ޙަބަރު

ސަލާމަތީ ބާރުތައް ފެއިލްވެ، ގައުމުގެ ސަލާމަތައް ނުރައްކާ!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ދުނިޔޭގައި ނެތް ވަރުގެ ކުށްވެރިއެއް ކަމަށް ނިޔާ ކަނޑައަޅައިގެން ތިބީ އެމްޑީޕީ އިންނެވެ. މިއަދު އެމްޑީޕީގެ ވެރިކަމުގައި އަދީބު އެވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ބާރު ނުހިނގާ ގައުމަކުން ސިޔާސީ ހިމާޔަތައް އަދީބު ވަނީ އެދިވަޑައިގެންފައެވެ. މިއާއި އެކު ކުރަން ޖެހޭ ވަރަށް ގިނަ ސުވާލާއި، ސަމާލުކަން ދޭން ޖެހޭ ވަރަށް ގިނަ މައްސަލަތައް އެބަހުއްޓެވެ.

އަދީބުގެ މައްޗަށް ބަޔަކު ތުހުމަތު ކުރާ ކިތަންމެ މައްސަލައެއް އެބަހުއްޓެވެ. އެފަދަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އަދި ދިވެހި ފުލުހުން 24/7 ގައި ބަލަހައްޓަމުން އައީ “ބޮޑު ކުށްވެރިޔަކު” މިހާ ފަސޭހައިން ފިލައިގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ އަދީބު މިނިވަންކޮށްފިނަމަ ކުރިމަތިވާނެ ޕްރެޝަރުން ސަލާމަތްވުމަށް ސަރުކާރުގެ ހުއްދަ އޮވެގެން، ސަރުކާރަށް އެނގިގެން އަދީބު ރާއްޖެ އިން ފުރައިގެން ދިޔައީ ހެއްޔެވެ؟ އަދީބަށް ރާއްޖެ އިން ފުރައިގެން ދެވުނީ ހަޤީޤަތުގައި ވެސް އެއްވެސް ރަސްމީ އިދާރާއަކަށް ނޭނގި ކަމަށްވާނަމަ، ރާއްޖޭގެ ގައުމީ ސަލާމަތައް މިއަދު އޮތް ޔަގީންކަމަކީ ކޮބައި ހެއްޔެވެ؟

މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު އިންޑިއާ އިން އަދީބު ހައްޔަރު ކޮށްފައި ވަނީ އަދީބު ދަތުރުކުރި ޓަގް ބޯޓްގައި ހުރި ފަޅުވެރިޔަކު ދިން މައުލޫމާތެއްގެ މައްޗަށް ބިނާ ކޮށެވެ. މާނައަކީ ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކަކުން، ދިވެހިރާއްޖޭގެ އިންޓެލިޖެންސަކުން އަދީބު ހައްޔަރު ކުރަން އިންޑިއާ އަށް އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.

ބުނެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ގެނައުމަށް އަދީބު ނުވަތަ އަދީބުގެ ގާތް ބަޔަކު ޚަރަދުތަކެއް ކޮށްފައިވެއެވެ. އެއީ އުމުރު ދުވަހުގެ ޖަލު ޙުކުމުން އަދީބު ސަލާމަތްވުމަށްޓަކައި ކުރި ޚަރަދުތަކެކެވެ. އެފަދަ ޚަރަދުތަކެއް އަދީބު ކޮށްފައިވާނަމަ އޭގެ ބަދަލު ހޯދަން އަދީބު ވެސް ޑިމާންޑްތަކެއް ކުރާނެއެވެ. އަދީބުގެ ޑިމާންޑަކަށް ވާނީ ޖަލު ޙުކުމުން ސަލާމަތްވުމެވެ.

އަދީބު މިނިވަން ކުރަން ސަރުކާރުން އަދީބާއި އެކު ޑީލެއް ހަދާފައި ވީނަމަވެސް އަދީބު މިނިވަން ކުރުން އެއީ ސިޔާސީ ގޮތުން ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދީބު މިނިވަންކޮށް ދޫކޮށްލުމަށް ފަހު ކުރީ ސަރުކާރުގެ އެހެން ވެރިން ޖަލަށް ލުން އެއީ ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން ސަރުކާރަށް އެންމެ މަސްލަހަތު ބޮޑު ގޮތަކީ އަދި ސަރުކާރަށް ނަން ނުވެ، ކަންކޮށް ނިންމާލެވެން އޮތީ އަދީބު ސިއްރުން ރާއްޖެ އިން ފުރުވާލައިގެންނެވެ. މިތިއަރީ އަށް ބުރަވެ ވާހަކަދައްކާނަމަ އަދީބު ރާއްޖެ އިން ފުރައިގެން ގޮސްފައި ވާނީ ސަރުކާރަށް އެނގިގެން، ސަރުކާރުގެ ވެރިންގެ “ހުއްދަ” އޮވެގެން ކަމަށް ވުން ވަރަށް ގާތެވެ.

އަދީބު ދިޔައީ އިއްޔެގެ ކުރީ ދުވަހު ވެސް ފުލުހުންނާއި ފޯނުން މުއާމަލާތު ކުރަމުން ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން ފޯންގެ ލޮކޭޝަން ބަލައިގެން ވެސް އަދީބު ހުރިތަން ފުލުހުންނަށް ފާހަގަ ކުރެވެން ވާނެއެވެ. އެކަން ފުލުހުން ނުކުރީ އަދީބު “ރައްކާތެރިކަމާއި އެކު” ބޭރަށް ފޮނުވާލުމަކީ ސަރުކާރުގެ މަޤުޞަދު ކަމަށް ވާތީ ކަމުގައި ބުނުމުގެ ފުރުސަތު އެބައޮތެވެ.

