތު ހުރިހާ ގޮތަކަށް ކަންކަން ކުރާކަން ވަރަށް ގިނަ ފަހަރު ފާހަގަކުރެވެ އެވެ.

ކޮންމެވެސް ވަރަކަށް މީގެ ކުރިން ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާލަމާ ހިނގާށެވެ.

ރާއްޖޭގައި ނުފޫޒު ގަދަ ދެތިން ވިޔަފާރިވެރިން އުޅެ އެވެ. އެ މީހުންގެ އާއިތާލަކަކީ ވެސް ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ކަންކަމުގައި އެންމެ ނުފޫޒު ގަދަ ފަރާތްތަކެވެ. ކޮންމެ ސަރުކާރެއް އަޔަސް އެ ސަރުކާރެއް އެމީހުންގެ މުށު ތެރެއަށް ލުމަކީ އެ ފަރާތްތަކަށް އެހާ އުނދަގޫ ކަމެއް ނޫނެވެ.

ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނަށް ބަލާއިރު، ކޮލިގެ އާއިލީ ވިޔަފާރި އާއި ޗަންޕާ އާއިލީ ވިޔަފާރި އާއި ވިލާ ގްރޫޕްގެ އާއިލީ ވިޔަފާރީގެ ނުފޫޒު ކޮންމެ ސަރުކާރަކަށް އޮވެ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތަކުގައި، އިންތިހާބުވާ ސަރުކާރަކާ ދިމާ އިދިކޮޅަށް އެތައް ކަމެއް ކުރިޔަސް، އިންތިހާބުވުމަށް ފަހު، އިސާހިތަކުން އެ ސަރުކާރެއް އެ ވިޔަފާރިވެރިންގެ މުށު ތެރެއަށް ގެނެ އެވެ. އަދި ވަރަށް ގިނަ ފަހަރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި “ދެ ކޮޅަށް ކުޅޭތަން” ފެނެ އެވެ. އެއީ ވަރަށް ސިއްރިއްޔާތުގައި ކުރާ ކަމެކެވެ.

މީގެ އިތުރުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަމިއްލަ އަމިއްލަ އަށް މަގާމު ދިފާއު ކުރައްވާ ބޭފުޅުން ވެސް އުޅުއްވަ އެވެ. އޭގެ އެއް މިސާލަކީ އާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށުމާއެކު، ވަގުތީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނެވެ. ހާއްސަކޮށް، އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ އަމިއްލަފުޅަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީފުޅެއް ފޮނުއްވާ އެ ފަނޑިޔާރުންނަކީ ދާއިމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް އަމިއްލަފުޅަށް ވިދާޅުވެ، މަގާމު ދިފާއު ކުރައްވާފަ އެވެ.

މުޅި ދައުލަތް އޮޅުން ބޮޅުން ކުރަން ފެށި ހިސާބަކީ އެއީ އެވެ. އޭގެ ފަހުން ޖުޑީޝަރީގެ ނުފޫޒުން ރައްޔިތުން ރިޔާސީ އިންތިހާބުގައި ލި ވޯޓެއް ބާތިލްކޮށް، އެމީހުންގެ ވެސް މަގާމު ދިފާއު ކުރެއްވުމަށް، ވަކި މީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އައްޔަން ކުރުމުގެ ނިޔަތް ގަނެ، އެކަން ވެސް ވަނީ ކޮށްފަ އެވެ. އެންމެ ފަހުން އާހިރު ނަތީޖާ އެ އޮތީ ފެންނާށެވެ. ގަދަ ބާރުން އެކަކަށް ވެސް މަގާމުގައި ނުހުންނެވޭނެކަން ހުދު އެ ފަނޑީޔާރުންނަށް ވެސް މިހާރު ވިސްނޭނެތާ އެވެ. އެމީހުންގެ ނޫފުޒު ބޭނުންކޮށްގެން އިންތިހާބު ކުރި ރައީސް އެންމެ ފަހުން، ދައުރު ނިންމާލީ އެ ފަނިޑިޔާރުން ވެސް ޖަލަށްލާފަ އެވެ. މަގާމުން ވެސް ވަކިކޮށްފަ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް “ޒީރޯ ޓޮލަރެންސް” ގެ ސިޔާސަތެއް ގެންގުޅުއްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން ވެސް އެފަދަ މައްސަލަތައް ފެންމަތިވަމުން އެބަދެ އެވެ.

