ްކޮލަމ

ލާދީނީ ޒިންދާބާދު!

މުހައްމަދު ބުޝްރީ

ރައީސްކަމުގެ ހުވާ ކުރެއްވިތާ އެއްމަސް ދުވަސްތެރޭ، 16 ޑިސެމްބަރ 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ވަޑައިގަތީ އިންޑިއާއަށެވެ. ރައީސްގެ 3 ދުވަހުގެ ރަސްމީ ދަތުރުފުޅަށްފަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް އޭގެ މަދު ދުވަސްކޮޅެއް ފަހުން ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފައެވެ. އަދި  ޖެނުއަރީ މަހު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ހާރިޖީ ވަޒީރާއި ދިފާއީ ވަޒީރާއި ސިފައިންގެ މޭޖަރ ޖެނެރަލ ޝަމާލް ފުލުފުލުގައި އިންޑިއާއަށް ވަޑައިގެންފި އެވެ. މާލީ ވަޒީރާއި އިގްތިސޯދީ ވަޒީރުވެސް އިންޑިއާއަށް ވަޑައިގެންފިއެވެ. ރައީސް ސޯލިހު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވި ބޭރު ޤައުމެއްގެ ހަމައެކަނި ވެރިއަކީ ވެސް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ! މިވަނީ ކީއްތޯއެވެ؟

މިދަތުރުފުޅުތަކަށް ފަހު އިންޑިއާއިން ވަނީ ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ނުވަތަ ލޯނުދޭން ނިންމައިފައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާގެ ދަރަނީގެ ދަންތުރާގައި ރާއްޖެ ޖެހެނީ ކަމަށްބުނެ ވާހަކަ ދެއްކެވި ސިޔާސީ ބޭފުޅުން މިއަދު ވެރިކަމަށް ވަޑައިގެން މިފެންނަނީ އިންޑިއާގެ ދަރަނީގެ ދަންތުރައަކަށް ރާއްޖެ މަހައިލަން އެއްބަސްވާ ތަނެވެ. 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭސް ކޮށްފައިވާ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި އިންޑިއާގެ 60 ސިފައިންގެ މައްސަލައިގައި ދިވެހީންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާއިރު ދިފާއީ ވަޒީރު މާރިޔާ ދީދީ އަކީ މި ހެލިކޮޕްޓަރުތައް ރާއްޖޭގައި ބެހެއްޓުމުގެ ދިފާއުގައި ވަރަށް ގިނަ ވާހަކަ ދައްކަވަމުން ގިނަ ގުނަ ޓްވީޓް ތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެއިން ހެލިކޮޕްޓަރެއްގައި ދިވެހި ބަލި މީހަކު އުފުލައިފި ނަމަ އެކަމުގެ ފޮޓޯއާ އެކު އެވާހަކަ މާރިއާ ޓްވީޓް ކުރައްވަނީ އިންޑިއާ ނޭވީގެ ސްޕޯކްސްޕާސަނެއް ފަދައިންނެވެ. އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދިފާއީ ވަޒީރު ވިދާޅުވެފައިވަނީ އިންޑިއާ ނޫން އެހެން ޤައުމަކުން އަސްކަރީ އެހީ ރާއްޖެއަށް ބޭނުން ނުވާ ކަމަށެވެ. މިއީ ހަޤީގަތުގައި ވިދާޅުވާން ޖެހޭ އެއްޗެއްވެސް ނޫނެވެ. ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގެ ދިފާއީ ވަޒީރަކު މިކަހަލަ ޅައެއްޗެއް ނާޅުއްވާނެކަން ޔަގީނެވެ. މިއީ ބައިންލްއަޤްވާމީ ޑިޕްލޮމެސީ އެނގިވަޑައިގަތަސް، އަމިއްލަ އެޖެންޑާގެ ބޮޑުކަމުން ރަނގަޅަށް ނުވިސްނަވައި ވިދާޅުވެވޭ ކަހަލަ ވާހަކަތަކެވެ.