އަދީބަށް ފުލުހުން 24 ގަޑިއިރު ފާރަލަމުން އައި ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ. އެހެންކަމަށް ވާނަމަ އަދީބު ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް އެނގެން ވާނީކީ މީސް މީޑިއާކުން ނޫނެވެ. ބޮޑެތި ކުށްވެރިންގެ މައުލޫމާތު ފުލުހުން ހޯދަނީ މީސް މީޑިއާ އިން ކަމުގައި ވާނަމަ އޭގެ މާނައަކީ ފުލުހުންގެ ވެރިންގެ ކިބައިގައި މަގާމުގެ ޒިންމާ އަދާކުރެވޭ ވަރުގެ ގާބިލްކަމެއް ނެތެވެ.

އަދީބު ރާއްޖެ އިން ފުރައިގެން ދިޔައިރު ރާއްޖޭގެ އިންޓެލިޖެންސަށް އެމައުލޫމާތު ނޭނގި އޮތްނަމަ އެއީ އަދި މާބިރުވެރި ކަމެކެވެ. އަދީބަށް ވުރެ މާ ނުރައްކާތެރި ވިސްނުން ގެންގުޅޭ އެތައް ބަޔަކު ވެސް ރާއްޖޭގައި އުޅޭނެއެވެ. ދުނިޔޭގެ ބައެއް ގައުމުތަކަށް ހަނގުރާމައަށް ގޮސްފައި އެނބުރި އައިސް ރާއްޖޭގައި ދިރިއުޅޭ ދިވެހިން އެބަތިއްބެވެ. ހަރުކަށި ދީނީ ފިކުރުތަކާއި، ދީން ގަބޫލު ނުކުރާ އެތައް ބަޔަކު އެބަތިއްބެވެ.

އެފަދަ މީހުން ކޮށްފާނެ ކަމަކަށް ގައުމުގެ ސަލާމަތީ ބާރުތަކުން ތައްޔާރަށް ތިބެން ޖެހެއެވެ. އެމީހުންނަށް ފާރަލާން ޖެހެއެވެ. ނަމަވެސް އެގާބިލްކަން ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި އެބަހުރިތޯ މިހާރު ސުވާލު އުފައްދަން އެބަޖެހެއެވެ.

އަދީބު ސަލާމަތީ ބާރުތަކުގެ އަތްދަށުން ދެމިގަނެގެން ދިޔައިރު، އަދީބަށް ވުރެ ނުރައްކާތެރި އެހެން ކުށްވެރިންތަކެއް ވެސް މިގޮތައް ފިލައިގެން ނުދާނެ ކަމުގެ މިހާރު އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ އެފަދަ ކުށްވެރިންތަކެއް ކޮށްފާނެ ކަމެއް، ކުރުމަށް ރާވަމުން ދަނިކޮށް އަތުލައިގަތުމުގެ ގާބިލްކަން ސަލާމަތީ ބާރުތަކުގައ ހުރީ ކިހައި މިންވަރަކަށް ހެއްޔެވެ؟ ކުށްވެރިންނަށް ފާރަލުމުގެ ގާބިލްކަން ރާއްޖޭގެ އިންޓެލިޖެންސްގައި ނެތީ ހެއްޔެވެ؟

އަދީބު ރާއްޖެ އިން ފުރައިގެން ދިއުމަކީ ގައުމީ ސަލާމަތައް ހުރި ނުރައްކަލެކެވެ. އަދީބު ރާއްޖެ އިން ފުރައިގެން ދިޔައީ ދިވެހި ސަރުކާރަށް އެނގިގެން ކަމަށް ވީނަމަވެސް ނުވަތަ ނޭނގި ކަމަށް ވީނަމަވެސް އެއީ ސަލާމަތީ ބާރުތަކުގެ ވެރިން ފުރިހަމަ އަށް ޒިންމާ އުފުލަން ޖެހޭ ކަމެކެވެ. އަދި ސަލާމަތީ ބާރުތަކުގެ ވެރިންނާއި ވަލިއްޔުލް އަމްރު ފެއިލްވެފައިވާ ކަމުގެ ހެއްކަކަށް މިކަން ފުދެއެވެ.

އެންމެ ކުށްވެރިޔަކު ނުބެލެހެއްޓުނު ބަޔަކަށް ހަތަރު ފަރާތުން ނުރައްކާ ބޮޑުވެފައިވާ ގައުމު ބެލެހެއްޓިދާނެ ކަމާއި މެދު ދެން އިތުރަށް ޝައްކު ކުރާނެ ޖާގައެއް ވެސް ނެތެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޔާމީނަށް އެސްކްރޯ އެކައުންޓް ހުޅުވި ސަބަބެއް އޭސީސީން ނުބުނި!

ދިވެހި ޕޯސްޓް

މޯދީއަށް ރަސްމީ ގޮތުން މަރުޙަބާ ދަންނަވައިފި

ދިވެހި ޕޯސްޓް

ލ. ލިންކްރޯޑްގައި އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެ

ދިވެހި ޕޯސްޓް