އޭގެ އެއް މައްސަލަ އަކީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތާއި ގުޅުން ހުރި ބޮޑެތި މީހުން އަދިވެސް މަގާމުތަކުގައި ތިއްބެވުމާއި އެ މައްސަލައަށް އަވަސް ހައްލެއް ނުގެނެވި ރައްޔިތުންގެ ނުރުހުން ސަރުކާރަށް އޮހެމުންދާ ދިއުމެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން ރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ އެމްއެމްއޭ އާއި ބޭންކް އޮފް މޯލްޑިވްސްގެ ބައިވެރިވާކަމުގެ ތުހުމަތު ކުރާއިރު، އެތަންތަނުގައި އިސްކޮށް އޭރު އުޅުއްވި ބޭފުޅުން އަދިވެސް މަގާމުތަކުގައި އެބަތިއްބެވި އެވެ. ނުވިތާކަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލުމަށް އެމީހުންގެ އެހީތެރިން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އެކި ތަންތަނަށް އައްޔަން ކުރަމުން ވެސް އެބަދެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގާ ގުޅިގެން، އެކަމަށް އަވަސް ހައްލެއް ނުގެނެވިގެން، މި ސަރުކާރު ވެސް ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ.

ހަގީގަތުގައި ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އަށް އަވަސް ހައްލެއް ބޭނުން ވެއެވެ. ނިކަން ބަލާބަލާށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ އެކުއެކީގަހެން ހަމަ އެއްކަހަލަ ގޮތަކަށް، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވެސް ވަނީ ބޮޑު ހިޔާނާތެއް ހިންގާފަ އެވެ. ނަޖީބު ރައްޒާގުގެ މައްޗަށް އުފުލިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރޭގައި، އޭނާގެ ބޮޑުވަޒީރު ކަމުގައި އުފެއްދި ދައުލަތުގެ ތަރައްގީގެ ފަންޑު، 1 މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދުން އެތައް ބިލިއަން ޑޮލަރެއް ގެއްލުނު މައްސަލަތައް ވެސް ހިމެނެ އެވެ.

ނަމަވެސް ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމާއެކު އޭނާ އާއި އޭނާގެ ހިޔާނާތުގެ ބައިވެރިޔާ އަދި އަންހެނުންނަށް މެލޭޝިއާ އިން ނުފުރޭ ގޮތަށް ހެދުމަށްފަހު، އެ މައްސަލަތައް ތަހުގީގުކޮށް، އަދި ފަހުން އޭނާ ޖަލަށް ވެސް ލި އެވެ. އޭނާގެ މައްޗަށް ހިންގޭ ޝަރީއަތްތައް އޮތީ ނިމުމާ ހަމައިގަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ދިވެހި ރައްޔިތުން ޝަކުވާ ކުރަނީ އިންސާފު ގާއިމު ކުރުމުގައި ރާއްޖެ މާފަހަތުގައި އުޅޭތީ އެވެ.

މަވަރެއް ނެތިގެން އުޅޭ ބަޔަކު އުޅޭ ކަމަށް މިދިޔަ ހަފްތާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވެސް ވަނީ ފާހަގަކުރައްވާފަ އެވެ. ޔައުގޫބު އެ ވިދާޅުވާ ވިދާޅުވުމަކީ ވަރަށް ސީރިއަސް މައްސަލަ އެކެވެ. އަދި ވައްކަމާއި ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންނަށް ދައުލަތުގެ ހިމާޔަތް ލިބި އިހު ހިނގި މަގުން ކަންކަން ކުރުމަށް ފުރުސަތު ދިނުމަކީ ރައްޔިތުން މި ސަރުކާރާއި ރައީސް ސޯލިހަށް ކުރާ އިތުބާރު ގެއްލި ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ކޮޅުންލައިފާނެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެސްއޯއެފުން ފައިސާ ލިބުނު މޭޖާ ނަވީނަށް ފިޔަވަޅު އަޅާނަން: ޝަމާލް

ދިވެހި ޕޯސްޓް

އަނިޔާ އާއި ދެކޮޅު ސަރުކާރު ފުރަތަމަ ޓެސްޓުން ފެއިލް؟

ދިވެހި ޕޯސްޓް

މަހްލޫފާއި އަކްރަމްގެ މައްސަލައިން ފާހަގަވި ކަންކަން ރައީސް އަށް އަންގަވައިފި

ދިވެހި ޕޯސްޓް