މާރިޔާ އާއި ޝަމާލްގެ ދަތުރުފުޅަށްފަހު މިހާރު ހަމަޖެހިފައިވަނީ އިންޑިއާގެ ޑޯނިއާރ މަރުކާގެ މަތިންދާ ބޯޓަކާއި އެބޯޓު އުދުއްސާނެ އިންޑިއާ ސިފައިންވެސް ރާއްޖޭގައި ބައިތިއްބާ ގޮތަށެވެ. އިންޑިއާގެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓާއި އިންޑިއާ ސިފައިން ރާއްޖޭގައި ބޭސް ކުރުމުން އެކަން އެވަނީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ރާއްޖޭގައި ހެދުމުގެ ފެށުމަކަށެވެ. އިންޑިއާގެ ރާޑަރ ސިސްޓަމެއް ރާއްޖޭގައި ބެހެއްޓުމުގެ މަޝްވަރާވެސް ދެ ޤައުމުގެ ދެމެދުގައި މިހާރު ހިނގަމުން އެބަދެއެވެ. މިކަންވެސް ވަރަށް އަވަހަށް ކުރުމަށް ދިވެހި ސަރުކާރުން އޮތީ އާނބަސް ދޭގޮތަށެވެ. އެއްބިލިއަން ޑޮލަރުގެ ލޯނު އިންޑިއާއިން ނެގުމުން ދިވެހި ޤައުމު އިންޑިއާއަށް ދަރަނިވެރިވީއެވެ. މިއީ އަޅުވެތިކަމުގެ ފެށުން ކަމުގައި ނުވަނީ ނަމަ ދެން އަޅުވެތިކަމަކީ ކޮބައިތޯއެވެ؟ ދުނިޔޭގެ އެއްވެސް މައްސަލައެއްގައި އިންޑިއާ ނުރުހޭ ބަހެއް ދިވެހި ސަރުކާރަށް މިހާރު ބުނާކަށް ނުކެރޭނެއެވެ. އެއީ އަޅުވެތި ކަމުގެ ފެށުމެވެ!

އިންޑިއާ ލައްވައި ރާއްޖެ އަޅުވެތި ކުރުވުމުގެ ފަހަތުގައި އޮތީ ސީދާ އެމެރިކާ އެވެ. ހާރިޖީ ވަޒީރު މި ޖެނުއަރީ މަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓުގެ އިސްވެރީންނާއި ނެޝެނަލް ސެކިއުރިޓީގެ އިސްވެރީންނާއި ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާ ތަކަކީ މިކަމުގެ ބިންގާ އެޅުއްވުމެވެ. އާއްމު ދިވެހި ރައްޔިތުންނަކަށް ތަފްސީލެއް ރޭކައެއް ނުލާނެއެވެ. ތަފްސީލު ނުވެސް ދެއްވައެވެ. ދިވެހި ޤައުމު މިދަނީ ސީދާ އެމެރިކާ އާއި އިންޑިއާގެ އަޅުވެތިކަމުގެ ދަށަށެވެ. އެއީ އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ކަނޑުވާލައި އެމެރިކާ އާއި އިންޑިއާގެ ބާރު ގަދަކުރުމުގެ ފިނި ހަނގުރާމައިގެ މުހިއްމު ބައެކެވެ. ދިވެހިރާއްޖެ މިވަނީ މިފިނި ހަނގުރާމައިގެ ކުޅިގަނޑުގެ ކުޑަ މަނާ އަކަށެވެ. ބޭނުންގޮތަކަށް ތަޅުވައިލެވޭ ކަހަލަ މަނާ ގަނޑަކަށެވެ!

މާސްޓަރޕްލޭން ވަރަށް ސާފެވެ. އެމް.ޑީ.ޕީން މިހާރު ހުށަހަޅާފައިވާ އިސްލާހީ ޕްލޭން ފާސްވެ ނިމޭއިރު ސުޕްރީމް ކޯޓުގެ ބާރު، ދަތްނެތް މިނިކާވަގަކާ އެއްވަރުވާނެއެވެ. ސުޕްރީމް ކޯޓުގެ ބާރުތައް ކުޑަކޮށް، ޖުޑިޝަލްއެޑްމިނިސްޓްރޭޓަރުގެ ބާރު ގަދަކޮށް، އޭޕްރިލް މަހު ބާއްވާ އާއްމު އިންތިހާބުން މަޖުލިހުގެ މެޖޯރިޓީ އެމް.ޑީ.ޕީއަށް ލިބުމުން މަޖުލިހުގެ ރައީސް ޤާސިމް އިބްރާހިމްގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި މަޖުލީހުގެ ރައީސަކަށް މުހައްމަދު ނަޝީދު ލުމަށް ރާވާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވެއެވެ. މަޖުލިހުގެ ރައީސް ކަމާއި މަޖުލިހުގެ ސާފު މެޖޯރިޓީ އެމް.ޑީ.ޕީއަށް ލިބުމުން ޤާނޫނުތައް ބަދަލުކޮށް މަޑުމަޑުން ސެކިއުލަރ ފިކުރާ އެއްގޮތަށް ރާއްޖޭގެ ޤާނޫނުތައް ބަދަލު ކުރުމަކީ ރައީސް ނަޝީދާއި އެމް.ޑީ.ޕީ ގެ އިސް ބައެއް ފަރާތްތަކުގެ ޒަމާންވީ ހުވަފެނެކެވެ.

އެއާއެކު އިނގެރޭސި ވިލާތާއި އެމެރިކާގެ އެމްބަސީ މާލޭގައި ގާއިމްކޮށް، ވޯލްޑް ބޭންކާއި އައި.އެމް.އެފް ގެ ލޯނުތައް ރާއްޖެއަށް ފަސޭހައިން ލިބޭނެ ގޮތަށް އިންޑިއާއާއި އެމެރިކާގެ ތާއިދާއެކު ހަމަޖެހިގެން ގޮސް، ރާއްޖެ ދުވަސްކޮޅަކުން އޮންނާނީ އިންޑިއާ އަށާއި ވޯލްޑް ބޭންކަށާއި އައި.އެމް.އެފަށް ދަރައި ވިކިފައެވެ. އިންޑިއާގެ ރާޑަރ ސިސްޓަމާއި އިންޑިއާ ސިފައިންނާއި އިންޑިއާ ސިފައިންގެ މަތިންދާ ބޯޓާއި ހެލިކޮޕްޓަރ އޭރު ރާއްޖޭގައި ހުންނާނެއެވެ.

އައްޑޫ ސިޓީގައި މިހާރު އިމާރާތް ކުރަމުންދާ މިލިޓަރީ ޓްރެއިނިންގް ސެންޓަރަކީވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. ނަޝީދަށާއި އެމް.ޑީ.ޕީއަށް މަޖުލިހުގެ ކޮންޓްރޯލް ލިބުމާއިއެކު އައްޑޫސިޓީގެ ގަން އެއާރޕޯރޓް އިންޑިއާގެ ޖީ.އެމް.އާރަށް 99 އަހަރަށް ކުއްޔަށް ދޭނެއެވެ. ގަން ވެގެންދާނީ އާހިރުގައި އިންޑިއާއާއި އެމެރިކާގެ މިލިޓަރީ ބޭސް އަކަށެވެ. ގަން އެއަރޕޯރޓްގެ އެއް ހިއްސާދާރު ކަމުގައިވާ ޗަމްޕާ އަފީފު ގަމުން ބޭރުކުރުމަކީ ރައީސް ނަޝީދު ފާޅުގައި މިހާރުވެސް ދައްކަވާ ވާހަކަ އެކެވެ. ނަޝީދު ވިޑާޅުވާގޮތުގައި ގަމުގެ ބެލެނިވެރިކަން އޮންނަންޖެހޭނީ ނަޝީދުގެ ގޮންޑިކޮއްކޮ އައްޑޫސިޓީ ކައުންސިލް އަށެވެ. އައްޑުގެ މޭޔަރު ސޯބެމެންނަކީ ނަޝީދު ވިދާޅުވި ޕޮޒިޝަނެއްގައި ވިދާޅުވި ގޮތަކަށް ތިބެ، ވިދާޅުވި ގޮތަކަށް ކަން ކުރައްވާ ބައެކެވެ. މަންޒަރު ވަރަށް ސާފެވެ.

ގަމުގައި އިންޑިއާގެ ބޭސް އެއް ހެދުމުގެ ބޭނުމަކީ ގަމާއި ވަރަށް ކައިރީގައިވާ އެމެރިކާގެ މިލިޓަރީ ބޭސް އެއް ކަމުގައިވާ ޑިއަގޯގާޝިއާގައި ކުރާ މިލިޓަރީ މަސައްކަތާއި ގަމުގެ މަސައްކަތް ގުޅުވާލުމެވެ. މިހުރިހާ ކަމެއް ނިމޭއިރު ދިވެހިރާއްޖެ އޮންނާނީ އެއްވެސް އަތަކަށް އަމިއްލަ އިހުތިޔާރުގައި ހެލި ނުލެވޭ ވަރަށް އިންޑިއާ އަށާއި އެމެރިކާ އަށް އަޅުވެތިވެ، މި ދެޤައުމަށް ދަރައިފައެވެ. ރާއްޖޭގެ މަޖުލިހުގައި އެއިރު އޮންނާނީ ސެކިއުލަރ ހިޔާލުގެ މެޖޯރިޓީ އެވެ. މަޖުލިހުގެ ރައީސަކަށް އިންނަވާނީ ސީދާ ނަޝީދެވެ.

އޭގެ ފަހުން ރައީސް ސޯލިހުގެ 5 އަހަރުގެ ދައުރު ނިމި ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވިވަޑައިގަންނަވާއިރު ރާއްޖޭގެ ސިޔާސީ ނިޒާމް އޮންނާނީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްފައެވެ. ބޮޑުވަޒީރަކަށް އިންނަވާނީ މުހައްމަދު ނަޝީދެވެ. ރައީސް ކަމުގެ މަޤާމު ވާނީ އިންޑިއާގެ ރައީސް ފަދައިން ރަމްޒީ ޝަރަފްވެރި މަގާމަކަށެވެ. ވެރިކަން ކުރައްވާނީ ބޮޑުވަޒީރު ނަޝީދެވެ. ދިވެހި ޖައްވުން އަޑުއިވޭނީ: ލާދީނިއްޔަތު ޒިންދާބާދު! ޖައި ހިންދު ފަދަ ޝިއާރު ތަކެވެ. ދިވެހިން އެއިރު ނުހަނު ތަނަވަސް ވާނެއެވެ. ނަމަވެސް ޤައުމުގެ މިނިވަންކަމެއް، ދީނުގެ އަގެއް މިފަސްގަނޑަކު އެއިރަކު ނޯންނާނެއެވެ. މިއީ މީ ދިވެހި ޤައުމުގެ މިސްރާބު މިހާރު ހުރި ދިމާލެވެ. އެއްބަޔަކު ބުނާނީ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަނެއް ބަޔަކު ބުނާނީ ހުރި އުފާވެރިކަމެއްގެ ބޮޑު ކަމާއެވެ! މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އައްޑޫ ސިޓީގެ ރައްޔިތުންނަށް ހައްގު މިންވަރު!

ދިވެހި ޕޯސްޓް

ރައްޔިތުން ހަނާވަނީއޭކިޔާ ގޮވި މީހުން ރައްޔިތުން ފަނާވާއިރު ކޮބާ؟

ދިވެހި ޕޯސްޓް

ކައިރި … ނަމަވެސް ދުރުގައިވާ މަލިކު

ދިވެހި ޕޯސްޓް